
މެންބަރުންގެ އަގުބޮޑު އިންޝުއަރެންސް ކަނޑާލަން ގޮވާލި ޕެޓިޝަނަށް ބޭނުންވާ ސޮއި ހަމަވެއްޖެ

އާމިނަތު ޝަޒްލާ - 17 އޯގަސްޓު 2026 - 13:30
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ދައުލަތުގެ ބަޖެޓުން ހަމަޖައްސައިދީފައިވާ އަގުބޮޑު ހެލްތު އިންޝުއަރެންސް ޕެކޭޖު އުވާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އީ-ޕެޓިޝަނަށް ބޭނުންވާ އަދަދަށް މީހުން ސޮއިކޮށް، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަންޖެހޭ މިންވަރަށް ތާއީދު ލިބިއްޖެއެވެ.
މީސްމީޑިއާގެ އެކްޓިވިސްޓެއް ކަމަށްވާ މިދުއަމް ސައުދު އިސްނަގައިގެން މި މަހުގެ 12 ވަނަ ދުވަހު މަޖިލީހުގެ ވެބްސައިޓް މެދުވެރިކޮށް ފެށި މި ޕެޓިޝަނުގައި މިއަދު މެންދުރުގެ ނިޔަލަށް 2،117 މީހުން ވަނީ ސޮއިކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ގަވާއިދު ބަޔާންކުރާ ގޮތުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ އާބާދީގެ 0.5 ޕަސެންޓް ނުވަތަ 2،100 މީހުން ޕެޓިޝަނެއްގައި ސޮއިކޮށްފިނަމަ، އެ މައްސަލައެއް މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކަށް ދިރާސާކުރަން ފޮނުވަން ލާޒިމުވާނެއެވެ. މީގެ އިތުރުން ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނެސް، މަޖިލީހުގައި ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއެއްގައި މި މައްސަލަ އެޖެންޑާކޮށް ބަހުސްކުރަން ޖެހޭނެއެވެ. އެހެންކަމުން، މި ޕެޓިޝަން މިހާރު ވެފައިވަނީ މަޖިލީހުގެ ތަޅުމުގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެޖެންޑާ ކުރައްވައިގެން ބަހުސްކުރަންޖެހޭ ހާއްސަ ދަރަޖައިގެ ޕެޓިޝަނަކަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން ކޮންމެ މެންބަރަކަށް އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހެލްތު އިންޝުއަރެންސްގެ ގޮތުގައި ދައުލަތުން ހަމަޖައްސައިދެއެވެ. މި ގާނޫނުގެ ހަތްވަނަ ބާބުގެ (ހ) ގައިވާ ގޮތުން، މެންބަރުންނާއި އެ ބޭފުޅުންގެ އަނބިމީހާ ނުވަތަ ފިރިމީހާގެ އިތުރުން 18 އަހަރު ނުފުރޭ ދަރިންނަށް ރާއްޖެއާއި ސާކް ސަރަހައްދުގެ ގައުމުތަކުގެ އިތުރުން މުޅި އޭޝިއާގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ މެޑިކަލް އިންޝުއަރެންސް ހަމަޖައްސައިދޭން ޖެހެއެވެ. އަދި ކުރީގެ މެންބަރުންނަށް ވެސް މިފަދަ ހާއްސަ އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކަށަވަރުކޮށްދޭން ގާނޫނު ލާޒިމުކުރެއެވެ.
އާންމުންގެ ބޮޑު ތާއީދެއް ލިބުނު މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި ގޮވާލާފައި ވަނީ، މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުން އަދި އެ ބޭފުޅުންގެ އާއިލާތަކަށް ބޭރު ގައުމުތަކުން ބޮޑެތި ޚަރަދުތައް ކޮށްގެން ބޭސްފަރުވާ ލިބޭ ގޮތަށް ގާނޫނުގައި ހިމަނާފައިވާ ހާއްސަ އިމްތިޔާޒުތައް ވަގުތުން އުވާލުމަށެވެ. މިއީ ދައުލަތުގެ ބަޖެޓުން ކުރާ ބޭކާރު ހޭދައެއް ކަމަށް ބުނެ ގިނަ ރައްޔިތުން އަންނަނީ މީސްމީޑިއާގައި ވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެ ސިޓީ ކައުންސިލުން 2 ބައްދަލުވުން ބާއްވަން މިލިއަނުން ހަރަދުކޮށްފި
3 ގަޑިއިރު ކުރިން

މެރިކަލްޗަރގެ ސިނާޢަތް ފުޅާކުރުމަށް ޚާއްޞަކޮށް ރާއްޖޭގެ 10 ސަރަޙައްދެއް ކަނޑައަޅައިފި
3 ގަޑިއިރު ކުރިން

ހިދުމަތްތައް ހަރުދަނާކުރަން އިތުރު 100 ފާމަސިސްޓުން ބޭނުންވޭ: ޑރ ޝާހު މާހިރު
3 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ރާއްޖެ-ރަޝިޔާ ވައިގެ ދަތުރުތައް އިތުރުކޮށް ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއް!
3 ގަޑިއިރު ކުރިން


