
މަދަނީ މައްސަލަތައް އަވަސްކުރަން ޤާނޫނު އިސްލާޙުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ

އާމިނަތު ޝަޒްލާ - 07 ސެޕްޓެމްބަރު 2026 - 12:22
މަދަނީ މައްސަލަތައް ކޯޓުތަކުގައި ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، އެ މަރުހަލާތައް އަވަސްކުރުމަށްޓަކައި ޤާނޫނަށް އިސްލާޙު ގެންނެވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފެށުމާއެކު، ކޯޓުތަކާ ބެހޭ ޤާނޫނަށާއި މަދަނީ އިޖުރާއާތުގެ ޤާނޫނަށް މުހިންމު އިސްލާޙުތަކެއް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށެވެ. މި އިސްލާޙުތަކުގެ މައިގަނޑު ބޭނުމަކީ މަދަނީ މައްސަލަތައް ނިންމުމުގައި ހުރި ލަސްތަކަށް ހައްލެއް ހޯއްދަވައިދެއްވުމެވެ.
އެގޮތުން، މަދަނީ ކުދިކުދި މައްސަލަތައް ފަސޭހައިން އަދި އަވަހަށް ހައްލުކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށް ޤާނޫނަށް އިސްލާޙު ގެންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ވިޔަފާރިތަކާ ގުޅުންހުރި މައްސަލަތައް އަވަސްކުރުމަށްޓަކައި، ސިވިލް ކޯޓުގައި ކޮމާޝަލް ޑިވިޜަނެއް ނުވަތަ ވަކި ޚާއްސަ ކޯޓެއް ޤާއިމްކުރުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ސްމޯލް ކްލެއިމްސް ކޯޓެއް ޤާއިމުކުރުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، އެއް ލައްކަ ރުފިޔާއަށް ވުރެ ކުދި މައްސަލަތައް އަވަހަށް ހުށަހަޅައިގެން އަވަސް މުއްދަތެއްގައި ނިންމޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ނިޒާމަކީ ޚަރަދު ކުޑަ ނިޒާމަކަށް ހެދުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޝަރުޢީ ނިޒާމު މިނިވަންކޮށް، ހަރުދަނާ ކުރުމަށްޓަކައި މިހާތަނަށްވެސް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށެވެ. އެގޮތުން ޝަރުޢީ ދާއިރާގެ ބަޖެޓު އެއްކޮށް ވަކިކޮށްދީ، ބަޖެޓު ބޮޑުކޮށްދިނުމުގެ އިތުރުން، އެ ދާއިރާއިން އެދޭ ގޮތަށް ފުރިހަމަ މިނިވަންކަން ފަހިކޮށްދީފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ޝަރުޢީ ދާއިރާގެ އުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމުގެ އެއްބަސްވުމުގައި ބަޔަކާއެކު ސޮއިކޮށް، އެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ކުރިން ހިންގުން ހުއްޓިފައި އޮތް ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓަށް ޚާއްސަ އައު އިމާރާތެއް ހަމަޖައްސައިދީ، އެ ދެ ކޯޓުގެ މަސައްކަތްތައް އަލުން ފަށައިގަނެވޭނެ އިންތިޒާމު ހަމަޖައްސައިދިނީވެސް މި ސަރުކާރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ
ގުޅުން ހުރި ޙަބަރުތައް

ހިމަބިހި ޖެހުނު މީހުންގެ އަދަދު 264 އަށް އަރައިފި
11 މިނިޓު ކުރިން

މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފި
12 މިނިޓު ކުރިން

ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކުރުމުގެ މަސައްކަތް އެޗްޑީސީ އިން ފަށައިފި
13 މިނިޓު ކުރިން

ރިޔާސީ ޕްރައިމަރީގައި ތާއީދުކުރައްވަނީ ފައްޔާޒް އަށް: ރައީސް ނަޝީދު
15 މިނިޓު ކުރިން


