logo

މާލެ ސިޓީ ކައުންސިލުން 2 ބައްދަލުވުން ބާއްވަން މިލިއަނުން ހަރަދުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 17 އޯގަސްޓު 2026 - 13:32

ލާމަރުކަޒީ ޤާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން މިއަހަރު ބޭއްވި ރައްޔިތުންގެ ދެ ބައްދަލުވުމަށް 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.

https://wamco.com.mv/

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އާންމު ފަރާތަކުން ހޯދި މަޢުލޫމާތުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ފެބުރުވަރީ މަހާއި މިދިޔަ މަހު ބޭއްވި މި ދެ ބައްދަލުވުމަށް ވަނީ ބޮޑު ހޭދައެއް ކޮށްފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ވާގޮތުން، ކައުންސިލުން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި، ކޮންމެ އަހަރަކު މަދުވެގެން ދެ ބައްދަލުވުން ބާއްވަން ލާޒިމުކުރެއެވެ.

މި އަހަރުގެ ފެބުރުވަރީ މަހު ބޭއްވި ފުރަތަމަ ބައްދަލުވުމަށް ޖުމްލަ 567،839 ރުފިޔާ ޚަރަދުވެފައިވާއިރު، ބިޑް އުސޫލުން އިވެންޓް މެނޭޖްމަންޓަށް އެކަނިވެސް 360،000 ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި އެ ބައްދަލުވުމަށް ހާއްސަކޮށްގެން ތައްޔާރުކުރި ވީޑިއޯ ޕްރެޒެންޓޭޝަނަށް 135،000 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މީގެ އިތުރުން، ބެނާ ޕްރިންޓު ކުރުމަށް 30،024 ރުފިޔާ، ޓީވީ ލައިވް ކުރުމަށް 34،607 ރުފިޔާ، އަދި ފޮތް ޕްރިންޓު ކުރުމަށް 8،208 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މިދިޔަ މަހު ބޭއްވި ދެވަނަ ބައްދަލުވުމަށް ޖުމްލަ 585،137 ރުފިޔާ ހަރަދުވެފައިވެއެވެ. އޭގެ ތެރޭގައި އިވެންޓް މެނޭޖްމަންޓަށް ހޭދަވި 360،000 ރުފިޔާގެ އިތުރުން، ސިންގަލް ސޯސް އުސޫލުން ހަވާލުކުރި ވީޑިއޯ ޕްރެޒެންޓޭޝަނަށް ޚަރަދުވި 129،600 ރުފިޔާ ހިމެނެއެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި ރައްޔިތުންގެ ދެވަނަ ބައްދަލުވުމަށް ޖުމްލަ 585،137 (ފަސްލައްކަ އަށްޑިހަ ފަސްހާސް އެއްސަތޭކަ ތިރީސް ހަތެއް) ރުފިޔާ ހަރަދުވެފައިވާކަން މިހާރު ވަނީ ހާމަވެފައެވެ.

މި ހަރަދުތަކުގެ ތަފްސީލަށް ބަލާއިރު، ޓީވީ މެދުވެރިކޮށް ވަގުތުން ދުރަށް ދެއްކުމަށް 34،607 ރުފިޔާ، ބެނާ ޕްރިންޓް ކުރުމަށް 34،992 ރުފިޔާ، ފޮޓޯއާއި ވީޑިއޯ ނެގުމަށް 18،000 ރުފިޔާ، ބެނާ ދެމުމަށް 5،700 ރުފިޔާ އަދި ފޮތް ޕްރިންޓް ކުރުމަށް 2،235 ރުފިޔާ ހިމެނެއެވެ.

މި ބައްދަލުވުންތަކަށް ބޮޑު ހޭދައެއް ކުރުމުގެ އިތުރުން، އިންތިހާއަށް ކުލަގަދަކޮށް ހޯލު ޒީނަތްތެރިކުރުމަށް ސިޓީ ކައުންސިލުން އިސްރާފުވާ މިންވަރަށް ހަރަދުކޮށްފައިވާ ކަމަށް ބުނެ، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

https://wamco.com.mv/
tel:+9607331319