logo

ކައުންސިލުތަކުގެ ޒިންމާތައް އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މޭޔަރު އާޒިމް

profile

ރިޟްވާން މޫސާ - 11 ޖުލައި 2026 - 08:01

ލާމަރުކަޒީ ގާނޫނަށްފަހު ގެނެވުނު އިސްލާހުތަކުގެ ސަބަބުން އެގާނޫނުން ކައުންސިލުތަކަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް އަމަލީ ގޮތުން ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ވެފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

މާލޭ ސިޓީ ކައުންސިލުން މާލޭގައި ދިރިއުޅޭ ރައްޔިތުންނާއެކު ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ ވޭތުވެދިޔަ 15 ވަރަކަށް އަހަރުތެރޭގައި ލާމަރުކަޒީ ނިޒާމުގެ ސަބަބުން ދާއިރާތަކުގެ ޑިމޮކްރަސީ ވަރުގަދަވެ، ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، ޚިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާ ވާނެ ކަމަށެވެ.

ނަމަވެސް ލާމަރުކަޒީ ނިޒާމުގެ އެންމެ ފުރިހަމަ މާނައިގައި ތަންފީޒު ކުރުމަށް ކުރާ ދަތުރު ނިމުމަކަށް ނާންނަ ކަމަށާއި އަދިވެސް ގޮންޖެހުންތައް ހުރިކަމަށް އާޒިމް ވިދާޅުވި އެވެ.

ގާނޫނަށް މިފަހުން ގެނެވުނު ބަދަލުތަކުގެ ސަބަބުން ކައުންސިލުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ސިޓީ ކައުންސިލުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ހަގީގީ ލާމަރުކަޒީ ނިޒާމެއް ގާއިމުކުރުމަށްޓަކައި ހަމައެކަނި ލޯކަލް އޮތޯރިޓީތަކަށް ޒިންމާ ހަވާލުކުރުމަކުން ނުފުދޭ ކަމަށެވެ. ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ މިނިވަން ކަމާއި ވަސީލަތްތައް އަދި މުވައްސަސާގެ ގާބިލުކަން ކައުންސިލްތަކަށް ލިބިދޭން ޖެހޭނެ ކަމަށެވެ.

މާލެ ސިޓީ އަށް ދިމާވެފައިވާ އެކި މައްސަލަތައް ހައްލުކޮށް، ދިރިއުޅެން ފަހި ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި 2027 އިން 2031 އަށް ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ މައްޗަށް އެކުލެވޭ ތަރައްގީގެ ޕްލޭނެއް މާލެ ސިޓީ ކައުންސިލުން ވަނީ އެކުލަވާލާފަ އެވެ.

ކައުންސިލްގެ މާލީ ތަނަވަސްކަން އިތުރުކުރުމަށްޓަކައި އެކުލަވައިލާފައިވާ މި ޕްލޭންގައި، ކައުންސިލްގެ ބިންތަކާއި އިމާރާތްތަކުން އެންމެ އެކަށީގެންވާ ނަފާ ހޯދުމަށްޓަކައި 'ބޭސް ރޭޓް ފްރޭމްވޯކެއް' އެކުލަވައިލައި ތަންފީޒުކުރުމަށް ވަނީ ހިމަނައިފައެވެ. މީގެއިތުރުން، މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ ގޮތުން 'ރިޒާވް ފަންޑެއް' ޤާއިމުކޮށް، އާމްދަނީ ލިބޭނެ ފަދަ ކަންކަމަށް އެ ފަންޑުން އިންވެސްޓްކުރުމަށް ވެސް ވަނީ ރާވައިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk