
މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން---
މާލެ ސިޓީ ކައުންސިލްގެ މުހިންމު ބިންތައް ސަރުކާރަށް ނަގާތީ މައްސަލަ ކޯޓަށް ހުށަހަޅަނީ

ޖިނާން ޙުސައިން ޖަބީން - 17 އޮކްޓޯބަރު 2026 - 07:43
ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަމުގައި، މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މުހިންމު 14 ބިމެއް ސަރުކާރަށް ނަގާތީ އެ މައްސަލަ ކޯޓަށް ހުށަހަޅަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މި މައްސަލަ ކޯޓަށް ހުށަހަޅަން ނިންމީ ހައުސިންގ މިނިސްޓްރީން އެ ބިންތައް ސަރުކާރަށް ނެގުމަށް އަންގައި ފޮނުވި ސިޓީއާ ގުޅިގެން، ހުކުރު ދުވަހުގެ ރޭ ބޭއްވި ސިޓީ ކައުންސިލްގެ ކުއްލި ޖަލްސާއަށް ހުށަހެޅި ހާއްސަ ގަރާރަކުންނެވެ. ޖަލްސާގައި މި ގަރާރު ހުށަހެޅުއްވީ ހުޅުމާލޭ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބެވެ. ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީގެ ކައުންސިލަރުން މި ޖަލްސާގައި ބައިވެރިވެވަޑައިނުގަތް ނަމަވެސް، މި ގަރާރު ފާސްކޮށްފައިވަނީ ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ސަރުކާރަށް ނަގަން ނިންމި އިރު، މަޝްރޫއުތަކުގެ ނަން ފިޔަވައި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ގާނޫނީ ހަމަތަކަށް ބަލާއިރު، ދައުލަތުގެ ހުރިހާ މަޝްރޫއެއް އެއްދުވަހަކުން ހިންގުމަށްޓަކައި މިހާ ގިނަ އަދަދެއްގެ ބިންތަކެއް އެއްފަހަރާ އަތުލުމަކީ ގާނޫނު ތަސައްވުރުކުރާ ކަމެއް ނޫން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މި މައްސަލައިގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށާއި، ލާމަރުކަޒީ ނިޒާމު ހިންގުމަށް ހުރަސްއެޅޭތީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ ހައްގުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
މި ބިންތައް ސަރުކާރަށް ނަގަން ނިންމި ސަބަބެއް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އުމްރާނީ ތަރައްގީއާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ހިންގަންޖެހޭ މުހިންމު މަޝްރޫއުތައް ހިންގުމަށެވެ. މީގެ އިތުރުން އިޖުތިމާއީ އަދި އަސާސީ ވަސީލަތްތައް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ތަންތަން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމާއެކު، ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންނަށް އެންމެ އެދެވޭ މަންފާއެއް ނުލިބި ހުރި ބިންތަކުން ފުރިހަމަ ފައިދާ ހޯދައިދިނުމަކީ ވެސް މި ބަދަލުގެ މަގުސަދެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ލާމަރުކަޒީ ގާނޫނު ބަޔާންކުރާ ގޮތުގައި، ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި އާންމު ހިދުމަތްދޭ ތަންތަން ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު ލިބިގެންވަނީ އެ ކައުންސިލަކަށެވެ. އެހެންނަމަވެސް، ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ކައުންސިލްތަކުގެ ބިންތައް އަނބުރާ ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މިފަހުން ގެނައި އިސްލާހުތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސިޓީ ކައުންސިލްގެ 14 ބިމެއް ސަރުކާރަށް ނަގަން ނިންމި މައްސަލަ ކޯޓަށް!
8 ގަޑިއިރު ކުރިން

"ސިޓީ ކައުންސިލްގެ ބިންތައް ސަރުކާރަށް ނެގުމަކީ ބާރުތައް މަރުކަޒީކުރުމަށް އިތުރުވި ބޮޅެއް"
13 ދުވަސް ކުރިން

ރައީސް މުއިއްޒަކީ ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު ދުޝްމަނު: ފައްޔާޒް
13 ދުވަސް ކުރިން

ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް 14 ބިމެއް ސަރުކާރުގެ ދަށަށް!
13 ދުވަސް ކުރިން


