logo

ފުރަތަމަ ކުއާޓަރ ގައި މުދަލު ޒަކާތް %30 އިތުރު؛ 45.3 މިލިޔަން ރުފިޔާ ލިބިފައިވޭ

profile

މުޙައްމަދު ފަޟްލޫން - 01 މޭ 2026 - 06:04

2026ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 30 އިންސައްތައަށްވުރެ އިތުރުވެއްޖެ.

https://wamco.com.mv/

މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި 45.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 34.8 މިލިއަން ރުފިޔާއާ އަޅާބަލާއިރު 30.1 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

ވޭތުވެދިޔަ ތިން އަހަރުގެ ރެކޯޑުތަކަށް ބަލާއިރު، މުދަލު ޒަކާތުގެ ގޮތުގައި ލިބޭ އާމްދަނީ އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އެގޮތުން 2024 ވަނަ އަހަރު 23.56 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރު އެ އަދަދު ވަނީ 34.85 މިލިއަން ރުފިޔާއަށް އުފުލިފައެވެ. މި އަހަރުގެ މިހާތަނަށް އެންމެ ގިނަ އާމްދަނީއެއް ލިބިފައިވަނީ މާރިޗު މަހުގައެވެ.

ޒަކާތު ފަންޑުން ކުރި ޚަރަދުތަކަށް ބަލާއިރު، އިޖުތިމާއީ އަދި ދީނީ ކަންކަމަށް ޖުމްލަ 13.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް އެހީތެރިވުމަށެވެ. އެގޮތުން އެ ފަރާތްތަކަށް 6.69 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މީގެ އިތުރުން، ބޭސްފަރުވާއާއި، ތައުލީމީ އެހީގެ އިތުރުން ފީސަބީލިﷲ ބަޔަށް ވެސް ފާހަގަކޮށްލެވޭ ފަދަ ހޭދަތަކެއް ކޮށްފައިވެއެވެ.

ޒަކާތު ފަންޑު އިތުރަށް ތަރައްގީކޮށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމަށްޓަކައި، 41 މިލިއަނަށްވުރެ ގިނަ ރުފިޔާ އިންވެސްޓުކޮށްފައިވާ ކަމަށް ޒަކާތު ހައުސްއިން ހާމަކުރެއެވެ. މީގެ ތެރޭގައި "ދާރުއްސަލާމް" އަދި "ދާރުލްއަރުޤަމް" ވަގުފު މަޝްރޫއުތައް ހިމެނެއެވެ.

ޒަކާތު ހައުސްއިން ފާހަގަކުރާ ގޮތުގައި، މުދަލު ޒަކާތުން ލިބޭ އާމްދަނީ މިހާ ބޮޑަށް އިތުރުވެގެން ދިޔުމަކީ، ދީނީ ވާޖިބުތަކަށް އާންމުން ދޭ ސަމާލުކަން އިތުރުވެ، ޒަކާތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުވަމުންދާކަމުގެ ހެއްކެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk