
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް---
ލާމަރުކަޒީ ނިޒާމުގެ އަސާސަކީ ރައްޔިތުން ބާރުވެރިކުރުން، އެއީ ރައްޔިތުންގެ ކިބައިން ބާރުތައް ނިގުޅައިގަތުމެއް ނޫން: އާޒިމް

ޖިނާން ޙުސައިން ޖަބީން - 16 އޮކްޓޯބަރު 2026 - 18:15
ލާމަރުކަޒީ ނިޒާމުގެ އަސްލު ބިނާވެފައިވަނީ ރައްޔިތުން ބާރުވެރިކުރުވުމުގެ މައްޗަށް ކަމަށާއި، އެއީ ރައްޔިތުންގެ ކިބައިން ބާރުތައް ނިގުޅައިގަތުން ނޫން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މޭޔަރު އާޒިމް ވިދާޅުވީ، ކައުންސިލްތަކުން ރައްޔިތުންނަށް ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި، ބޭނުންވާ ބާރުތަކާއި، ވަސީލަތްތަކުގެ އިތުރުން މިނިވަންކަން އެ ކައުންސިލްތަކަށް ކަށަވަރުވެފައި އޮންނަންޖެހޭ ކަމަށެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ކައުންސިލްތަކުން އެ ފަރާތްތަކުގެ ދުސްތޫރީ ޒިންމާތައް އަދާކުރުމަށް ބޭނުންވާ މުހިންމު ވަސީލަތްތަކާއި، ބިމާއި، އަދި ބަޖެޓުގެ އެހީތައް އަތުލާފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މި އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ މުސްތަގުބަލާ މެދު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ، މި ސަރުކާރުން ކައުންސިލްތަކުގެ ކިބައިން ނިގުޅައިގެންފައިވާ އެންމެހައި ބާރުތަކާއި ވަސީލަތްތައް ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި އަލުން އަނބުރާ އިއާދަކޮށްދޭނެ ކަމަށެވެ. އަދި އެއަށްވުރެ ބޮޑަށް ކައުންސިލްތައް ބާރުވެރިކުރުވައި، އިތުރު ބާރުތަކާއި، ޒިންމާތަކާއި މިނިވަންކަން ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ. އާޒިމް ފާހަގަކުރެއްވި ގޮތުގައި ބާރުވެރި ކައުންސިލްތަކަކީ ބާރުވެރި މުޖުތަމައުތަކަކާއި، ހަރުދަނާ ޑިމޮކްރަސީއެއްގެ އިތުރުން، ކުރިއަރާފައިވާ ގައުމެއް ބިނާކުރުމުގެ މައިގަނޑު ބިންގަލެވެ.
ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނެގުމަށް ނިންމި ސަބަބެއް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ، މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އުމްރާނީ ތަރައްގީއާއި އަސާސީ ހިދުމަތްތައް ފުޅާކުރުމަށް ހިންގަންޖެހޭ މުހިންމު މަޝްރޫއުތައް ހިންގުމަށާއި، އިޖުތިމާއީ އަދި އަސާސީ ވަސީލަތްތައް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ތަންތަން ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންނަށް އެންމެ އެދެވޭ މަންފާއެއް ނުލިބި ހުރި ބިންތަކުން އެންމެ ފުރިހަމަ ފައިދާ ހޯދައިދިނުމަކީ މި ބަދަލުގެ މައިގަނޑު މަގުސަދު ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ބަޔާންކުރާ ގޮތުގައި، ކައުންސިލްތަކުގެ ބެލުމުގެ ދަށުގައި ހުންނަ ބިންތަކާއި އާންމު ހިދުމަތްދޭ ތަންތަން ބެލެހެއްޓުމުގެ ފުރިހަމަ ބާރު އޮންނަނީ އެ ކައުންސިލަކަށެވެ. އެހެންނަމަވެސް، ލާމަރުކަޒީ ގާނޫނަށް މިފަހުން ގެނައި އިސްލާހާއެކު، ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގުމުގެ ފުރުސަތު ވަނީ ފަހިވެގެން ގޮސްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖެޓީވީގެ ޓީމަށް ހަމަލާދީ މާރާމާރީ ހިންގި ފިނޑި ޢަމަލު، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން: މޭޔަރު އާޒިމް
20 ދުވަސް ކުރިން

މާލޭ މަގުތަކުގެ 64 އިންސައްތަ ހިއްސާކުރަނީ އުޅަނދުފަހަރު: އާޒިމް
3 މަސް ކުރިން

ކައުންސިލުތަކުގެ ޒިންމާތައް އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި: މޭޔަރު އާޒިމް
3 މަސް ކުރިން

ރަސްފަންނު މޫދަށް އެރޭ ސަރަހައްދުގެ ފެން ޓެސްޓުކުރަނީ: ސިޓީ ކައުންސިލް
4 މަސް ކުރިން


