
ފައްޔާޒް އިސްމާއިލް / އެމްޑީޕީގެ ކުރީގެ ޗެއާޕާސަން
ރައީސް މުއިއްޒަކީ ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު ދުޝްމަނު: ފައްޔާޒް

ރިޟްވާން މޫސާ - 16 އޮކްޓޯބަރު 2026 - 03:30
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނެއް ނޫން ކަމަށާއި، އެއީ އެ ނިޒާމުގެ އެންމެ ބޮޑު ދުޝްމަނު ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުޢިއްޒު ކުރިން ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން މާލެ ސިޓީ ކައުންސިލަށް ހެއްދެވި ގޮތުން ވެސް އެމަނިކުފާނަކީ ލާމަރުކަޒީ ނިޒާމަށް ތާއީދުކުރައްވާ ބޭފުޅެއް ނޫންކަން ސާފުވާ ކަމަށެވެ. އަދި އޭގެ ފަހުން މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ހުރިހާ ބާރެއް ބޭނުންފުޅުވި ނަމަވެސް، ވެރިކަމަށް ވަޑައިގަތުމަށްފަހު ފެންނަނީ ކައުންސިލްތަކުގެ ބާރުތައް ފަހަރަކު ބާރެއް އަތުލައްވަމުން ގެންދަވާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން މިހާރު އެންމެ ފަހުން އެ އަތުލީ ރާއްޖޭގެ ވެރިރަށް މާލޭގައި ހުރި ހުރިހާ ބިމެކެވެ. މާލޭގެ ކަންކަން ނިންމުމަށްޓަކައި މާލޭގެ ރައްޔިތުން ވޯޓުދީގެން ހޮވާފައިވާ ސިޓީ ކައުންސިލެއް އޮއްވައި، އެ ކަންކަމުގައި ސަރުކާރުން ގޮތް ކިޔުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ވެރިކަންކުރާ ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފައްޔާޒް ވިދާޅުވީ، ޕީއެންސީއިން ބޭނުންވަނީ ރައްޔިތުން އަޅުވެތިކޮށް، ސަރުކާރުގެ ކުރިމަތީގައި ސަލާން ޖަހަން މަޖުބޫރު ކުރުވުން ކަމަށެވެ. އަދި ރާއްޖޭގެ ހަގީގީ ތަރައްގީ ގުޅިފައިވަނީ ރައްޔިތުންނަށާއި ކައުންސިލްތަކަށް ބާރުތައް ދޫކޮށްލުން ކަމަށާއި، އެކަން ހަގީގަތަކަށް ހަދައިދޭނީ އެމްޑީޕީން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލްގެ ބައެއް ބާރުތަކާއި ބިންތައް ސަރުކާރަށް ނެގުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށާއި ރައީސް މުޢިއްޒަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ގެދޮރުވެރިކަމުގެ ލޯނުގެ އިކުއިޓީ ހަމަޖެއްސުމަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދެނީ
10 މިނިޓު ކުރިން

އަހަރުގެ މިހާތަނަށް އެސްޑީއެފަށް 1.7 ބިލިއަން ރުފިޔާ ޖަމާކޮށްފި
11 މިނިޓު ކުރިން

ޣައްދާރުވުން: އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ސިފަ
18 މިނިޓު ކުރިން

ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް 14 ބިމެއް ސަރުކާރުގެ ދަށަށް!
13 ގަޑިއިރު ކުރިން


