logo
ނަޝީދު ލިޔުއްވި "ދެރަދުން" ފޮތް ނެރެދެއްވަނީ

ނަޝީދު ލިޔުއްވި "ދެރަދުން" ފޮތް ނެރެދެއްވަނީ

"ކިއްލާ މާލެ" މި ނަމުގައި ރައީސް ނަޝީދު ފޮތެއް ނެރުއްވަނީ

profile

އަހުމަދު ޒަލީފު - 31 ޖެނުއަރީ 2023 - 16:16

"ކިއްލާ މާލެ" މި ނަމުގައި ރައީސް ނަޝީދު ފޮތެއް ލިޔުއްވުމުގެ މަސަައްކަތް ކުރައްވަމުން ގެންދަވާކަން އެކަނިކުފާނު ހާމަކުރައްވައިފިއެވެ.

https://wamco.com.mv/

ނިމިދިޔަ އެމްޑީޕީގެ ރިޔާސީ އިންތިހާބަށް ފަހު ފުރަތަމަ ފަހަރަށް ޓީވީ ޗެނަލަކަށް މަޢުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މި ފޮތް ލިޔުއްވުމުގެ މަަސައްކަތް ކެމްޕެއިންގެ ކުރިން ފަށާފައިވާ ކަމަށާއި، މިއީ އިހުގެ މާލެ އޮތް ގޮތުގެ މައްޗަށް އެކުލަވާލާ ފޮތެއް ކަމަށެވެ.

އަޅުގަނޑު މި ކެމްޕެއިނަށް ނިކުތުމުގެ ކުރީގަ ފޮތެއް ލިޔަން ފަށާފަ އޮތީ. އެ ފޮތަށް ކިޔަނީ ކިއްލާ މާލެ. ދެން އެއީ މާލޭގެ އިހުގެ މާލެ އޮތްގޮތާއި އެތާ އުޅުނު މީހުނާއި އެހެން ރަށްރަށާއި މިރަށަކާއި (މާލެ) ހުރި ގުޅުމާ، ދެން އެހެންވީމަ އަޅުގަނޑު އެ ފޮތް ނެރެން އުޅޭވާހަކަ ދަންނަވާލީ. - ދިވެހި ޗެނަލްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެންމެ ފުރަތަމަ ފޮތެއް ޝާއިއުކުރީ 1996 ވަނަ އަހަރުއެވެ. ދަގަނޑު ދަހަނާ ކިޔާ މިފޮތަކީ ރާއްޖޭގެ ބޮޑުންގެ މެދުގައި ހިނގި ކޯޅުންތަކުގެ ނަތީޖާއެއްގެގޮތުން ރާއްޖެ އިނގިރޭސި ވިލާތުގެ ހިމާޔަތުގެ ދަށަށް ދިއުމަށް މެދުވެރިވި ވާހަކަ ބަޔާންކުރާ ތާރީޚު ފޮތެކެވެ. އޭރުގެ ސިޔާސަތާބެހޭ އެއްވެސް ވާހަކައެއް އެފޮތަކު ނުވެއެވެ. އެހެނަސް، އެފޮތަކީ ދައުލަތާއި ޚިލާފް ޣައިރުގާނޫނީ ފޮތެއްކަމަށް ދެކި އެފޮތް ވިއްކުން އެޑިޔުކޭޝަން މިނިސްޓްރީން މަނާކުރިއެވެ. ރައީސް ނަޝީދު ލިޔުއްވި އަނެއްފޮތަކީ “ހިތާއި ހިތުގެ ގުޅުން” ކިޔާ ލޯބީގެ ވާހަކައެކެވެ. އެހެންނަމަވެސް މިފޮތް ޝާއިއުކުރީ އެހެންމީހެއްގެ ނަމުގައެވެ. މިފޮތް ރާއްޖޭގައި ވިކުނެވެ. މިއީ އެއްވެސް ވަރަކަށް ސިޔާސީ ކުލަވަރެއް އެކުލެވިގެން ނުވާ ފޮތެކެވެ. މީގެ އިތުރުން ސްރީލަންކާގެ މަޝްހޫރު މަޖައްލާއެއްކަމަށްވާ ”ދި އައިލެންޑް” މަޖައްލާއަށް އިންސާނީ ހައްޤުތަކާއި ތިމާވެއްޓާއި ގުޅޭ ކޮލަމެއް އެމަނިކުފާނު ލިޔުއްވިއެވެ. ދަގަނޑުދަހަނާ ނެރުނުތާ މާގިނަދުވަސްތަކެއްނުވެ ރައީސް މައުމޫނުގެ ސަރުކާރުން ރައީސް ނަޝީދުގެ ކޮމްޕިއުޓަރާއި، ހުރިހާ ލިޔެކިޔުމަކާއި، އެވަގުތު އަދި ޝާއިއުނުކޮށް ހުރި އެތައް ލިޔުމެއް ފުލުހުން ގެންދިއައެވެ. މިދެންނެވި ލިޔުންތައް މިހާތަނަށްވެސް ރައީސް ނަޝީދަށް އަނބުރާ ރައްދުކޮށްފައެއް ނުވެއެވެ.

