
އެކްސިޑެންޓްތައް އިތުރުވާތީ ފުލުހުން މަޖިލީހަށް ހާޒިރުކުރަނީ

ޖިނާން ޙުސައިން ޖަބީން - 14 އޮކްޓޯބަރު 2026 - 15:28
ފަހަކަށް އައިސް މާލެ ސަރަހައްދުގައި ހިނގަމުންދާ ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވަމުންދާތީ، އެކަމާ ގުޅޭގޮތުން ސުވާލުކޮށް މައުލޫމާތު އޮޅުންފިލުވުމަށްޓަކައި ޓްރެފިކް ޕޮލިހުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް މިއަދު ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މި މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްއެވެ. އޭނާގެ މި ހުށަހެޅުއްވުމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުގެ އިތުރުން ފޭދޫ ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ވަނީ ތާއީދުކުރައްވާފައެވެ. އަދި ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ވަނީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރުމަށް ފާސްކޮށްފައެވެ.
މި މައްސަލައަށް ބަހުސްކުރައްވަމުން މެންބަރު ނާޒިލް ވިދާޅުވީ، އެއްގަމު ދަތުރުފަތުރާ ގުޅޭ ހަރުދަނާ ސިޔާސަތުތައް އެކުލަވައިލުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، ޓްރެފިކް ގަވާއިދުތަކަށް ބޯނުލަނބައި، ބާރު ސްޕީޑުގައި އުޅަނދުފަހަރު ދުއްވުން އާންމުވެފައިވުމަކީ ފުރާނައަށް ނުރައްކާވާ ފަދަ އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ މައިގަނޑު އެއް ސަބަބު ކަމުގައިވެސް ނާޒިލް ފާހަގަކުރެއްވިއެވެ.
ކޮމިޓީގައި ވާހަކަދެއްކެވި އެހެން މެންބަރުންވެސް ވަނީ ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ނަތީޖާއެއްގެ ގޮތުން މަގުމަތީގެ އަމާންކަން ގެއްލިގެންދާ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މަގުމަތީގެ ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ސަރުކާރުން މިހާރުވެސް ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންކަން މެންބަރުން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ކޮންމެ ފަރުދަކުވެސް ޒިންމާދާރުކަން އިސްކޮށްގެން ކަމަށާއި، އާންމުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އުޅަނދު ދުއްވާ ފަރާތްތަކާމެދު އިތުރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް މެންބަރުން އިއްތިފާގުވެވަޑައިގެންނެވިއެވެ.
މަގުމަތީގެ ރައްކާތެރިކަން ގެއްލޭ ގޮތަށް، ނުރައްކާތެރިކޮށް ސްޓަންޓް ޖެހުމާއި ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތައް ހުއްޓުވައި، އެފަދަ ފަރާތްތަކާ ދެކޮޅަށް ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށްޓަކައި ފުލުހުން މިހާރު ވެސް ވަނީ ގިނަ މަސައްކަތްތަކެއް ފަށައިފައެވެ.
ގުޅުން ހުރި ޙަބަރުތައް

އޮޑިޓް އޮފީހަށް 133 މިލިއަން ރުފިޔާގެ ބަޖެޓް ހަމަޖައްސައިދޭން ފާސްކޮށްފި
14 ގަޑިއިރު ކުރިން

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލު ކޮމިޓީއަށް!
2 ދުވަސް ކުރިން

ދިވެހި ބިމުގައި އެހެންބަޔަކު ވަޒަންވެެރިކުރުވުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން: މެމްބަރު ޒިޔާދު
3 ދުވަސް ކުރިން

"އީގަލް ހިލްސް" އާއިއެކު ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް!
3 ދުވަސް ކުރިން


