
އައިޕީޔޫގެ 153 ވަނަ އެސެމްބްލީގައި މަޖިލީހުގެ ރައީސް ތަޤްރީރުކުރައްވައިފި

މުޙައްމަދު ފަޟްލޫން - 07 އޮކްޓޯބަރު 2026 - 11:37
ޓެންޒޭނިއާގެ އަރޫޝާގައި ކުރިއަށްދާ އިންޓަރ ޕާލިމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ) ގެ 153 ވަނަ އެސެމްބްލީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله ތަޤްރީރުކުރައްވައިފިއެވެ.
މި އަހަރުގެ އެސެމްބްލީގެ ޝިއާރު ކަމުގައިވާ އެންމެންގެ ޝާމިލުވުމާއި، އިތުބާރާއި، އަދި ފުރުޞަތުތައް ފަހިކޮށްދީގެން ހެޔޮވެރިކަން ކުރިއެރުވުމާއި މުޖުތަމަޢުތައް ބާރުވެރިކުރުވުން،" މި މަޢުޟޫއަށް ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ރައީސްވަނީ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށްޓަކައި ރައްޔިތުންނަށް އިސްކަންދޭ ވެރިކަމުގެ ނިޒާމަކާއި، ޖަވާބުދާރީވުމާއި، ހުރިހާ ފަރާތްތަކުގެ ބައިވެރިވުން އަދި ރައްޔިތުންގެ އިތުބާރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ހެޔޮވެރިކަމަކީ ހަމައެކަނި މުއައްސަސާތަކެއް ގާއިމުކުރުން ނޫން ކަމަށާއި، އެއީ ރައްޔިތުންގެ އަޑުއަހައި، ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ، މުއައްސަސާތަކަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ތަންތަންކަމުގައި ހެދުންކަމަށެވެ.
ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރަކީ ހަމައެކަނި ޤާނޫނު ހެދުން ނޫންކަން ފާހަގަކުރައްވައި، ރައްޔިތުންގެ އަޑުއެހުމާއި، ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ބެލުމާއި، ދައުލަތުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބޭނުންކުރެވޭކަން ކަށަވަރުކުރުމާއި، ނިންމުންތައް ނިންމުމުގައި މުޖުތަމައުތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި ފަސޭހައިން ޚިދުމަތްތައް ލިބިގަނެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އީފާސް ފަދަ ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން ޖިއޮގްރަފީ ގޮތުން ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވި، ސަރުކާރުގެ ހިދުމަތްތައް ރައްޔިތުންނާ ގާތަށް ގެނެސްދެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ޝިރަންތީ ރާޖަޕަކްސާ ހައްޔަރުކޮށްފި
8 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި ބެންކޮކުން ދިވެހިންތަކެއް ހައްޔަރުކޮށްފި
8 ގަޑިއިރު ކުރިން

ފަތުރުވެރިކަމުގެ ދާއިރާއިން އެހީފޯރުކޮށްދޭން އެއްބަސްވުމެއް ގާއިމްކޮށްފި
8 ގަޑިއިރު ކުރިން

ކާބޯތަކެތީގެ ބަންދުކުރުމާއި ބެހޭ ގަވާއިދަށް އަހުލުވެރިކުރުވަން ޝެޝަން އެއް ކުރިއަށްގެންގޮސްފި
11 ގަޑިއިރު ކުރިން


