އަސްލު ޓީވީގެ ޚިދުމަތަށް އަހަރެއް ފުރިއްޖެ
ޒިދާން މުޙައްމަދު - 25 ޖެނުއަރީ 2025 - 04:12
އަސްލު ޓީވީގެ ޚިދުމަތަށް އަހަރެއް ފުރިއްޖެއެވެ. އަސްލު ޓީވީގެ ޚިދުމަތް ފަށާފައިވަނީ މީގެ އެއް އަހަރު ދުވަސްކުރިން 25 ޖެނުއަރީ 2024 ގައެވެ.
އަސްލު ޓީވީގެ ޚިދުމަތް ފަށާފައިވަނީ އެ ދުވަހުގެ ފަތިސްނަމާދުގެ ބަންގީގެ މޫރިތި އަޑުން. އަސްލު ޓީވީގެ ޚިދުމަތް ފެށުމަށްފަހު، އެންމެ ފުރަތަމަ ބްރޯޑްކާސްޓުކޮށް ވަގުތުން ދުރަށްދައްކާފައިވާ ޕްރޮގްރާމަކީ އެ ދުވަހުގެ ހެނދުނު ކުރިއަށްގެންދިޔަ އަސްލު ޓީވީގެ މޯނިންގ ޝޯވ "އަސްލު ފެށުން" އެވެ.
މީޑިއާ ދާއިރާގެ ތަޖުރިބާ ކާރު ގިނަ ބޭފުޅުން ހިމެނޭ ޓީމަކާއެކީ ފެށި މި ޗެނަލް އެންމެ ފުރަތަމަ ދައްކަން ފެށީ މީޑިއާނެޓްގެ ނަމްބަރު 133 ހުންނެވެ. ނަމަވެސް، މިހާރު އަސްލު ޓީވީ ފެންނާނީ މީޑިއާނެޓްގެ ޗެނަލް ނަމްބަރު 110 އަކުންނެވެ. ރާއްޖޭގެ ހުރިހާ ހިސާބަކަށް މީޑިއާނެޓް މެދުވެރިކޮށް އަސްލު ޓީވީ ފެންނައިރު، ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ފޭސްބުކްއާއި އެކްސް ޕްލެޓްފޯމް ފަދަ ސޯޝަލް މީޑިއާގެ މަންސަތަކުންވެސް އަސްލު ޓީވީ ފެންނާނެއެވެ.
މީގެ އަހަރުދުވަސް ކުރިން އަސްލުގެ ކުޑައިގެ ދަށުން އަސްލު އޮންލައިން ނޫސް ހިނގަން ފެށިއިރު އެ ނޫހުން ވަނީ މަދުދުވަސްތަކެއްގެ ތެރޭގައި ކިޔުންތެރިންގެ ފުރިހަމަ އިތުބާރު ހޯދާފައެވެ. އަސްލު ޓީވީ ވުޖޫދުކުރީ އެ ތަޖުރިބާގެ އަލީގައި ފޭރާންހެޔޮ ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށާއި ބެލުންތެރީން ގަޔާވާނެ ފަދަ ތަފާތު ކޮންޓެންޓްތައް ގެނެސްދިނުމުގެ މަގުސަދުގައެވެ.
މާޒީއާއި މިއަދުގެ އަސްލުން ވުޖޫދުވެ، ހިނގަން ފެށި އަސްލު ޓީވީއަކީ މިއަދު މަގުބޫލު ޗެނަލްއަކަށްވެފައިވާކަން މީސްމީޑިއާގެ ވިއުކަންޓުން ސާބިތުވެއެވެ. ކޮންމެ ދުވަހަކުވެސް އެތައް ހާސް ބަޔަކު އަސްލު ޓީވީ ބަލާކަން ގައިމެވެ،
ރައްޔިތުންގެ އިތުބާރު ދަމަހައްޓައި، ނެގެހެއްޓުމަށް ރެއާއި ދުވާލު ކެނޑިނޭޅި ‘އަސްލު’ ޓީމުން މަސައްކަތްކުރަމުން އަންނައިރު އަސްލު ޓީވީގެ މަގުސަދަކީ އިއްޔެއާއި މިއަދުގެ އަސްލު ގެނެސްދިނުމެވެ. ކަމެއް ހިނގާ ހިނދު އެކަމެއްގެ އަސްލު ގެނެސްދިނުމެވެ. ބުނިބުނުމުގެ އަސްލު ގެނެސްދިނުމެވެ. އަސްލު މަންޒަރު ގެނެސްދިނުމެވެ.
އަސްލު ޓީވީގެ މާޒީގައި ފާއިތުމިވީ އެއް އަހަރުގެ ތެރޭގައި ރާއްޖޭގައި ހިނގި ކުދިބޮޑު ހާދިސާތަކުގެ އަސްލު ވަނީ ގެނެސްދީފައެވެ. އިންތިޚާބުތަކާއި ސިޔާސީ ހަރަކާތްތަކާއި އިންޖުތިމާޢީ މައްސަލަތަކާއި ގޮތްނޭނގޭ މަރުތަކާއި ގުދުރަތީ ކާރިސާތަކުގެ ހާލަތްތަކާއި އަލިފާނުގެ ހާދިސާތައް ފަދަ އެތައް ކަމެއްގެ އަސްލު ރާއްޖޭގެ ގިނަދުވަސްވީ ޓީވީ ޗެނަލްތަކާ އެއްހަމައެއްގައި ގެނެސްދެވުނެވެ.
މީގެ އިތުރުން އިޖުތިމާޢީ، ދީނީ، ސިއްހީ، ތައުލީމީ، އިޤްތިޞާދީ އަދި ސިޔާސީ އެތައް ޕްރޮގުރާމެއް އުފައްދައި ބެލުންތެރިން ޝައުގުވެރިވާ ގޮތަށް އަސްލު ޓީވީގެ ޒުވާން ޓީމުން ވަނީ ގެނެސްދީފައެވެ.
އަސްލު ޓީވީގެ އުމުރުން އަދި އަހަރެއް ފުރުނީ. ކުރިއަށް އަދި އޮތީ. އަޅުގަނޑުމެންގެ މި މަސައްކަތުގައި ކީރިތިވަންތަވެރި މާތްالله ހެޔޮ ތައުފީގު މިންވަރުކުރައްވާށިއެވެ. -- އާމީން!
ގުޅުން ހުރި ޙަބަރުތައް
ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން
ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން
"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން
ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން