
ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާ އަންހެނަކު ހައްޔަރަށް!

އާމިނަތު ޝަޒްލާ - 16 އޯގަސްޓު 2026 - 05:01
ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ އަންހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، މަސްތުވާތަކެތި ސްމަގުލް ކުރުމުގެ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އެލީސް މައިކް ބަރަމްހޭން ކިޔާ އިންޑިއާގެ ރައްޔިތެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ވީއައިއޭ އަށް ޖެއްސި އިންޑިގޯ ފްލައިޓަކުން އައި އިރު، ކަސްޓަމްސްއިން ރަތް ސްޓިކާ ޖަހާފައި އޮތް ލަގެޖެއްގެ ތެރޭގައި ހުރި ފުޅިތަކެއްގެ ތެރެއިން މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި މި ފުޅިތައް ފެނިފައިވަނީ އޭނާގެ ލަގެޖް އެކްސްރޭ ކުރުމުގެ ތެރޭގައެވެ. އަދި އެ ފުޅިތަކުގައި ހުރި ތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ދެ ބާވަތެއް ކަމަށްވާ ޓެޓްރާހައިޑްރޯކެނަބިނޯލް އަދި ކެނަބިނޯލް އެކުލެވޭ 2450 ގްރާމް (2.45 ކިލޯ) ގެ ތަކެތި ހުރި ކަމަށް ވަނީ ދައްކައިފައެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ އަންހެން މީހާއާ ދެކޮޅަށް ފުލުހުން ވަނީ ކަސްޓަމްސް އޮފިސަރުންނާއި ފުލުހުންގެ ބަޔާނުގެ އިތުރުން، މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓާއި، އޭނާގެ މޯބައިލް ފޯނު އެކްސްޓްރެކްޝަނުން ފެނިފައިވާ ޗެޓްލޮގުތައް ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅައިފައެވެ.
އެލީސްގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ހެނދުނު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް ވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބައްލަވައި، ބަންދަށް 30 ދުވަހުގެ މުއްދަތެއް ދެއްވައިފައެވެ.
ފުލުހުންގެ އިދާރާއިން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އެތައް މިލިޔަނެއް ޚަރަދުކޮށްގެން ހެދި އެމްޓީސީސީގެ ޓެކްސީ އެޕް ހެކްކޮށް، މައުލޫމާތުތައް ލީކުކޮށްލައިފި
3 ގަޑިއިރު ކުރިން

ބައި ކިލޯ މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރަށް!
4 ގަޑިއިރު ކުރިން

އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޖަމީލާ އަލީ ޚާލިދު ޢައްޔަންކުރުމަށް މަޖިލީހަށް ފޮނުވައިފި
4 ގަޑިއިރު ކުރިން

އެޗްއާރްސީއެމަށް މެންބަރަކު އައްޔަންކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުވައިފި
4 ގަޑިއިރު ކުރިން


