
"އީގަލް ހިލްސް" އާއިއެކު ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް!

ޖިނާން ޙުސައިން ޖަބީން - 12 އޮކްޓޯބަރު 2026 - 06:55
ރަސްމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ދަށުން، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.
މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މި ގަރާރުގައި، އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ "ކޮމާޝަލް ޓާމްސް އެގްރީމެންޓް" ގެ ހުރިހާ ތަފްސީލެއް އާންމުކުރުމަށާއި، ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ ހިޔާލު ހޯދުމަށް ވަނީ ގޮވާލައިފައެވެ.
ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހި ދައުލަތުގެ މިލްކިއްޔާތުގައި ހިމެނޭ އެއްވެސް މުދަލެއް ނުވަތަ އެހެންވެސް އެއްޗެއް އެއްވެސް ފަރާތަކަށް ދީ ނުވަތަ ވިއްކަން ވާނީ ގާނޫނުއަސާސީގެ 250 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށެވެ. އަދި ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެ ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވާކަން ގަރާރުގައި ފާހަގަކުރެއެވެ.
މިފަދަ ބޮޑު މަޝްރޫއެއްގެ އެއްބަސްވުމުގެ ތަފްސީލުތައް ސަރުކާރުން ސިއްރުކުރަމުންދާތީ، އެކަމާ ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ގަރާރުގައި ފާހަގަކުރެއެވެ. އެގޮތުން، ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކުމަށްފަހު، އެކަމަށް ހިނގި ހަރަދު ދައުލަތަށް ނުލިބޭ ގޮތަށް އެއްބަސްވުން އެކުލަވާލާފައިވުމާއި، ހިއްކާފައިވާ 500 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް 99 އަހަރުގެ ދިގު މުއްދަތަށް އީގަލް ހިލްސް ކުންފުންޏަށް ދިނުމާއި، އެއްވެސް އެކުއިޒިޝަން ކޯސްޓެއް ނުވަތަ ކުއްޔެއް ނުދައްކާ ގޮތަށް އެއްބަސްވުން އެކުލަވާލެވިފައިވުން ފަދަ ކަންކަން ހިމެނެއެވެ.
ގަރާރުގައި އިތުރަށް ބުނެފައިވަނީ، މިފަދަ ބޮޑު މަޝްރޫޢެއްގެ އެއްބަސްވުން ސިއްރުކޮށްފައި ބޭއްވުމަކީ ދައުލަތުގެ މުދަލާއި މާލިއްޔަތަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބި، ކޮރަޕްޝަނަށް މަގުފަހިވެދާނެ ކަމެވެ. މި ހުރިހާ ކަންބޮޑުވުންތަކެއް ހުރިއިރު، ރަސްމާލޭގެ އެއްވެސް ބައެއް ބޭރުގެ އެއްވެސް ފަރާތަކަށް ކުއްޔަށް ނުވަތަ ހިލޭ ވެސް ނުދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާކަން ވެސް ގަރާރުގައި ފާހަގަކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލޭގެ ބިން އީގަލްސް ހިލްސްއަށް: ގައުމީ ސިޔާދަތާއި އިގްތިސާދީ މިނިވަންކަން ނުރައްކަލެއްގެ ތެރޭގައި؟
18 ގަޑިއިރު ކުރިން

ރަސްމާލެ މަޝްރޫޢު އާއި ގުޅޭ ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ޖަވާބުދާރީވުމަށް ކުރީގެ މިނިސްޓަރ ޢަބްދުالله ހަލީލް ގޮވާލައްވައިފި
2 ދުވަސް ކުރިން

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލު ކޮމިޓީއަށް!
2 ދުވަސް ކުރިން

ދިވެހި ބިމުގައި އެހެންބަޔަކު ވަޒަންވެެރިކުރުވުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން: މެމްބަރު ޒިޔާދު
2 ދުވަސް ކުރިން