ރައީސް ނަޝީދުގެ ލިޔުއްވުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފޮތަކީ ”ދަގަނޑުދަހަނާ” އެވެ. މިފޮތަކީ އަދަބީ ނަޒަރަކުން އަދި ދިރާސީ ނަޒަރަކުން ބެލިކަމުގައިވިޔަސް އޭގެ ފުންމިން މަދުބަޔަކަށް ނޫނީ ޝަރަހަނުކުރެވޭނެފަދަ މޮޅު ފޮތެކެވެ. އެފޮތަކީ ނައިބުތުއްތުގެ ދަގަނޑުދަހަނާގެ ޝަރަހައެކޭވެސް ބުނެވޭކަށްނެތެވެ. ރައީސް ނަޝީދު ލިޔުއްވާފައިވާ ދަގަނޑު ދަހަނާ މެނުވީ އެހެން އެއްވެސް ފޮތެއް ކިޔާލުމުގެ ފުރުސަތު އަޅުގަނޑަކަށް ނުލިބެއެވެ. އަޅުގަނޑު މިލިޔަނީ ހަމައެކަނި އޮފޮތުގެ މައްޗަށް ބުރަވެހުރެއެވެ. މޮޅު އަދީބެއްގެ ލިޔުމުން ފެންނަން ހުރި ހުރިހާ ލިޔުމެއް މިފޮތުން ފެންނާން އެބައޮތެވެ. ބަސްމަގާއި ފަށުވިކަމީ އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއްކަމެވެ. ލިޔުމެއް މޮޅުވާން ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ ފަށުވިވުމާއި ބަސްމަގު މުއްސަނދިވެފައި ތަނަވަސްވުމެވެ. މީގެ މިސާލަކަށް ބަލައިލަމާ ހެއްޔެވެ. ދަގަނޑު ދަހަނާގެ ބޭރުގަނޑުގައި ލިޔުއްވާފައިވާ ފޮތުގެ ތަޢާރަފްގައި ނަޝީދު ލިޔުއްވާފައިވެއެވެ. ” ވެރިކަން އޮތީ ވަކިފާޑަކަށް ކެނޑި،ފެތި ހިމުންވެފައެވެ” އެހެން އިބާރާތަކަށް ބަލައިލަމާހެއްޔެވެ. ތަޢާރަފްގެ ނިމޭ ޖުމަލައިގައި ލިޔުއްވާފައިވެއެވެ. މިދުވަސްވަރު ކުލަގަދަވެފައި އޮލައެވެ.”ބަސްތައް އަތުރާލެވިފައިވާ ގޮތް ނުވަތަ އެމުނި އެކުލެވިގެންވާ ގޮތް ކިތަންމެހާވެސް ފުރިހަމެވެ. އޮލައެވެ. އިބާރާތްކުރުން އެހާ ސާދާއެވެ.

ގަލަމުގެ ކުޅަދާނަކަމުގެ އިތުރުން ރައީސް ނަޝީދަކީ ދުލުގެ ކުޅަދާނަކަންވެސް ލިބިލައްވާފައިވާ އަދީބެކެވެ. ލިޔުންތެރިކަމާއި އެއްވަރަށް ވާހަކަދެއްކުމުގެ ހުނަރު ލިބިފައިވަނީ މަދުބަޔަކަށެވެ. އާއްމު ތަންތާނގައި, ގިނަ ބައެއްގެ ކުރިމަތީގައި ރައީސް ނަޝީދާ އެއްފެންވަރަށް ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިފައިވާ މީހުން ވަރަށް މަދެވެ. އޯޑިއެންސާ ގުޅުން ބާއްވާ ގޮތާއި, މިސާލު ޖައްސަވާ ގޮތާއި, ފަށްކުރައްވާ ގޮތާއި, ރާގަށް ގެންނަވާ ބަދަލުތަކަކީ ރައީސް ނަޝީދުގެ ވާހަކަ ދެއްކުންތެރިކަމުގެ ހުނަރުގެ ތެރެއިން ފާހަގަ ކުރެވޭ ކަންކަމެވެ. މި ފަހުގެ ތާރީޚްގައި ފެނިގެން ދިޔަ މޮޅު ވާހަކަދެއްކުން ތެރިންގެ ލިސްޓްގައި ނަޝީދު ހިމެނިވަޑައިގަންނަވަ އެވެ. ރައީސް ނަޝީދުގެ ވާހަކަތަކުން އަޑު އިވެންފެށި ބަސްތަކަކީ މިހާރަކަށް އައިސް ގިނަ މީހުންނަށް ރީތިވެ ލިޔުންތަކާއި އެކި ތަޤްރީރްތަކުގައި ބޭނުންކުރައްވާ ބަސްތަކެވެ. އަޅުގަނޑަށް އެންމެބޮޑަށް އަޅައިގަތީ 2008 ވަނަ އަހަރުގެ އެމް.ޑީ.ޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ގެންގުޅުއްވި ޝިއާރު ” ތާހިރު ދިރުޅުމަކަށް” މިބަހެވެ. ގިނަ މީހުންނަށް އެޝިއާރު ވެގެން ދިޔައީ ވަރަށް އާ ހައިރާންކުރުވަނި ޝިއާރަކަށެވެ. އެންމެ ގަދަޔަށް ވައިގައިހިފި ބަސްތައް ކަމަށްވާ ހަޖަމްވުން، ބޮޑުމަންޒަރު، އަތްފޯރާފަށުގައި ފަދަ ބަސްތަކަކީވެސް ރައީސް ނަޝީދުގެ ބަލާޣާތްތެރި ވާހަކަފުޅުތަކުން ވުޖޫދުވި ބަސްތަކެވެ.

https://wamco.com.mv/
https://www.aslu.com.mv