logo

ރަސްމާލެ މަޝްރޫޢު އާއި ގުޅޭ ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ޖަވާބުދާރީވުމަށް ކުރީގެ މިނިސްޓަރ ޢަބްދުالله ހަލީލް ގޮވާލައްވައިފި

profile

ރިޟްވާން މޫސާ - 12 އޮކްޓޯބަރު 2026 - 10:29

ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުالله ހަލީލް، ރަސްމާލެ މަޝްރޫޢުގެ އިންވެސްޓްމަންޓްއާ ގުޅޭ ގޮތުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ސަރުކާރުން ޖަވާބުދާރީވުމަށް ގޮވާލައްވައިފިއެވެ. އެމަނިކުފާނުގެ އެކްސް އެކައުންޓް މެދުވެރިކޮށް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތަށް ގެނައުމުގެ މުހިންމުކަމާއި، ނަމަވެސް އެފަދަ މަޝްރޫޢުތައް ހާމަކަން ބޮޑު ގޮތެއްގައި ތަންފީޒުވުމުގެ މުހިންމުކަމަށް އަލިއަޅުއްވާފަވެއެވެ.

https://wamco.com.mv/

ކުރީގެ މިނިސްޓަރ ހަލީލް ވިދާޅުވެފައިވާ ގޮތުގައި، ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ނުގެނެސް ތަރައްޤީގެ ދުވެލީގައި ކުރިއަރައި ދިއުމަކީ ނާދިރުކަމެކެވެ. އެހެންކަމުން، ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަށް، ހާމަކަން ބޮޑު ގޮތެއްގައި އެފަދަ ޕްރޮޖެކްޓްތައް ތަންފީޒުވުމަކީ ކޮރަޕްޝަނާއި ފަސާދައިން ދުރުވެ، މަޝްރޫޢު ކާމިޔާބު ވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ. ޢާންމުވެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ރަސްމާލެ މަޝްރޫޢަކީވެސް އާދަޔާ ޚިލާފަށް ބޮޑު މަޝްރޫޢެއްކަން ހަލީލް ފާހަގަކުރެއްވިއެވެ.

ނަމަވެސް، ރަސްމާލޭގެ އިންވެސްޓްމަންޓްއާ ގުޅޭ ގޮތުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެތި އަދި ޙައްސާސް ކަންބޮޑުވުންތަކެއް ހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ގައުމާ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށްދޭން އައްޔަންކޮށްފައި ތިބި ވެރިންގެ ޙައިސިއްޔަތުން ސަރުކާރުން ކުރަންވީ ކަމަކީ، އެ ކަންބޮޑުވުންތަކަށް ޙައްލުތަކެއް ލިބޭނެފަދަ ޖަވާބުތަކެއް ރައްޔިތުންނަށް ދިނުން ކަމަށް ހަލީލް ގޮވާލެއްވިއެވެ.

މިގޮތުން، ރައްޔިތުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކުގެ ތެރެއިން ސަރުކާރުން ޖަވާބުދޭންޖެހޭ މުހިންމު ނުކުތާތަކެއް ހަލީލް ވަނީ ފާހަގަކުރައްވާފައެވެ. އެއީ:

  • ރަސްމާލެ ހިއްކުމަށް މިހާތަނަށް ދައުލަތުން ޚަރަދުކޮށްފައިވަނީ ކިހާ މިންވަރެއްތޯ؟
  • ރަސްމާލޭގެ ބިމާއި ވަށައިގެންވާ ފަޅުގެ އަގުމަގު ކުރެވިފައިވޭތޯ؟ އަދި އެއީ ކިހާވަރެއްތޯ؟
  • އިންވެސްޓްމަންޓުން އަޕްފުރަންޓް ޕެއިމަންޓްގެ ގޮތުގައި އެއްވެސް އެއްޗެއް ލިބޭތޯ؟ އަދި އެއީ ކިހާ މިންވަރެއްތޯ؟
  • އިންވެސްޓް ކުރާ ފަރާތާއި ސަރުކާރުގެ ބައެއް ވެރިންގެ ޢަދަދުތަކުގައި ބޮޑެތި ފަރަގުތަކެއް އެބަހުރި. އެހެންކަމުން، ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއަކީ ކޮބާތޯ؟ އަދި ވިޔަފާރީގެ ޓެކްސް ނުހިމަނާ، ޕްރޮޖެކްޓްގެ ތެރެއިން ދައުލަތަށް ނުވަތަ ރައްޔިތުންނަށް ލިބެނީ ކޯއްޗެއްތޯ އަދި ކިހާ މުއްދަތެއްގެ ތެރޭގައިތޯ؟
  • ބިމުގެ މިލްކުވެރިކަން ދޫކުރަނީ ދާއިމަށްތޯ؟ ބިމުގެ މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު، 99 އަހަރު އަލަށް ފެށޭތޯ؟
  • 5000 ހައުސިން ޔުނިޓް ބިނާކުރަނީ ދައުލަތަށް ލިބޭ ފައިސާއިންތޯ ނުވަތަ ނޫންތޯ؟
  • މި އިންވެސްޓްމަންޓްގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ ނުވަތަ ރައްޔިތުންގެ އެއްވެސް ޙައްގެއް ގެއްލޭތޯ؟

ކުރީގެ ފޮރިން ނިސްޓަރ ޢަބްދުالله ހަލީލް ވަނީ މި ސުވާލުތަކުގެ އިތުރުންވެސް ރައްޔިތުންގެ ފަރާތުން ސާފުކުރަން ބޭނުންވާ ކަންކަމަށް އީޖާބީ ޖަވާބުތަކެއް ދިނުން ސަރުކާރަށް ލާޒިމުކަމަށް ވިދާޅުވެފައެވެ. މިގޮތުން، ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ތަރައްޤީއަށް މުހިންމު މަޝްރޫޢެއް ކަމުގައި ވީނަމަވެސް، އެ މަޝްރޫޢުގެ ދެމިހުރުމާއި، ރައްޔިތުންގެ މަސްލަހަތު ރައްކާތެރިކުރުމަށްޓަކައި އެކަށީގެންވާ ސާފުކަން ދިނުމަށް އެމަނިކުފާނު ވަނީ ސަރުކާރަށް އިލްތިމާސްކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319