
މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލުމާ ގުޅޭ ޕެޓިޝަން މަޖިލީހަށް!

ޖިނާން ޙުސައިން ޖަބީން - 08 އޮކްޓޯބަރު 2026 - 07:16
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުގެ ބަޖެޓުން ހަމަޖައްސައިދީފައިވާ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލައި ހުށަހެޅި އީ-ޕެޓިޝަނަށް ބަހުސްކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ނިންމައިފިއެވެ.
މީސްމީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު އިސްނަގައިގެން ހުށަހެޅި މި ޕެޓިޝަނުގައި 7,225 މީހުން ވަނީ ސޮއިކޮށްފައެވެ. މިއީ މަޖިލީހުގެ ތާރީހުގައި ވެސް ދެވަނައަށް އެންމެ ގިނަ އަދަދަކަށް މީހުން ސޮއިކުރި އީ-ޕެޓިޝަނެވެ. މަޖިލީހުގެ އީ-ޕެޓިޝަން ގަވާއިދުގައި ބަޔާންކުރާ ތްރެޝްހޯލްޑް އެކެއް އަދި ދޭއްގެ ޝަރުތު ފުރިހަމަވެފައިވާތީ، ޕެޓިޝަން ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރުމަށްފަހު ވަނީ މި މައްސަލައަށް މަޖިލީހުގެ އާންމު ޖަލްސާއެއްގައި ބަހުސްކުރުމަށް ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ހިނގަމުންދާ ދައުރުގެ ކޮންމެ މެންބަރަކަށާއި އެ މެންބަރެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ އަދި 18 އަހަރު ނުފުރޭ ދަރިންނަށް ރާއްޖޭގެ އިތުރުން ސާކް އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ ފަދަ އިންޝުއަރެންސް ސްކީމެއް ހަމަޖައްސައިދޭން ޖެހެއެވެ. މީގެ އިތުރުން، ކުރިން މަޖިލިސް މެންބަރުކަން ކޮށްފައިވާ ކޮންމެ ބޭފުޅަކަށް ވެސް ހަމަ މި އުސޫލުން އުމުރުދުވަހަށް ބޭސްފަރުވާގެ އިންޝުއަރެންސް ފޯރުކޮށްދިނުން ގާނޫނު ލާޒިމުކުރެއެވެ. މި އިމްތިޔާޒުގެ ސަބަބުން، މެލޭޝިއާ، ތައިލެންޑް އަދި ސިންގަޕޫރު ފަދަ ގައުމުތަކުން ވެސް މެންބަރުންނަށް ދައުލަތުގެ ބޭސްފަރުވާގެ ހިދުމަތް ހޯދުމުގެ ފުރުސަތު ލިބެއެވެ.
ނަމަވެސް، މި ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، އާންމު ރައްޔިތުންނަށް ނުލިބޭ ފަދަ ހާއްސަ އަދި އަގުބޮޑު ސިއްހީ އިންޝުއަރެންސެއް، ރައްޔިތުންގެ ޓެކްސް ފައިސާއިން މަޖިލިސް މެންބަރުންނަށް ދިނުމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި އޮންނަ އުސޫލެއް ނޫނެވެ. އަދި ރާއްޖެއަށްވުރެ އެތައް ގުނައެއް މުއްސަނދި، ދުނިޔޭގެ އެންމެ ބޮޑެތި އިގުތިސޯދުތަކުގައި ވެސް ކުރީގެ މެންބަރުންނަށް މިފަދަ ގޮތަކަށް އުމުރުދުވަހުގެ ހެލްތު އިންޝުއަރެންސް ދެމުން ނުގެންދާކަން ދިރާސާތަކުން އެނގޭ ކަމަށް ވެސް ޕެޓިޝަނުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ދައުލަތުން ފޯރުކޮށްދޭ އަސާސީ ސިއްހީ އިންޝުއަރެންސަކީ ހުރިހާ ރައްޔިތުންނަށް ވެސް އެއް ހަމައަކުން، ހަމަހަމަކަމާއެކު ލިބެންޖެހޭ ހިދުމަތެއް ކަމަށާއި، ވަކި މަގާމެއްގައި ހުރުމަކީ ރައްޔިތުންގެ ފައިސާއިން އިތުރު މޮޅު އިނާޔަތްތަކެއް ލިބިގަންނަން ޖެހޭ ސަބަބެއް ނޫން ކަމަށް ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެންބަރުން އަދި އެ ބޭފުޅުންގެ އާއިލާތަކަށް ހާއްސަކޮށްފައިވާ ހެލްތް އިންޝައުރެންސް އުވާލުމަށް ޕެޓިޝަނުގައި ވަނީ އެދިފައެވެ. އަދި ހުރިހާ މެންބަރުންނަކީ ވެސް އާންމު ރައްޔިތުންނެކޭ އެއްފަދައިން ގައުމީ ސިއްހީ އިންޝުއަރެންސްގެ ދަށުން ޚިދުމަތް ލިބޭ ބަޔަކަށް ހެދުމަށާއި، އެއްވެސް މެންބަރަކަށް އިތުރު ހާއްސަ ސިއްހީ އިނާޔަތެއް ނުލިބޭނޭހެން ކަމާބެހޭ ގާނޫނުތަކަށް އިސްލާހު ގެނައުމަށް މި ޕެޓިޝަންގައި ވަނީ އެދިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލު ކޮމިޓީއަށް!
2 ދުވަސް ކުރިން

ދިވެހި ބިމުގައި އެހެންބަޔަކު ވަޒަންވެެރިކުރުވުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން: މެމްބަރު ޒިޔާދު
2 ދުވަސް ކުރިން

"އީގަލް ހިލްސް" އާއިއެކު ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް!
2 ދުވަސް ކުރިން

އައިޕީޔޫގެ 153 ވަނަ އެސެމްބްލީގައި މަޖިލީހުގެ ރައީސް ތަޤްރީރުކުރައްވައިފި
7 ދުވަސް ކުރިން


