.jpg&w=3840&q=75)
އީރާނާއި އިސްރާއީލުން ހަމަލާތައް ހުއްޓާލައިފި، ފަހުވަގުތު އީރާނުގެ ވަރުގަދަ ހަމަލާތަކެއް އިސްރާއީލަށް، އީރާނުން ބުނަނީ ހަނގުރާމަ ނުނިމޭ ކަމަށް

ސައިފް އަޒުހަރު - 24 ޖޫން 2025 - 05:42
އީރާނާއި އިސްރާއީލުން ހަމަލާތައް ހުއްޓާލައިފި ކަމަށް ރިޕޯޓްތައް ބުނަމުންދާއިރު، އީރާނުން މިއަދު ހެނދުނު ވަނީ ހަތް ބުރެއްގެމަތިން އިސްރާއީލަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ.
އީރާނުން އިސްރާއީލަށް މިއަދު 15 މިސައިލް ހަމަލާ ދިން ކަމަށް ރިޕޯޓްތައް ބުނެއެވެ. މިސައިލް ހަމަލާތަކާއެކު އިސްރާއީލުގެ ތެވް އަވީވާއި، އަދި އެހެން ސިޓީތަކުން ވަރުގަދަ ގޮވުންތައް ގޮވާފައި ވެއެވެ.
އީރާނުގެ އެންމެ ވަރުގަދަ ހަމަލާ އަމާޒުވީ އިސްރާއީލުގެ ދެކުނުގެ ބީރްޝީބާއަށެވެ. ބީރްޝިބާގެ އުސް އިމާރާތަކަށް މިސައިލް ހަމަލާ ސީދާ އަމާޒުވެ، އިމާރާތާއި، އެ ސަރަހައްދު ގޮވައިގެންދާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެފައި ވެއެވެ.
މި އިމާރާތަށް އަމާޒުވި ހަމަލާގައި 4 މީހުން މަރުވެ، އިތުރު އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް މީޑިއާއިން ރިޕޯޓް ކުރާއިރު، ބައެއް ރިޕޯޓްތައް ބުނަނީ 11 މީހުން މަރުވި ކަމަށެވެ.
އިސްރާއީލުގެ ރެސްކިއު ޓީމުތަކުން އަދިވެސް ގެންދަނީ، އިމާރާތުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ދެންމެއަކުވަނީ އިސްރާއީލާއި އީރާނު ހަމަލާތައް ހުއްޓާލުމަށް އެއްބަސްވި ވަގުތު ޖެހުމާއެކު، އެއްބަސްވުމަށް އަމަލުކުރަން ފެށިފައިވާކަން އިއުލާން ކޮށްފައެވެ. އަދި ދެފަރާތުންވެސް އެޔަށް އަމަލުކުރުމަށް ޓްރަމްޕް އެދިފައި ވެއެވެ.
ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް އީރާނުންވެސް އަމަލުކުރަން ފަށާފައިވާ ކަމަށް، އީރާނުގެ ރަސްމީ ޓީވީން އިއުލާން ކޮށްފައި ވެއެވެ.
ހަމަލާތައް ހުއްޓާލުމަށް އީރާނާއި އިސްރާއީލުންވެސް އެއްބަސްވެފައިވަނީ އަނގަބަހުން ކަމަށް ވުމާއެކު، އެއްބަސްވުމާ ޚިލާފް ވެއްޖެނަމަ އަލުން ހަމަލާތައް ފެށުމުގެ ދޮރު ދެ ފަރާތަށްވެސް ހުޅުވިފައި ވެއެވެ.
އީރާނުން ބުނެފައިވަނީ، އީރާނަށް އިސްވެ ހަމަލާދިނީ އިސްރާއީލުން ކަމަށާއި، އީރާނުން ހަމަލާދޭން ފެށީ އަމިއްލަ ދިފާއުގައި ކަމަށެވެ. އިސްރާއީލުން ހަމަލާތައް ހުއްޓާލައިފިނަމަ އީރާނުންވެސް ހުއްޓާލާނޭ ކަމަށެވެ.
އެހެން ނަމަވެސް، އީރާނުގެ ވެރިން ވިދާޅުވަނީ، ހަނގުރާމަ ނިމުނީކީ ނޫން ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އެމެރިކާއަށް ފިނީގެ ތޫފާނެއް، 16 މީހުން މަރުވެއްޖެ
3 އަހަރު ކުރިން

އެމެރިކާ އާއި ޗައިނާގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ދެ ޤައުމު ދެމެދުގައި މަޝްވަރާކޮށްފި
2 އަހަރު ކުރިން

އެމެރިކާ އާއެކު ނިއުކްލިޔާ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރެވިއްޖެ- ދެކުނު ކޮރެއާ
2 އަހަރު ކުރިން

އެމެރިކާގެ ވައިގެ ސަރަހައްދުން ދަތުރުކުރި "ގޮތް ނޭނގޭ އެއްޗެއް" ވައްޓާލައިފި
2 އަހަރު ކުރިން