logo
ސިނަމާލެ ފުލެޓެއް---

ސިނަމާލެ ފުލެޓެއް---

މާލޭ ހިޔާ 1 ގެ ފެން ލީކުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި

profile

ޖިނާން ޙުސައިން ޖަބީން - 10 ނޮވެމްބަރު 2026 - 11:37

މާލޭ ހިޔާ 1 ފްލެޓްތަކުން ފެން ލީކުވަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން އަމަލީ ގޮތުން ފަށާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

https://wamco.com.mv/

މި މަޝްރޫއަކީ މާލެ ސިޓީގެ މޭޔަރުކަމާ އާދަމް އާޒިމް ހަވާލުވެވަޑައިގެންނެވި ފަހުން، އެ މަނިކުފާނުގެ ސީދާ އިރުޝާދާއި ބެއްލެވުމުގެ ދަށުން ހާއްސަ އިސްކަމެއް ދެއްވައިގެން ފައްޓަވާފައިވާ މުހިއްމު މަސައްކަތެކެވެ. މާލޭ ހިޔާ އަދި ސިނަމާލެ ފްލެޓްތައް މަރާމާތު ނުކުރެވި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން އެ އިމާރާތްތަކުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ވަކިން ހާއްސަކޮށް، މާލޭ ހިޔާ 1 ގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ފެން ލީކުވުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނުލިބި ދިގުލައިގެން ދިޔުމުގެ ސަބަބުން، އެތައް އާއިލާއަކުން ދިޔައީ ބޮޑެތި ތަކުލީފުތަކެއް ތަހައްމަލު ކުރަމުންނެވެ.

މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން، ފެން ލީކުވާ 18 އެޕާޓްމަންޓެއްގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. އަދި ފުރަތަމަ ފިޔަވަހި ނިމުމާއެކު، ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމަށް ވެސް ކައުންސިލުން ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ދަށުން ފްލެޓްތަކުގައި ފެން ލީކުވަމުންދާ ހުރިހާ ދިމާތަކެއް ވަކިވަކިން ބަލައި ދެނެގަނެ، އެ މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ސިޓީ ކައުންސިލްގެ މައިގަނޑު އަމާޒަކީ މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި، މާލޭ ހިޔާ 1 ގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި އަދި ހިތްފަސޭހަ ދިރިއުޅުމުގެ މާހައުލެއް ފަހިކޮށްދިނުމެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމަށް ކައުންސިލުން ކުރަމުންދާ މި މަސައްކަތް ފުރިހަމަވުމުން، އެ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

https://wamco.com.mv/
tel:+9607331319