
ފޮރެސްޓް ކޮޅަށް ލަނޑުޖެހުމަށްފަހު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ
ފޮރެސްޓް ބަލިކޮށް މެންޗެސްޓާ ސިޓީ އެފްއޭކަޕް ފައިނަލުން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން - 28 އޭޕްރީލު 2025 - 02:27
އިނގިރޭސި އެފްއޭކަޕް ސެމީފައިނަލް ދެވަނަ މެޗުގައި އާދީއްތަ ދުވަހުގެ ރޭ 2-0 ގެ ނަތީޖާއަކުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް އެންމެ ފަހުގެ ރަނަރަޕް މެންޗެސްޓާ ސިޓީ މުބާރާތުން ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ ސެމީ ފައިނަލުން މެންޗެސްޓާ ސިޓީ ޖާގަ ހޯދީ ކުއާޓާފައިނަލުގައި 2-1 ގެ ނަތީޖާއަކުން ބޯންމައުތު ބަލިކުރުމަށްފަހު އެވެ. އަދި ފޮރެސްޓް ސެމީފައިނަލުން ޖާގަ ހޯދީ ކުއާޓާފައިނަލުގައި 1-0 ގެ ނަތީޖާއަކުން ބްރައިޓަން ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފޮރެސްޓް އިންނެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މިމެޗުގެ ވަރަށް ކުރީކޮޅު މެންޗެސްޓާ ސިޓީން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރު ރިކޯ ލުވިސް އެވެ. މިއީ އެޓީމުގެ ކްރޮއޭޝިއާ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި މެޗު ފެށިގެން ދެވަނަ މިނެޓުގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ސިޓީން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ސިޓީ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ޖަސްކޯ ގްވާޑިއޯލް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
ސިޓީން ދެލަނޑުގެ ލީޑެއް ހޯދުމާއެކު ފޮރެސްޓް ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި މިހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު, ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މެއި 17 ވަނަ ދުވަހުގެ ރޭ 19:00 ގައި ކުޅޭ މުބާރާތުގެ ފައިނަލުގައި ސިޓީ އިން ނުކުންނާނީ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށެވެ. ޕެލަސް ފައިނަލުން ޖާގަ ހޯދީ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ސެމީފައިނަލުގެ ފުރަތަމަ މެޗުގައި 3-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކުރުމަށްފަހު އެވެ.