
މަސްތުވާތަކެތީގެ މައްސަލައެއްގައި ބެންކޮކުން ދިވެހިންތަކެއް ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 07 އޮކްޓޯބަރު 2026 - 14:25
ގިނަ އަދަދެއްގެ ކްރިސްޓަލް މެތު (އައިސް) އާއި ކެނަބިސް ރާއްޖެއަށް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ ދިވެއްސަކު ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ.
ތައިލެންޑުގެ "ދަ ތައިގާ" ނޫހުގައި އެ ޤައުމުގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދާއި 34 އަހަރުގެ މުހައްމަދު ވިސާމެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ބެންކޮކްގެ ޕްރަތޫނާމް ސަރަހައްދުގައި ހިންގާ ކާގޯ ޚިދުމަތްދޭ ތަނަކަށް ގެންދިޔަ ޕާރުސަލްތަކެއް ފުލުހުން ބަލައި ފާސްކުރުމަށްފަހުގައެވެ.
ފުލުހުން މި މައްސަލައިގެ ތަހުގީގު ފަށާފައިވަނީ، ޓޭޕް އަޅައި ރަނގަޅަށް ބަންދުކޮށްފައިވާ ބޮޑެތި ފޮށިގަނޑުތަކެއް ހިފައިގެން ބޭރު މީހަކު އެ ތަނަށް ދިޔަ ކަމަށް މިދިޔަ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އެ ފޮށިގަނޑުތަކުން ބާރު ވަހެއް ދުވާތީ، ޤާނޫނާ ޚިލާފު އެއްޗެއް ހުރެދާނެ ކަމަށް ޝައްކުކުރެވިގެން ކާގޯ އޮފީހުގެ މުވައްޒަފުން ވަނީ އެ ތަކެތި ފޮނުވައިނުދީ އަނބުރާ ގެންދިއުމަށް އަންގައި، ފުލުހުންނަށް އެކަން ރިޕޯޓުކޮށްފައެވެ.
ފުލުހުންގެ ތަހުގީގުން އެ ޕާރުސަލްތައް ފަހުން ފެނިފައިވަނީ ރަޗަތޭވީ ޑިސްޓްރިކްޓްގެ ޕެޓްޗަބުރީ ސޯއި 11 ގައި ހުންނަ ޑޯމިޓަރީއެއްގެ ތިރީގައި ބަހައްޓާފައި ހުއްޓައެވެ. ފުލުހުން އެ ސަރަހައްދު މޮނީޓާ ކުރަމުން ދަނިކޮށް، ދެ ބިދޭސީއަކު ޓުކްޓުކެއް ގެނެސް އެ ފޮށިގަނޑުތައް އޭގެ މައްޗަށް އަރުވަން އުޅެނިކޮށް ފުލުހުން ވަނީ އެ މީހުން ހުއްޓުވައި، އެ ތަކެތި ފާސްކޮށްފައެވެ.
ފޮށިގަނޑުތައް ބަލައި ފާސްކުރިއިރު، ފެން އަޅާ ސްޓެއިންލެސް ސްޓީލް 8 ތާމޯސް ތެރޭގައި ރައްކާކޮށް ފޮރުވާފައި ހުރި ގިނަ އަދަދެއްގެ ކްރިސްޓަލް މެތު ވަނީ ފެނިފައެވެ.
ކޮންމެ ތާމޯސްއެއްގައި ގާތްގަނޑަކަށް 200 އާއި 300 ގްރާމާ ދެމެދުގެ އަދަދަކަށް މަސްތުވާތަކެތި ރައްކާކޮށްފައިވާއިރު، މި ތަކެތީގެ ޖުމްލަ ބަރުދަނަކީ 2.37 ކިލޯގްރާމެވެ. މީގެއިތުރުން، ކުޑަކުދިންގެ އަންނައުނުތަކެއްގެ ތެރޭގައި ފޮރުވާފައި ހުރި ކެނަބިސްތަކެއް ވެސް ވަނީ އަތުލައިގެންފައެވެ.
މި މައްސަލަ ތައިލެންޑްގެ ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

12 ކިލޯގެ ޑުރަގާއެކު ބެންކޮކުން ހައްޔަރުކުރި ވިޝާމަކީ ރާއްޖެ އަށް 72 ކިލޯ ޑުރަގު އެތެރެކުރި މީހެއް!
8 ގަޑިއިރު ކުރިން

ޝިރަންތީ ރާޖަޕަކްސާ ހައްޔަރުކޮށްފި
8 ގަޑިއިރު ކުރިން

ފަތުރުވެރިކަމުގެ ދާއިރާއިން އެހީފޯރުކޮށްދޭން އެއްބަސްވުމެއް ގާއިމްކޮށްފި
8 ގަޑިއިރު ކުރިން

ކާބޯތަކެތީގެ ބަންދުކުރުމާއި ބެހޭ ގަވާއިދަށް އަހުލުވެރިކުރުވަން ޝެޝަން އެއް ކުރިއަށްގެންގޮސްފި
11 ގަޑިއިރު ކުރިން


