logo
މާލެ ސިޓީ ކައުންސިލްގެ ޖަލްސާއެއްގެ ތެރެއިން---

މާލެ ސިޓީ ކައުންސިލްގެ ޖަލްސާއެއްގެ ތެރެއިން---

ސިޓީ ކައުންސިލްގެ 14 ބިމެއް ސަރުކާރަށް ނަގަން ނިންމި މައްސަލަ ކޯޓަށް!

profile

ޖިނާން ޙުސައިން ޖަބީން - 28 އޮކްޓޯބަރު 2026 - 15:24

މާލެ ސިޓީ ކައުންސިލްގެ އިހްތިސާސްގެ ދަށުގައިވާ މުހިންމު 14 ބިމެއް ސަރުކާރަށް ނެގުމަށް ނިންމާފައިވާ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

https://wamco.com.mv/

މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ޖަލްސާގައި ފާސްކުރި ގަރާރުގައި ފާހަގަކޮށްފައިވަނީ، ސަރުކާރުން މި ބިންތައް އަތުލުމަށް މަސައްކަތް ކުރަމުންދަނީ ބިމާބެހޭ ގާނޫނުތަކާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ އެންމެހައި އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން، މި މައްސަލައިގައި ޝަރުއީ މަރުހަލާއިން ވަކި ގޮތެއް ނިމެންދެން، ސަރުކާރުގެ އެ ނިންމުން ތަންފީޒުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ކޯޓުގައި އެދިފައިވާނެ ކަމަށްވެސް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ސިޓީ ކައުންސިލުން ބުނާ ގޮތުގައި، މި ބިންތައް ދައުލަތަށް ނެގުމަށް ހައުސިންގ މިނިސްޓްރީން ނިންމީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވި ސިޓީއަކަށް ރިއާޔަތްކޮށެވެ. ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ ބިންތައް ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބިދީފައިވީ ނަމަވެސް، އެކަން ކުރަންވާނީ ގާނޫނުގައި ކަނޑައެޅިފައިވާ ހަމަތަކުގެ މަތިންނެވެ. އެގޮތުން، އެފަދަ ނިންމުމެއް ނިންމުމުގެ ކުރިން މަޝްރޫއުގެ ތަފްސީލު ކައުންސިލާ ހިއްސާކޮށް، މަޝްވަރާއާއި ހިޔާލު ހޯދުމަކީ ލާމަރުކަޒީ ގާނޫނު ލާޒިމުކުރާ ކަމެކެވެ.

ނަމަވެސް، މި 14 ބިމުގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއްގެ ތަފްސީލު ސަރުކާރުން ހާމަކޮށްފައި ނުވާކަމަށް ކައުންސިލުން ފާހަގަކުރެއެވެ. އަދި ހިންގާނެ ކަމަށް ބުނާ މަޝްރޫއުތަކުގެ ހަމައެކަނި ނަން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކުރުމަކާ ނުލައި، އަދި އެކަށީގެންވާ މަޝްވަރާއެއް ކުރުމެއްނެތި ބިންތައް އަތުލުމަކީ ކަނޑައެޅިގެން ގާނޫނާ ހިލާފު ކަމެއް ކަމަށްވެސް ކައުންސިލުން ތުހުމަތުކުރެއެވެ.

ސަރުކާރަށް ނެގުމަށް ނިންމާފައިވާ މި ބިންތަކަކީ މިހާރުވެސް މާލެ ސިޓީ ކައުންސިލަށް ބޮޑު އާމްދަނީއެއް ލިބެމުންދާ ބިންތަކެކެވެ. ސިޓީ ކައުންސިލުން ކުރާ އެކިއެކި މަސައްކަތަކުގެ ހަރަދުތައް ހަމަޖައްސަނީ މި ބިންތަކުން ލިބޭ އާމްދަނީން ކަމަށްވާއިރު، އެ ބިންތައް ކައުންސިލްގެ އިހުތިސާސުން ވަކިކުރުމަކީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާނެ ކަމެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ހައުސިންގ މިނިސްޓްރީން ބުނި ގޮތުގައި މި ބިންތައް ސަރުކާރަށް ނަގަން ނިންމީ، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އުމްރާނީ ތަރައްގީއާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ހިންގަންޖެހޭ މުހިންމު މަޝްރޫއުތައް ހިންގުމަށެވެ. މީގެ އިތުރުން އިޖުތިމާއީ އަދި އަސާސީ ވަސީލަތްތައް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ތަންތަން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމާއެކު، ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންނަށް އެންމެ އެދެވޭ މަންފާއެއް ނުލިބި ހުރި ބިންތަކުން ފުރިހަމަ ފައިދާ ހޯދައިދިނުމަކީ ވެސް މި ބަދަލުގެ މަގުސަދެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

https://wamco.com.mv/
tel:+9607331319