logo
ރައީސް އޮފީސް

ރައީސް އޮފީސް

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

profile

މުޙައްމަދު ފަޟްލޫން - 06 މޭ 2026 - 08:23

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ.

https://wamco.com.mv/

މި އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދައްކަވާފައިވާ ގާބިލުކަމާއި އިހްލާސްތެރިކަމުގެ އިތުރުން، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި ގައުމީ ފެންވަރުގެ އިނާމެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ އައްޑަނައަކާއި، ބެޖެއްގެ އިތުރުން ހަނދާނީ ލިޔުމެކެވެ.

މި އިނާމަށް ނަން ހުށަހެޅޭނީ ދައުލަތުގެ އިދާރާއެއްގައި ނުވަތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއްގައި ޚިދުމަތްކުރާ ނުވަތަ ޚިދުމަތްކޮށްފައިވާ ފަރާތްތަކަށެވެ. އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އެ މުއައްސަސާއަކަށް، ނުވަތަ އެހެން ފަރާތަކަށް، ނުވަތަ ޚިދުމަތްތެރިޔާ އަމިއްލައަށްވެސް އޮންނާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވާގޮތުގައި، މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން އިނާމަށް ނަން ހުށަހަޅާނަމަ، އެއީ އެ އިދާރާއެއްގައި މަސައްކަތްކުރި ނުވަތަ މިހާރުވެސް މަސައްކަތްކުރަމުންދާ މީހަކަށް ވާންޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތުދޭ ގޮތުގައި، މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށެވެ.

އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އަށެވެ.

އިނާމަށް ހުށަހަޅުއްވާއިރު، ބޭނުންވާ ހުރިހާ މައުލޫމާތުތަކެއް ފުރިހަމަކުރެއްވުމަށާއި، ބޭނުންވާ އެންމެހައި ލިޔެކިޔުންތަކާއެކު ފޯމު ހުށަހެޅުއްވުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން އިލްތިމާސްކުރައްވައެވެ.

އިނާމު ދިނުމަށް ކަނޑައެޅުމުގައި ގައުމީ އިނާމާބެހޭ ކޮމިޓީން މައިގަނޑު ގޮތެއްގައި ރިއާޔަތްކުރާނެ ކަންކަމުގެ ތެރޭގައި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ބަހައްޓާފައިވާ ގާބިލުކަމާއި، ފަރުވާތެރިކަމާއި، އިހްލާސްތެރިކަން ހިމެނެއެވެ.

މީގެ އިތުރުން، އެ މީހެއްގެ ހުނަރާއި ގާބިލުކަން ބޭނުންކޮށްގެން މުޅި މުއައްސަސާގެ ކުރިއެރުމަށް ކޮށްފައިވާ ފާހަގަކުރެވޭ ހާއްސަ މަސައްކަތްތަކަށްވެސް އެ ކޮމިޓީން ބަލާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk