
ސަލްޓަން ޕާކު---
ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް 14 ބިމެއް ސަރުކާރުގެ ދަށަށް!

ޖިނާން ޙުސައިން ޖަބީން - 15 އޮކްޓޯބަރު 2026 - 17:26
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 14 ބިމެއް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.
މިކަން ހާމަކޮށް ހައުސިންގ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީއާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދީ، އެ ހިދުމަތްތައް ފުޅާކުރުމަށް ކޮންމެހެން ބޭނުންވާ މަޝްރޫއުތައް ހިންގުމަށްޓަކައި 14 ބިމެއް ދައުލަތުގެ މިލްކިއްޔާތަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ބިންތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ކައުންސިލުގެ އިހްތިސާސުން ވަކިކުރުމަށްފަހުގައި ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހައުސިންގ މިނިސްޓްރީން ހާމަކުރި ގޮތުގައި، ލާމަރުކަޒީ ގާނޫނުގެ ތެރެއިން މި ފިޔަވަޅު އަޅަން ނިންމީ މާލެ ސަރަހައްދުގެ ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ އަސާސީ އަދި އިޖުތިމާއީ އިންފްރާސްޓްރަކްޗަރގެ ހިދުމަތްތައް ހަރުދަނާކޮށް، އެ ތަންތަނަކީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ވަސީލަތްތަކަކަށް ހެދުމަށެވެ. އެގޮތުން، ގިނަ ދުވަސްތަކެއް ވަންދެން އެކަށީގެންވާ ފައިދާއެއް ނުލިބި ހުރި ބިންތަކުން ރައްޔިތުންނަށް އެންމެ އެދެވޭ މަންފާ ހޯދައިދިނުމަކީ މި ބަދަލުގެ މައިގަނޑު މަގުސަދު ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ގެޒެޓުކޮށްފައިވާ އިއުލާނުގައިވާ ގޮތުން ސަރުކާރަށް ނެގުމަށް ހަމަޖެހިފައިވާ ބިންތަކަކީ:
- ސަލްޓަން ޕާކާއި މިއުޒިއަމް ސަރަހައްދު
- މަސް މާރުކޭޓު ސަރަހައްދު
- ލޯކަލް މާރުކޭޓު
- ދަތުރުވެރިންގެ މާރުކޭޓު
- ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބިން
- ކުރީގެ ވިޔަފާރިވެރިންގެ ޖަމިއްޔާ ހިންގި ބިން
- ކާނިވާ ސަރަހައްދުގެ ޕާކިންގ ޒޯން
- އާޓިފިޝަލް ބީޗު
- މަސްވެރިންގެ މައިޒާން
- ތައިސޭކޮށީގެ ހުސްބިންތައް
- ޕޭ ޓޮއިލެޓް 2
- ކުރީގެ ހަކަތަ ޕެޓްރޯލް ޝެޑް ބިން
- ބޮނޑިބަތް ޕާކު
- ރަސްފަންނު މައިޒާން
ހައުސިންގ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، މި މަޝްރޫއުތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި އެއްވެސް ހިޔާލެއް، ކަންބޮޑުވުމެއް ނުވަތަ ޝަކުވާއެއް އޮތްނަމަ، އެކަންކަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފުތާގެ މުއްދަތުގެ ތެރޭގައި ލިޔުމުން ހިޔާލު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިހާތަނަށް މާލޭގެ 180 މަގު މަރާމާތު ކޮށްފި
17 ދުވަސް ކުރިން

ތަރިކަ ބޭނުންކޮށްގެން ފަތުރުވެރިކަން ކުރިއަރުވަން މޭޔަރު ގޮވާލައްވައިފި
18 ދުވަސް ކުރިން

ކައުންސިލްގެ އިސްވެރިންނަށް މާލެ ސިޓީގެ ތަރައްޤީގެ ޕްލޭނާ ގުޅޭ ޚާއްޞަ ވޯކްޝޮޕެއް ބާއްވައިފި
18 ދުވަސް ކުރިން

ކައުންސިލް ތަކުގެ މުއައްޒަފުން އެހެން ރަށްރަށުގައި ތިބިގެން މަސައްކަތްކުރެވޭ ގޮތް ހަދައިފި
މަހެއް ކުރިން


