
ޝިރަންތީ ރާޖަޕަކްސާ ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 07 އޮކްޓޯބަރު 2026 - 14:26
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ އަނބިކަނބަލުން އަދި އެ ޤައުމުގެ ކުރީގެ ފަސްޓްލޭޑީ ޝިރަންތީ ރާޖަޕަކްސާ ހައްޔަރުކޮށްފިއެވެ.
ލަންކާގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ ނިއުސްވަޔާ.އެލްކޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެކަމަނާ ހައްޔަރުކޮށްފައިވަނީ އެ ޤައުމުގެ ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުންނެވެ. އަދި މިއަދު ހެނދުނުގެ ވަގުތެއްގައި އެކަމަނާ ހައްޔަރުކުރުމުގެ ކުރިން، އެ ކޮމިޝަނުން ވަނީ އެކަމަނާ ދިރިއުޅުއްވާ ގެކޮޅަށް ހާޒިރުވެ ބަޔާން ނަގާފައެވެ.
ޚަބަރުތައް ބުނާ ގޮތުގައި ޝިރަންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ނެންގެވުމަށްފަހު ޚިޔާނާތްތެރިވުމާއި، ކޮރަޕްޝަން ހިންގުމުގެ އިތުރުން ރައްޔިތުންގެ މުދަލާ ބެހޭ ޤާނޫނާ ޚިލާފު ޢަމަލުތަކެއް ހިންގަވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްޞީލެއް އެ ކޮމިޝަނުން އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މި މައްސަލައިގެ ތަޙުޤީޤަށް އެކަމަނާ ބަންދުގައި ބަހައްޓާނެ ކަމެއް ނުވަތަ ނޫންކަމެއް ވެސް އަދި ސާފުވާ ގޮތެއް ނުވެއެވެ.
ނުވަ އަހަރު ވަންދެން ލަންކާގެ ރައީސްކަން ކުރެއްވި މަހިންދަ ރާޖަޕަކްސާގެ އަނބިކަނބަލުންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައިވާއިރު، އެ ދެކަނބަލުންގެ ދަރިކަލުން ނަމާލް ރާޖަޕަކްސާގެ މައްޗަށް ވެސް ވަނީ މީގެ ކުރިން ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ބެންކޮކުން ދިވެހިންތަކެއް ހައްޔަރުކޮށްފި
8 ގަޑިއިރު ކުރިން

ފަތުރުވެރިކަމުގެ ދާއިރާއިން އެހީފޯރުކޮށްދޭން އެއްބަސްވުމެއް ގާއިމްކޮށްފި
8 ގަޑިއިރު ކުރިން

ކާބޯތަކެތީގެ ބަންދުކުރުމާއި ބެހޭ ގަވާއިދަށް އަހުލުވެރިކުރުވަން ޝެޝަން އެއް ކުރިއަށްގެންގޮސްފި
11 ގަޑިއިރު ކުރިން

ވިއެޓްޖެޓް އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށަން ތައްޔާރުވެއްޖެ
11 ގަޑިއިރު ކުރިން


