
ބޭސްފަރުވާކުރަން 1000 ޑޮލަރު ދޫކުރާނެ 6 ގައުމެއް ކަނޑައަޅައިިފި

މުޙައްމަދު ފަޟްލޫން - 13 އޮކްޓޯބަރު 2026 - 11:29
ދިވެހިން އާންމުކޮށް ބޭސްފަރުވާއަށް ދަތުރުކުރާ ވަކި ގައުމުތަކަކަށް އެކަނި 1000 ޑޮލަރު ދޫކުރާ ގޮތަށް އެމްއެމްއޭ އިން ހަމަޖައްސައިފިއެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި، އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ދިވެހިންނަށް މި އުސޫލުގެ ދަށުން 1000 ޑޮލަރު ދޫކުރުމަށް ކަނޑައަޅާފައިވަނީ 6 ގައުމަކަށެވެ. އެއީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ، ބޭސްފަރުވާއަށް ދޫކުރެވޭ ބޭރު ފައިސާއަކީ ހަގީގަތުގައިވެސް އެ ބޭނުމަށް ހޭދަކުރެވޭ ފައިސާކަން ކަށަވަރުކުރުން ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ބޭސްފަރުވާއަށް 41.1 މިލިއަން އެމެރިކާ ޑޮލަރު ވަނީ ވިއްކާފައެވެ.
މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ތިންގުނަ އިތުރު އަދަދެކެވެ. އަދި މި އަދަދުގެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ދާ މީހުންނަށް ދޫކޮށްފައިވާ ފައިސާއެވެ.
2025 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށްދާ ފަރާތްތަކަށް 1000 އެމެރިކާ ޑޮލަރު ވިއްކަން ފެށުމާ ގުޅިގެން، ބޭސްފަރުވާއަށް ޑޮލަރު ދޫކުރި މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން އެމްއެމްއޭއިން ވަނީ ބުނެފައެވެ.
މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އެކަނިވެސް އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ދިޔަ ދިވެހިންނަށް 29.2 މިލިއަން އެމެރިކާ ޑޮލަރު ވަނީ ވިއްކާފައެވެ.
އަމިއްލަ ހަރަދުގައި ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށްދާ ދިވެހިންނަށް ޑޮލަރު ދޫކުރަމުންދާނީ ބޭންކްތައް މެދުވެރިކޮށެވެ.
ކުރިއެކޭ އެއްގޮތަށް އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށް ބޭރަށްދާ ފަރާތްތަކަށް ދޫކުރަމުންދާ 2000ޑޮލަރު ލިބޭނެ ކަަމަށްވެސް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަޝްހޫރު ފަރުނީޗަރު ބްރޭންޑް "ލިންސީ" ގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި
5 ގަޑިއިރު ކުރިން

ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީނަށް ހުކުމް އިއްވުން މި މަހު 29 ގައި
5 ގަޑިއިރު ކުރިން

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގެ 3 މަސްބޯޓު އަތުލައިގެންފި
9 ގަޑިއިރު ކުރިން

ރަސްމާލެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ނިންމުމާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ ފާޑުވިދާޅުވެއްޖެ
9 ގަޑިއިރު ކުރިން


