
ޓީއެމްއޭ މުވައްޒަފުންގެ މުސާރަ ވަގުތީގޮތުން ކުޑަކުރަން ނިންމައިފި

މުޙައްމަދު ފަޟްލޫން - 01 މޭ 2026 - 06:05
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓްރާންސް މޯލްޑިވިއަން އެއަރވޭޒް (ޓީއެމްއޭ) އިން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ވަގުތީ ގޮތުން ކުޑަކުރުމަށް ނިންމައިފިއެވެ.
ރާއްޖޭގެ އިޤްތިސާދުގެ މައިބަދަ ކަމަށްވާ ފަތުރުވެރިކަމަށް މިދުވަސްވަރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ވަނީ ނޭދެވޭ އަސަރުތަކެއް ކުރަން ފަށާފައެވެ. ވަކިން ޚާއްޞަކޮށް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އެ ސަރަހައްދުންނާއި އެ ސަރަހައްދު ހުރަސްކޮށް ރާއްޖެއަށް ކުރާ ދަތުރުތައް ގިނަ އަދަދަކަށް ކެންސަލްވުމުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ ބޮޑުތަނުން ދަށްވެފައެވެ. މީގެ ސަބަބުން ޓީއެމްއޭއިން އުފުލާ ފަސިންޖަރުންގެ އަދަދު ވެސް ވަނީ އިންތިހާއަށް މަދުވެފައެވެ.
ކުންފުނިން ހާމަކުރި ގޮތުގައި، ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި މީގެ ކުރިން ވެސް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އޭގެ ތެރޭގައި ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި އެހެން ހުރިހާ ޚަރަދުތަކެއް މަދުކުރުމާއި، ކެޕިޓަލް އެކްސްޕެންޑިޗަރ ނުވަތަ ރައުސްމާލީ ޚަރަދުތައް ކުޑަކުރުން ހިމެނެއެވެ. ނަމަވެސް، ފަތުރުވެރިން އަންނަ މިންވަރު އާދަޔާ ޚިލާފަށް ދަށްވަމުންދާތީ، ހަމައެކަނި އެ ފިޔަވަޅުތަކުން ކުންފުނީގެ މާލީ ދެމެހެއްޓެނިވިކަން ކަށަވަރު ނުކުރެވޭތީ މުސާރައަށް ބަދަލު ގެނައުން މިހާރު ވަނީ މަޖުބޫރުވެފައެވެ.
ޓީއެމްއޭއިން ނިންމާފައިވަނީ މިއަދުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަކަށް، ނުވަތަ 2026 ޖުލައި މަހުގެ ނިޔަލަށް މުސާރައަށް ވަގުތީ ބަދަލެއް ގެނައުމަށެވެ. އަދި ފަސިންޖަރުންގެ އަދަދު 2025 ވަނަ އަހަރު ހުރި މިންވަރަށް އިއާދަވުމާއެކު، މުވައްޒަފުންގެ މުސާރަތައް ކުރިން ހުރި މިންވަރަށް ރުޖޫޢަކުރާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ވަނީ ދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފުރަތަމަ ކުއާޓަރ ގައި މުދަލު ޒަކާތް %30 އިތުރު؛ 45.3 މިލިޔަން ރުފިޔާ ލިބިފައިވޭ
5 ގަޑިއިރު ކުރިން

އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުން ލަމްއާން އިސްތިއުފާދެއްވައިފި
5 ގަޑިއިރު ކުރިން

މިފްކޯގެ އެމްޑީގެ މަގާމަށް ޕީސީބީން އިސްތިއުފާ ދެއްވި އަނަސް އައްޔަނުކުރައްވައިފި
5 ގަޑިއިރު ކުރިން

ސަރުކާރު ޖަވާބުދާރީ ކުރެވެން އޮތީ ނޫސްވެރިންނަށް: ރައީސް ނަޝީދު
5 ގަޑިއިރު ކުރިން


.gif&w=3840&q=75)