
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގެ 3 މަސްބޯޓު އަތުލައިގެންފި

އާމިނަތު ޝަޒްލާ - 13 އޮކްޓޯބަރު 2026 - 13:52
ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު (އީއީޒެޑް) ގައި ޤާނޫނާޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ ތިން މަސްބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑާއި އެމްއެންޑީއެފް އެއަރ ކޯރ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި މި ތިން ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އަރިއަތޮޅުގެ ހުޅަނގުން ގާތްގަނޑަކަށް 170 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގެ ތެރޭގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ވަރަށް ބޮޑު ސަރަހައްދަކަށް ވުމާއެކު، ބޭރުގެ މަސްބޯޓުތަކުން ރާއްޖޭގެ ސަރަހައްދަށް ވަދެ ވަގަށް މަސްވެރިކަން ކުރުމަކީ ދޭތެރެދޭތެރެއިން ހިނގާ ކަމެކެވެ. ސަރުކާރުން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ހުއްޓުމެއްނެތި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން އެމްއެންޑީއެފް އެއަރ ކޯރ އުފައްދަވައި، ޑްރޯން މެދުވެރިކޮށް ރާއްޖޭގެ ސަރަހައްދު ވައިގެ މަގުން ބެލެހެއްޓުމުގެ މަސައްކަތް ފައްޓަވާފައެވެ.
މިގޮތަށް ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ބޭރުގެ އުޅަނދުތައް ހޯދުމުގައި އެއަރ ކޯރގެ ދައުރު މިހާރު ވަރަށް ބޮޑެވެ. މީގެ ކުރިންވެސް މިފަދަ އުޅަނދުތައް ކޯސްޓްގާޑުން އަތުލައިގެންފައިވާއިރު، ރާއްޖޭގެ މަސްކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ކަނޑުގެ ވަސީލަތްތައް ހިމާޔަތްކުރުމަށް ސިފައިން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.
ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވުނު ބޯޓުތަކަކީ ކޮން ޤައުމަކަށް ނިސްބަތްވާ ބޯޓުތަކެއް ކަމާއި، އޭގައި ތިބި މީހުންގެ އަދަދު އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެއެވެ. އެ އުޅަނދުތައް މާލެ ގެނައުމަށްފަހު، ކަމާބެހޭ އިދާރާތަކާ ގުޅިގެން ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މަޝްހޫރު ފަރުނީޗަރު ބްރޭންޑް "ލިންސީ" ގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި
5 ގަޑިއިރު ކުރިން

ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީނަށް ހުކުމް އިއްވުން މި މަހު 29 ގައި
5 ގަޑިއިރު ކުރިން

ރަސްމާލެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ނިންމުމާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ ފާޑުވިދާޅުވެއްޖެ
9 ގަޑިއިރު ކުރިން

ބޭސްފަރުވާކުރަން 1000 ޑޮލަރު ދޫކުރާނެ 6 ގައުމެއް ކަނޑައަޅައިިފި
11 ގަޑިއިރު ކުރިން


