
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލު ކޮމިޓީއަށް!

ޖިނާން ޙުސައިން ޖަބީން - 12 އޮކްޓޯބަރު 2026 - 10:06
ކުށްކޮށްގެން ނުހައްގުން ހޯދާ މުދާ ހުއްޓުވުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލެއް، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާގުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ، ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގަނެގެން ލިބޭ މާލީ މަންފާތައް ހުއްޓުވައި، ކުށްކުރުމަށް ބޭނުންކުރާ އާލާތްތަކާއި ކުށުގެ އަމަލުން ހޯދާ ހުރިހާ މުދަލެއް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމެވެ. ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު މަޖިލީހަށް ހުށަހެޅުއްވި މި ބިލު ގާނޫނަކަށް ވުމާއެކު، ކުށްކޮށްގެން ހޯދާ ފައިސާއިން މަންފާ ލިބޭނެ ދޮރުތައް ބަންދުކުރެވޭނެކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.
މި ބިލާއެކު ދައުލަތަށް މުދާ ނެގުމުގައި ބޮޑެތި ބާރުތަކެއް ލިބިގެންދެއެވެ. އެގޮތުން، ޓެރަރިޒަމް، މަނީ ލޯންޑަރިންގ، ކޮރަޕްޝަން، އިންސާނީ ވަގުފާރި އަދި މަސްތުވާތަކެތީގެ ވިޔަފާރި ފަދަ އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖަރީމާތަކުގެ އިތުރުން، ފަސް ލައްކަ ރުފިޔާއަށްވުރެ މަތީގެ ޓެކްސްއަށް މަކަރުހެދުމާއި، އެއް ލައްކަ ރުފިޔާއަށްވުރެ ގިނަ ފައިސާ ހިމެނޭ ވައްކަމާއި ހިޔާނާތުގެ މައްސަލަތަކުގައި ވެސް މި ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.
އަދި، ކޯޓުން ކުށް ސާބިތުނުވި ނަމަވެސް ނުވަތަ މި ގާނޫނު ތަސްދީގުކުރުމުގެ ކުރިން ހިންގާފައިވާ ކުށަކާ ގުޅިގެން ވެސް މުދާ އަތުލުމުގެ އިހުތިޔާރު ދައުލަތަށް ލިބިގެންދެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ހިންގާފައިވާ ކުށްތަކާ ގުޅިގެން ވެސް މުދާ އަތުލުމުގެ ބާރު މި ބިލުން ދައުލަތަށް ލިބިދެއެވެ. މުދާ ނެގުމުގެ އެންމެހާ އިޖުރާއަތްތައް ކުރިއަށް ގެންދަން ވާނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިންނެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި "އެސެޓް މެނޭޖްމަންޓް އޮތޯރިޓީ"ގެ ނަމުގައި އާ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަން ޖެހޭނެއެވެ. މި މުއައްސަސާގެ މައިގަނޑު މަސްއޫލިއްޔަތަކީ އަތުލައިގަނެވޭ މުދާ ރައްކާތެރިކަމާ އެކު ބެލެހެއްޓުމާއި، ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ނަގައިދިނުމެވެ. އަދި، ބަދަލުދިނުމާއި ކުށް ހުއްޓުވުމުގެ ހަރަދުތައް ހަމަޖެއްސުމަށް 60 ދުވަހުގެ ތެރޭގައި "ރިކަވަރޑް އެސެޓް ފަންޑު" އެއް ވެސް ގާއިމުކުރަން ވަނީ ލާޒިމުކޮށްފައެވެ.
ބޭރު ގައުމުތަކުގައި ފޮރުވާފައި ހުންނަ މުދާ ހޯދުމަށް ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދުމުގެ ބާރު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަށް މި ބިލުން ކަށަވަރުކޮށްދޭއިރު، މި ގާނޫނު ތަންފީޒުކުރުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވެސް ސަރުކާރުން މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ދިވެހި ބިމުގައި އެހެންބަޔަކު ވަޒަންވެެރިކުރުވުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން: މެމްބަރު ޒިޔާދު
2 ދުވަސް ކުރިން

"އީގަލް ހިލްސް" އާއިއެކު ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް!
2 ދުވަސް ކުރިން

މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލުމާ ގުޅޭ ޕެޓިޝަން މަޖިލީހަށް!
6 ދުވަސް ކުރިން

އައިޕީޔޫގެ 153 ވަނަ އެސެމްބްލީގައި މަޖިލީހުގެ ރައީސް ތަޤްރީރުކުރައްވައިފި
7 ދުވަސް ކުރިން


