
ހިޒްބުﷲގެ ހަތިޔާރުތައް އަތުލައި ދައުލަތުގެ ބާރުގެ ދަށަށް ގެނައުމަށް އެމެރިކާއިން ލުބުނާނަށް ގޮވާލައިފި

އާމިނަތު ޝަޒްލާ - 16 އޮކްޓޯބަރު 2026 - 11:58
ހިޒްބުﷲ ޖަމާއަތުގެ އަތުގައި ހުރި ހަތިޔާރުތައް އަތުލައިގަނެ، ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް ބާރުއަޅުއްވައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ލުބުނާނުގެ ސަރުކާރަށް ގޮވާލައްވައިފިއެވެ.
އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިކަން ހާމަވެފައިވަނީ ލުބުނާނުގެ ރައީސް ޖޯސެފް އަައުން އާއި ރޫބިއޯއާ ދެމެދު ބުރާސްފަތި ދުވަހު ފޯނުން ދެކެވުނު ވާހަކަތަކަކަށް ފަހުގައެވެ.
ލުބުނާނުގެ ރިޔާސީ ގަނޑުވަރުން ހާމަކުރި ގޮތުގައި، ދެ ބޭފުޅުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ އިސްރާއީލާ ދެކޮޅަށް ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުއްޓާ ދާދިފަހުން އަތުލައިގަތް ގޮވާތަކެތީގެ މައްސަލައިގައެވެ. މި ފޯނު ކޯލުގައި ރައީސް އަައުން ވަނީ، ގައުމުގެ އެކި ކަންކޮޅުތަކުން ގަވާއިދާ ހިލާފު ހަތިޔާރު އަތުލައިގަތުމުގައި އެ ގައުމުގެ ސަލާމަތީ ބާރުތަކުން ފުރިހަމައަށް ޒިންމާ އަދާކުރަމުންދާކަމުގެ ޔަގީންކަން ރޫބިއޯއަށް ދެއްވާފައެވެ.
ނިމިދިޔަ ހަފުތާގައި ލުބުނާނުގެ ސަލާމަތީ ބާރުތަކުން ވަނީ ބައިރޫތާއި އިރުމަތީ ބަގާޢު ވާދީ ގުޅުވައިދޭ މުހިންމު ހައިވޭއަކުން، 780 ކިލޯގްރާމްގެ ގޮވާތަކެތި ބަރުކޮށްފައިވާ ލޮރީއެއް ހިފަހައްޓާފައެވެ. އެސޯސިއޭޓަޑް ޕްރެސް (އޭޕީ) އަށް އެ ގައުމުގެ ޝަރުޢީ ދާއިރާގެ އިސް މަސްއޫލުވެރިން މައުލޫމާތު ދެއްވި ގޮތުގައި، އަތުލައިގަތް ތަކެތީގެ ތެރޭގައި 250 ކިލޯގެ ޓީ.އެން.ޓީ އާއި 550 ޕައުންޑުގެ ސީ-4 ޕްލާސްޓިކް އެކްސްޕްލޯސިވްސް ހިމެނެއެވެ. ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވަނީ ސަލާމަތީ ބާރުތަކުގެ މި އޮޕަރޭޝަނަށް ތައުރީފު ކުރައްވައި، މިއީ ހިންގާފައިވާ "ޖިނާއީ އަމަލެއް" ގޮތުގައި ސިފަކުރައްވާފައެވެ.
މި އުޅަނދަކީ އަދި އޭގައި ހުރި ތަކެއްޗަކީ ހިޒްބުﷲގެ އެއްޗެއް ކަމަށް، އެ ޖަމާއަތުގެ މަޖިލިސް މެންބަރު ޙަސަން ފަޟްލުﷲ ވަނީ ބުރާސްފަތި ދުވަހު ޕާލަމަންޓުގައި ވާހަކަދައްކަވަމުން އިއުތިރާފުވެވަޑައިގެންފައެވެ. އޭނާ ވިދާޅުވީ، އެއީ އިސްރާއީލާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ބޭނުންކުރުމަށް ގެންދިޔަ ތަކެތި ކަމަށާއި، މިލްކުވެރިކަން ސާފުކޮށްދީ އެ ތަކެތި އަނބުރާ ދިނުމަށާއި، ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ސަލާމަތީ ބާރުތަކުގައި އެދިފައިވާނެ ކަމަށެވެ.
ނަމަވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު މީޑިއާއަށް ހާމަކުރެއްވި ގޮތުގައި، އެ ތަކެތި އެއްގޮތަކަށްވެސް އަނބުރާ ހިޒްބުﷲއާ ހަވާލުނުކުރުމަށް ރޫބިއޯ ވަނީ އިންޒާރު ދެއްވާފައެވެ. އަދި އެ ތަކެތި ފޮނުވުމަށް އަމުރުކޮށް، ހަރަދުކޮށް، އެކަން ރޭވި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށްވެސް ރޫބިއޯ ބާރުއެޅުއްވިއެވެ. މީގެއިތުރުން، އިތުރު ކުރިމަތިލުންތައް ހުއްޓުވުމަށްޓަކައި ލުބުނާނާއި އިސްރާއީލުގެ އަސްކަރިއްޔާއާ ދެމެދު ސީދާ މުއާސަލާތީ ގުޅުމެއް ގާއިމުކުރުމަށްވެސް އޭނާ ހުށަހެޅުއްވިއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް އައުން ވަނީ، ލުބުނާނުގެ ދެކުނަށް އިސްރާއީލުން މެދުނުކެނޑި ދެމުންގެންދާ ހަމަލާތަކާއި ހިންގަމުންދާ ސުންޕާކުރުންތައް ހުއްޓުވުމަށް އިސްރާއީލަށް ބާރުއަޅުއްވައިދެއްވުމަށް އެމެރިކާގެ ކިބައިން އެދިވަޑައިގެންފައެވެ.
މި އަހަރުގެ ބަހާރު މޫސުމުގެ ކުރީކޮޅު މާކޯ ރޫބިއޯގެ ބެއްލެވުމުގެ ދަށުން ވޮޝިންގޓަނުގައި ލުބުނާނާއި އިސްރާއީލުގެ މަންދޫބުންގެ މެދުގައި ތާރީޚީ ޑިޕްލޮމެޓިކް މަޝްވަރާތަކެއް ބޭއްވުނު ނަމަވެސް، މަސްރަހު އަދިވެސް އޮތީ ނުތަނަވަސްކޮށެވެ. ހާއްސަކޮށް 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވެ، ލުބުނާނުގެ ދެކުނުގެ އެތައް އަވަށެއް ސުންނާފަތިކޮށް، އާންމުންގެ އެތައް ބަޔަކު ޝަހީދުކުރަމުންދާ ކަމަށް ލުބުނާނުން ބުނެއެވެ. ޖޫން މަހު އެއްބަސްވުމެއް ހެދުނު ނަމަވެސް އެ ސަރަހައްދުގެ ބޮޑުބައެއް އަދިވެސް އޮތީ އިސްރާއީލުގެ އަސްކަރީ ބާރުގެ ދަށުގައެވެ.
މި ދަނޑިވަޅުގައި، ބުރާސްފަތި ދުވަހު ރޫބިއޯ ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވެސް ބައްދަލުކުރައްވައި އީރާނުގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ފާއިތުވި އަހަރުތަކުގައި ހިޒްބުﷲ އިން ލުބުނާނުގައި ހުރަހެއްނެތި ހަތިޔާރު އުފުލަމުން ދިޔަނަމަވެސް، މިދިޔަ މާރިޗު މަހު އެގައުމުގެ ސަރުކާރުން ވަނީ އެ ޖަމާއަތުގެ އަސްކަރީ ހަރަކާތްތަކަކީ ގާނޫނާ ހިލާފު ކަންކަން ކަމުގައި ކަނޑައަޅައި، ހުރިހާ ހަތިޔާރެއް ދައުލަތުގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް ބުނެފައެވެ. ނަމަވެސް ހިޒްބުﷲ އިން ބުނަމުންދަނީ، އިސްރާއީލުގެ އުދުވާނާ ދެކޮޅަށް ކުރިމަތިލުމަށްޓަކައި ހަތިޔާރު އުފުލުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ކައިވެންޏާއި، ބައްޕައަކަށްވުމާއި ގުޅޭގޮތުން ސަލްމާން ޚާން އޭނާގެ ޝުޢޫރުތައް ހާމަކޮށްފި
9 ގަޑިއިރު ކުރިން
.webp&w=3840&q=75)
ސައުދީ-އިރާގުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން މަޝްވަރާކުރައްވައިފި
ދުވަހެއް ކުރިން

ގައުމިއްޔަތު ވިއްކައިގެން ވެރިކަމަށް ވަޑައިގެން ގައުމު ވިއްކައެއް ނުލެވޭނެ: ރައީސް ނަޝީދު
ދުވަހެއް ކުރިން

ދިވެހީން އަނދަވަޅަކަށް ވައްޓާލައިފި، ވިޔަފާރިވެރިންނަށް ތާށިވެއްޖެ: ރައީސް ނަޝީދު
ދުވަހެއް ކުރިން


