logo

އެމެރިކާއަށް ފިނީގެ ތޫފާނެއް، 16 މީހުން މަރުވެއްޖެ

profile

އަހުމަދު ޔައީޝް - 26 ޑިސެމްބަރު 2022 - 14:55

އެމެރިކާއަށް އެރި ފިނި ތޫފާނުގައި ގެދޮރުނެތް މީހަކު މަގުމަތީގައި--- ފޮޓޯ: ޖީޓީއޭ ވީކްލީ

އެމެރިކާއަށް އެރި ފިނި ތޫފާނުގައި ގެދޮރުނެތް މީހަކު މަގުމަތީގައި--- ފޮޓޯ: ޖީޓީއޭ ވީކްލީ

އެމެރިކާގެ އެކި ސަރަޙައްދުތަކަށް މިހާރު ކުރިމަތިވެފައިވާ ފިނީގެ ތޫފާނާ ގުޅިގެން ކުރިމަތިވި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 16 އަށް އަރައިފިއެވެ.

https://wamco.com.mv/

މި ތޫފާނާ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ވެސް ވަނީ މެދުކެނޑިފަ. ފިނީގެ ތޫފާނާ ގުޅިގެން 16 މީހަކު މަރުވެފައި ވަނީ، ސްނޯ ފޭބުމުގެ ސަބަބުން މަގުތަކުގައި ދުއްވަން ދަތިވެ، ހިނގި މަގުމަތީގެ އެކްސިޑެންޓުތަކުގައެވެ.

ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ ގެދޮރާއި ޢިމާރާތްތަކުގެ އަދަދު 1.8 މިލިޔަނަށް އަރާ ކަމަށް ބެލެވެއެވެ. އެ ޚިދުމަތް މެދުކެނޑިފައިވާ ސަރަޙައްދުތަކަށް އަލުން އެ ޚިދުމަތް ގުޅައިދިނުމަށް އޮފިޝަލުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން އެ ކަމަށް ވަނީ ހުރަސް އެޅިފައެވެ. އަދި، ކަރަންޓު ދިނުމަށް ބޭނުންކުރާ ވަސީލަތްތަކަށް ގެއްލުންވުމާއި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ވެސް ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ބެލެވެއެވެ.

މި ތޫފާނާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ހުރަސް އެޅިފައެވެ. އަދި، ވައިގެ އުދުހުންތައް ކެންސަލްކުރަން ޖެހުމާ ގުޅިގެން އެތަކެއް ހާސް ބަޔަކު ވަނީ އެއަރޕޯޓުތަކުގައި ތާށިވެފައެވެ. އެމެރިކާގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް 5,000 އަށްވުރެ ފްލައިޓު ކެންސަލް ކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި، 6,700 އަށްވުރެ ގިނަ ފްލައިޓު ފުރުން ލަސްކޮށްފައިވާ ކަމަށް ވެސް އިދާރާތަކުން ބުނެއެވެ.

ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން ބައެއް ސަރަޙައްދުތަކުގައި މަގުތައް ވެސް ވަނީ ބަންދުވެފައެވެ. އޮހާޔޯ ސްޓޭޓްގައި ހިނގި ހާދިސާއެއްގައި 50 އަށްވުރެ ގިނަ އުޅަނދު ވަނީ އެކްސިޑެންޓުވެފައެވެ. މި ހާދިސާގައި ދެ މީހަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވިއެވެ.

ނިއު ޔޯކް ސިޓީގެ ސަރަޙައްދުތަކަށް 4 ފޫޓާއި 6 ފޫޓާއި ދެމެދުގެ ބޯމިނަށް ސްނޯ ފައިބާފައިވާ ކަމުގައި މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އަދި، ޕިޓްސްބަރގްގެ ފިނިހޫނުމިން މައިނަސް 13 ޑިގްރީ ސެލްސިއެސްއަށް ދަށަށް ގޮސްފައިވާ ކަމުގައި ވެސް އެ އިދާރާއިން ބުނެއެވެ. އެ ރަށުގެ ފިނިހޫނުމިން މީގެ ކުރިން މިހާ ދަށަށް ގޮސްފައި ވަނީ 1983 ވަނަ އަހަރެވެ.

ފިނިހޫނުމިން ދަށްވެ، ސްނޯގެ ތޫފާނެއް ކުރިމަތިވުމާ ގުޅިގެން، އެމެރިކާގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ގެދޮރު ނެތް މީހުންނަށް ވަގުތީ ހިޔާތައް ޤާއިމު ކުރުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. ބައެއް ސިޓީތަކުގައި ލައިބްރަރީތަކާއި ފުލުހުންގެ އިދާރާތައް ވެސް ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.

https://etukuri.mv/
tel:+9607331319