
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު---
ސިޓީ ކައުންސިލްގެ ބިންތައް ސަރުކާރަށް ނެގުމަކީ ބާރުތައް މަރުކަޒީކުރުމަށް އިތުރުވި ބޮޅެއް: ޝަމްހީދު

ޖިނާން ޙުސައިން ޖަބީން - 16 އޮކްޓޯބަރު 2026 - 09:37
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މުހިއްމު ބިންތައް ސަރުކާރަށް ނެގުމަށް ނިންމި ނިންމުމަކީ، ބާރުތައް މަރުކަޒީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހިމެނޭ މުހިންމު 14 ބިމެއް ސަރުކާރަށް ނެގުމަށް ނިންމާފައިވާކަން ހައުސިންގ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ސަރުކާރުގެ މި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މަސް މާރުކޭޓާއި، ލޯކަލް މާރުކޭޓާއި، އާންމު މައިޒާންތަކާއި ފާހާނާތައް ސަރުކާރަށް ނެގުމަކީ ބާރުތައް މަރުކަޒީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ. ސަރުކާރުގެ މި ނިންމުމަކީ ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށް، ބާރުތައް މަރުކަޒީކުރުން ކަމަށް ސިފަކުރައްވައި ޝަމްހީދު ވަނީ ސަރުކާރުގެ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
މީގެއިތުރުން، ޓްރެފިކް ބެލެހެއްޓުމުގެ ބާރާއި ވެހިކަލް ރަޖިސްޓްރީ ފީން ލިބޭ އާމްދަނީ ސިޓީ ކައުންސިލަށް ނުލިބޭ ގޮތަށް މި ސަރުކާރުން ގާނޫނު އިސްލާހުކޮށްފައިވާކަން ޝަމްހީދު ފާހަގަކުރެއްވިއެވެ. އަދި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނަގައި، ލާމަރުކަޒީ ބާރުތައް ކުޑަކުރުމަށް ހިންގާ މިފަދަ އަމަލުތައް އޭނާ ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ.
ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނެގުމަށް ނިންމި ސަބަބެއް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އުމްރާނީ ތަރައްގީއާއި އަސާސީ ހިދުމަތްތައް ފުޅާކުރުމަށް ހިންގަންޖެހޭ މުހިންމު މަޝްރޫއުތައް ހިންގުމަށާއި، އިޖުތިމާއީ އަދި އަސާސީ ވަސީލަތްތައް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ތަންތަން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންނަށް އެންމެ އެދެވޭ މަންފާއެއް ނުލިބި ހުރި ބިންތަކުން އެންމެ ފުރިހަމަ ފައިދާ ހޯދައިދިނުމަކީ މި ބަދަލުގެ މައިގަނޑު މަގުސަދު ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
ލާމަރުކަޒީ ގާނޫނު ބަޔާންކުރާ ގޮތުން ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުންނަ ބިންތަކާއި އާންމު ހިދުމަތްދޭ ތަންތަން ބެލެހެއްޓުމުގެ ފުރިހަމަ ބާރު އޮންނަނީ އެ ކައުންސިލަކަށެވެ. ނަމަވެސް، ލާމަރުކަޒީ ގާނޫނަށް މިފަހުން ގެނައި އިސްލާހާއެކު، ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގުމުގެ ޖާގަ ވަނީ ތަނަވަސްކޮށްފައެވެ. އެ އިސްލާހު މަޖިލީހަށް ހުށަހެޅި ދުވަސްވަރު ވެސް އެތައް ބަޔަކު ވަނީ އެ ގާނޫނު ފާސް ނުކުރުމަށް ގޮވާލައި އަޑުއުފުލައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ވެސް، ކައުންސިލްތަކަށް މާލީ އަދި އިދާރީ މިނިވަންކަން އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅެކެވެ. ނަމަވެސް، އެމަނިކުފާނުގެ ވެރިކަމުގައި ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލުމަށް ކައުންސިލްތަކަށް ލިބޭ އާމްދަނީއާއި ވަސީލަތްތައް ސަރުކާރަށް ނަގަމުންދާތީ ގިނަ ފަރާތްތަކުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ސިޓީ ކައުންސިލްގެ 14 ބިމެއް ސަރުކާރަށް ނަގަން ނިންމި މައްސަލަ ކޯޓަށް!
8 ގަޑިއިރު ކުރިން

ސިޓީ ކައުންސިލްގެ މުހިންމު ބިންތައް ސަރުކާރަށް ނަގާތީ މައްސަލަ ކޯޓަށް ހުށަހަޅަނީ
12 ދުވަސް ކުރިން

ރައީސް މުއިއްޒަކީ ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު ދުޝްމަނު: ފައްޔާޒް
13 ދުވަސް ކުރިން

ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް 14 ބިމެއް ސަރުކާރުގެ ދަށަށް!
13 ދުވަސް ކުރިން


