logo

ގެދޮރުވެރިކަމުގެ ލޯނުގެ އިކުއިޓީ ހަމަޖެއްސުމަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދެނީ

profile

މުޙައްމަދު ފަޟްލޫން - 16 އޮކްޓޯބަރު 2026 - 05:54

ގެދޮރު އިމާރާތްކުރުމަށް ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ އިކުއިޓީއަށް ދައްކަންޖެހޭ ފައިސާގެ ބައެއް، ސަރުކާރުން ހަމަޖައްސައިދޭ ގޮތަށް ހާއްސަ އުސޫލެއް އެކުލަވައިލައި، އެފަދަ ސްކީމެއް ތަޢާރަފުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައްޔިތުންގެ އަޑުގައި ބައިވެރިވި ބައްޕައަކާއި ދަރިއަކު ވަނީ، ހުޅުމާލެއިން އެ މީހުންނަށް ލިބިފައިވާ ބިމުގައި ގެދޮރު އެޅުމަށް ބޭންކު މެދުވެރިކޮށް ލޯނު ހޯދުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ.

އާންމުގޮތެއްގައި ބޭންކުތަކުން ގެދޮރު އިމާރާތްކުރުމުގެ ލޯނު ދޫކުރަނީ، ލޯނުގެ އިކުއިޓީގެ ގޮތުގައި މަދުވެގެން 5 އިންސައްތަ ދެއްކުމުން ކަމަށްވާއިރު، އެ ފައިސާ އެއްފަހަރާ ދެއްކުމަކީ ގިނަ ރައްޔިތުންނަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ވިދާޅުވީ، އަމިއްލަ ވަސީލަތްތަކުން ގެދޮރު ބިނާކުރެވޭނެ ތަނަވަސްކަން ނެތް ފަރާތްތަކަށް ބޭންކިންގ ނިޒާމުގެ ތެރެއިން މާލީ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަކީ ސަރުކާރުން އިސްކަންދެއްވާ މުހިންމު ސިޔާސަތެއް ކަމަށެވެ.

ލޯނު ދޫކުރުމުގެ މިންގަނޑުތަކަށް ލުއިތަކެއް ގެނެސް، ވީހާވެސް ގިނަ ބަޔަކަށް ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވަން ބޭނުންފުޅުވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ލޯނު ނެގުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަމަށްވާތީ، އެކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށްޓަކައި ހާއްސަ ސްކީމެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، އެ ބޭނުމަށްޓަކައި ޓްރަސްޓް ފަންޑަށް މިހާރުވެސް ފައިސާ ޖަމާކުރެވިފައިވާ ކަމަށާއި، މި ސްކީމުގެ ދަށުން އިކުއިޓީއަށް ދައްކަންޖެހޭ ފައިސާގެ ވަކި މިންވަރެއް ހިލޭ އެހީގެ ގޮތުގައި ހަމަޖައްސައިދިނުމަށް ނިންމަވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދައިދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށެވެ.

އަލަށް އެކުލަވައިލެވޭ އުސޫލުގެ ސަބަބުން، މާލޭގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ލޯނު ލިބި، ގެދޮރު ބިނާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

https://wamco.com.mv/
tel:+9607331319