
އެއްވަނައަށް ސިޓީ ކުރި އުއްމީދު ލިވަޕޫލުން ގެއްލުވާލީ ޗެލްސީ ބަލިކުރުމަށްފަހު

މުޙައްމަދު ޞާދިޤް - 21 އޮކްޓޯބަރު 2024 - 05:30
އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނަައަށް މެންޗެސްޓަރ ސިޓީން ކުރަމުން އައި އުއްމީދު ލިވަޕޫލުން ގެއްލުވާލައިފިއެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ސިޓީ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކުރީ 2-1 އިންނެވެ. ވުލްވްސްގެ ދަނޑުގައި ކުޅުނު އެމެޗް 1-1 އިން އެއްވަރުވާން ދަނިކޮށް މެޗްގެ އިތުރުވަގުތުގައި ލަނޑެއް ޖަހައި ސިޓީ މޮޅުކޮށްދިނީ ޖޯން ސްޓޯންސްއެވެ. މިމެޗްގައި ލަނޑެއްޖަހާ ފުރަތަމަ ލީޑްނެގީ ވުލްވްސްއެވެ. މިލަނޑު މެޗްގެ ހަތްވަނަ މިނިޓްގައި އެޓީމަށް މާކިޔާބުކޮށްދިނީ ލާރސެންއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ގްވާޑިއޯލްއެވެ. މި މެޗަށްފަހު ސިޓީ ކުޑަވަގުތުކޮޅަކަށް 20 ޕޮއިންޓާއެކު ލީގުގެ އެއްވަނައަށް ޖެހިލިއެވެ. ނަމަވެސް ޖެހިގެން އައި ލިވަޕޫލް، ޗެލްސީގެ ކުރިމަތިލުމަށްފަހު ސިޓީއަށް އަނެއްކާވެސް އެއްވަނަ މަޤާމް ގެއްލި ލިވަޕޫލް އެއްވަނައަށް ޖެހިލިއެވެ.
ރޭ ލިވަޕޫލާ ޗެލްސީ ބައްދަލުކުރި މެޗް ލިވަޕޫލް ކާމިޔާބުރީ 2-1 އިންނެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗްގައި ފުރަތަމަ ލަނޑެއްޖަހާ ލީޑް ނެގީ ލިބުނު ޕެނަލްޓީއަކުން މުޙައްމަދު ސަލާހެވެ މީ ޗެލްސީގެ ކުޅުންތެރިއެއް އޭރިޔާ ތެރެއިން ލިވަޕޫލްގެ ޖޯންސްއަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. ދެވަނަ ހާފް ފަށްޓާއިގެން މާ ގިނައިރު ތަކެއް ނުވަނީސް ޗެލްސީން ވަނީ ލަނޑެއްޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީ އުއްމީދު އާކޮށްދިނީ ނިކޮލަސް ޖެކްސަންއެވެ. ސުވާލުތަކެއް އުފެދުނު މިލަނޑުގައި ގޮތް ނިންމަންޖެހުނީ ވީއޭއާރު މެދުވެރިކޮށެވެ.
ޗެލްސީން ލަނޑެއްޖަހާ ހަމަހަމަކޮށް ގިނައިރުތަކެއް ނުވަނީސް ދެވަނަ ފަހަރަށް ލިވަޕޫލަށް ލީޑްނަގައިދީ އަދި މެޗުން މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ޖޯންސްއެވެ.
މި ނަތީޖާއާއެކު އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 21 ޕޮއިންޓާއެކީއެވެ. ދެވަނައިގައި ސިޓީ އޮތީ 20 ޕޮއިންޓާއެކީއެވެ. ތާވަލްގެ 3 ވަނައިގައި އޮތީ 17 ޕޮއިންޓާއެކު އާސެނަލްއެވެ. ރޭގެ ސިޓީއަތުން ބަލިވި ވުލްވްސް އޮތީ ކުޅުނު 8 މެޗުން ލިބުނު އެއްޕޮއިންޓާއެކު ތާވަލްގެ ފުލުގައެވެ. އަދި ލިވަޕޫލް އަތްދަށުވި ޗެލްސީ އޮތީ 14 ޕޮއިންޓާއެކު ހަވަނައިގައެވެ.