logo

ޓޫރިޒަމް ޓެކްސްއަށް ލިބުނު އާމްދަނީ އިތުރުވެ ބަޖެޓް ސާޕްލަސްވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 06 މޭ 2026 - 08:22

ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އިން ލިބުނު އާމްދަނީ އިތުރުވުމާއެކު، އޭޕްރީލް މަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓް ސާޕްލަސްވެއްޖެއެވެ.

https://wamco.com.mv/

ފިނޭންސް މިނިސްޓްރީ އިން އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ އޭޕްރީލް 30 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 15.4 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ.

މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 14.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 7.5 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ކުރިއެރުމާއެކު، އޭޕްރީލް މަސް ނިމުނުއިރު ދައުލަތުގެ މާލީ ހިސާބުތަކުން 1.0 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ވަނީ ރެކޯޑު ކުރެވިފައެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓީ.ޖީ.އެސް.ޓީ އަށް ލިބުނު ބޮޑު ކުރިއެރުމެވެ.

އެގޮތުން ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ 4.6 ބިލިއަން ރުފިޔާއިން 5.1 ބިލިއަން ރުފިޔާއަށް ވަނީ އުފުލިފައެވެ.

މިއީ 11.7 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެއިތުރުން، ޖުމްލަ ޓެކްސް އާމްދަނީ 12.3 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 13.0 އިންސައްތައިގެ ކުރިއެރުމެކެވެ.

ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ޖުމްލަ 14.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މިއީ ކުރީ އަހަރުގެ މި މުއްދަތުގައި ޚަރަދުވި 12.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 13.8 އިންސައްތަ އިތުރު އަދަދެކެވެ.

އަދި ދައުލަތުގެ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދު ވަނީ 11.1 އިންސައްތަ އިތުރުވެ، 12.6 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުތައް އެންމެ ބޮޑަށް އިތުރުވެފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމަށެވެ.

އެގޮތުން 2026 އޭޕްރީލް 30 ގެ ނިޔަލަށް މުސާރައާއި އިނާޔަތްތަކަށް 4.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.5 އިންސައްތައިގެ އިތުރުވުމެކެވެ.

މުސާރަ އެއްހަމަކުރުމުގެ ސިޔާސަތުގެ ބޮޑު ބައެއް ތަންފީޒުކޮށް ނިމިފައިވާއިރު، މުސާރައާއި، އުޖޫރަ އަދި ޕެންޝަނަށް ކުރި ޖުމްލަ ޚަރަދު ވަނީ 5.3 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މިއީ ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 10.1 އިންސައްތަ އިތުރު އަދަދެކެވެ.

މީގެއިތުރުން، ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޓީ.ޖީ.އެސް.ޓީ އިން ލިބުނު އާމްދަނީއާއެކު، އޭޕްރީލް މަސް ނިމުނުއިރު ދައުލަތުގެ އާމްދަނީ ހުރީ ޚަރަދުތަކަށްވުރެ މަތީގައެވެ.

މި މުއްދަތުގެ ތެރޭގައި ދައުލަތުގެ މާލީ ހިސާބުތަކުން 1.0 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ރެކޯޑުކުރެވިފައިވާކަން ރިޕޯޓުން ހާމަވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk