logo

މެރިކަލްޗަރގެ ސިނާޢަތް ފުޅާކުރުމަށް ޚާއްޞަކޮށް ރާއްޖޭގެ 10 ސަރަޙައްދެއް ކަނޑައަޅައިފި

profile

އާމިނަތު ޝަޒްލާ - 17 އޯގަސްޓު 2026 - 13:32

ރާއްޖޭގައި މެރިކަލްޗަރގެ ޞިނާޢަތް އިތުރަށް ތަރައްޤީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ވިޔަފާރި ފުޅާކުރުމަށްޓަކައި އެ މަސައްކަތަށް ޚާއްޞަ 10 ސަރަޙައްދެއް (ޒޯނެއް) މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ކަނޑައަޅައިފިއެވެ.

https://wamco.com.mv/

މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި މިއީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ކަނޑުފަޅުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ނިންމި މުހިންމު ނިންމުމެކެވެ. މި ސަރަޙައްދުތައް ކަނޑައަޅާފައިވަނީ މެރިކަލްޗަރގެ ވިޔަފާރިތަކަށް އެންމެ އެކަށީގެންވާ ޤުދުރަތީ މާޙައުލު ލިބިފައިވާ ތަންތަނަށް ބެލުމަށްފަހުގައެވެ.

މެރިކަލްޗަރ މަސައްކަތްތަކަށް ޚާއްޞަކޮށްގެން ކަނޑައަޅާފައިވާ 10 ޒޯން ނިސްބަތްވަނީ މައިގަނޑު ގޮތެއްގައި ފ. އަތޮޅު، މ. އަތޮޅު، ދ. އަތޮޅު އަދި ގއ. އަތޮޅަށެވެ. އެގޮތުން ކަނޑައެޅުނު ސަރަޙައްދުތަކުގެ ތެރޭގައި ހިމެނެނީ:

  1. ފ. އަތޮޅު: ވަންމެޕް ކޯޑްތަކުން ފާހަގަކުރެވިފައިވާ ޚާއްޞަ ސަރަޙައްދުތައް.
  2. މ. އަތޮޅު: ވަންމެޕް ކޯޑްތަކުން ކަނޑައެޅިފައިވާ ޚާއްޞަ ޒޯންތައް.
  3. ދ. އަތޮޅު: މެރިކަލްޗަރއަށް އެކަށޭނަ ކަމަށް ކަނޑައެޅި ވަންމެޕް ސަރަޙައްދުތައް.
  4. ގއ. އަތޮޅު: މި ޞިނާޢަތް ކުރިއެރުވުމަށް ކަނޑައެޅުނު ވަންމެޕް ސަރަޙައްދު.

މި ސަރަޙައްދުތައް ކަނޑައެޅުމުގައި ރާއްޖޭގެ "ވަންމެޕް" ޕްލެޓްފޯމް މެދުވެރިކޮށް، ކަނޑައެޅިފައިވާ ކޯޑުތަކަށް ބަލައި ސަރަޙައްދުތަކުގެ އިންތައް ވަނީ ސާފުކޮށް ފާހަގަކޮށްފައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ވިދާޅުވީ، މި ޒޯންތައް ކަނޑައެޅުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ފަރުމަހާއި، އިތާމުތާއި، ކަނޑުފަޅުގެ އެހެނިހެން ދިރުންތައް އާލާކޮށްގެން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު އިންވެސްޓްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި މިކަމުގެ ސަބަބުން ވަޒީފާގެ އައު ފުރުޞަތުތައް އުފެދި، ޤައުމީ އުފެއްދުންތެރިކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

https://wamco.com.mv/
tel:+9607331319