
ޤާނޫނަކުން ނޫސްވެރިން ކޮންޓްރޯލްކުރުން: އަސްލުވެސް ކަންބޮޑުވާންޖެހޭ ކަމެއް!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 27 އޯގަސްޓު 2025 - 13:51
މީގެ އަހަރުތަކެއް ކުރިން ދިވެހި ނޫސްވެރިކަން އޮތް ޙާލަތު، އަދި ދިވެހި ޤައުމު އޮތް ޙާލަތުވެސް، އެއްވެސް ނޫސްވެރިއަކު ހަނދުމަނުނެތޭނެއެވެ. އަދި އެއްވެސް ނޫސްވެރިއަކު، އަދި ދިވެހި އެއްވެސް ރައްޔިތަކުވެސް، އެނބުރި އެދުވަސް ދެކެން ބޭނުންނުވާނެއެވެ. މީގެ ހަތް އަހަރު ކުރިން، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަންގެ މައިގަނޑު މަސައްކަތަކަށްވެފައި އޮތީ، ނޫސްވެރިންނާ ދެކޮޅަށް ހުށަހެޅޭ ޝަކުވާތައް ބަލައި، ނޫސްވެރިންނާއި ނޫސް އިދާރާތައް ކުށްވެރިކޮށް ފިޔަވަޅު އެޅުމެވެ.
އެއީ މާޒީއެވެ. ނަމަވެސް މިއަދު އަނެއްކާވެސް ފެންނަމުން މިދަނީ ގައުމު އެ މިސްރާބަށްދާ މަންޒަރެވެ. ރައްޔިތުންގެ މަޖިލީހުގައި ހުންނެވި މިނިވަން މެމްބަރަކު ހުށަހަޅާފައިވާ ނޫސްވެރިކަމަށް ބިރުބޮޑުކޮށް އޮތް ބިލު ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ސުޕަރ މެޖޯރިޓީއިން މިވަނީ ބަލައިގެންފައެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ޒިންމާތައް އެއް މުއައްސަސާއަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލު ބަލައިގަނެ، ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާއިރު މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައިވަނީ 49 މެންބަރުންގެ ވޯޓުންނެވެ.
ސުވާލަކީ މިނިވަން މެމްބަރަކު މިބިލު ރައްޔިތުންގެ މަޖިލީހަށް ތަކުރާރުކޮށް މި ވެއްދެވީ ކޮން ކަމެއް ހާސިލުކުރަންތޯއެވެ؟ ހައިސިއްޔަތާއި ނިޔަތަކީ ކޮބާތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގަތީ ނޫސްވެރިކަމުގެ މިނިވަންކަމާއި ދައުރުގެ މުހިންމުކަން ވަރަށް ރަނގަޅަށް ދެނެވަޑައިގެންކަން ކަށަވަރެވެ. އިންތިޚާބުވެވަޑައިގަތުމަށްށްފަހު އެމަނިކުފާނުގެ ފުރަތަމަ ހަރަކާތްތައް ބައްޓަންކުރެއްވި ގޮތް އެކަމަށް ހެކިދެއެވެ. އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، އިންތިޚާބީ ރައީސެއްގެ ގޮތުގައި ހުންނަވައިގެން އެންމެ ފުރަތަމަ ބައްދަލުކުރެއްވި ފަރާތްތަކުގެ ތެރޭގައި މީޑިއާގެ ދާއިރާގައި މަސައްކަތްކުރައްވާ ނޫސްވެރިން ހިމެނެއެވެ. "މީޑިއާ ގުންޒަރު"ގެ ނަމުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައި، މީޑިއާގެ ކަންކަން ކުރިއަށް ގެންދަވާނެ ގޮތުގެ ޚިޔާލު ހޯއްދަވައި، މީޑިއާތަކުގެ ކަންބޮޑުވުންތައް އެމަނިކުފާނު އަޑު އެއްސެވިއެވެ.
ހދ. ނޮޅިވަރަންފަރުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް އިހަށްރޭ ދެއްކެވި ވާހަކަފުޅުގައި ބިލުގައި ކޮމިޝަންގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރެވޭ ގޮތަށް އޮތް ނަމަވެސް އެގޮތަށް އެ ބިލު ފާސް ނުކުރައްވާނެ ކަމަށާއި އަދި އެކަން މެމްބަރުންނަށް ވެސް އަންގަވާފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ބިލު އިސްލާހުކުރާ މަރުހަލާގައި ކޮމިޝަންގެ ރައީސްއަކީ ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ވޯޓު ލައިގެން ހޮވާ މީހަކަށް ހަދަން އަންގަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއްވެސް ގޮތަކަށް ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލް އޮންނަ ގޮތަށް މީޑީއާ ރެގިއުލޭޓްކުރެވޭ ގޮތަށް ބިލުގައި އޮންނަން ބޭނުންނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބިލުގައި ވަނީ ކީކޭ؟
ރައްޔިތުންގެ މަޖިލީހަށް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ" ބިލު ހުށަހެޅުއްވީ ކުރިންވެސް އެފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ. މި ބިލު ހުށަހެޅުއްވި މަގުސަދެއްކަމަށް ބަޔާން ކުރައްވާފައިވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްގީ ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި ދޮގު ޚަބަރު ފެތުރުުން ހުއްޓުވުމުގެ އިތުރުން ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީދިއާތަކާއި މީޑިއާތަކާއި ނޫސްވެރިން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.
މި ބިލުގައި ބަޔާންކޮށްފައިވާގޮތުގައި ބިލު ޤާނޫނަކަށްވުމާއެކު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން"ގެ ނަމުގައި ކޮމިޝަނެއް އުފެދިގެންދާނެއެވެ. މި ޤާނޫނާއެކު މިހާރު އަމަލުކުރަމުންދާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނާއި ނޫސް މަޖައްލާފަދަ ތަކެތީގެ ޤާނޫނު އުވާލެވި، ބްރޯޑްކާސްޓުކުރުމުގެ ޤާނޫނުގެ ބައެއް މާއްދާތައް އުވާލެވޭނެއެވެ. އަދި މި ޤާނޫނުތަކުގެ ދަށުން މިހާރު އުފައްދާފައިވާ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަންވެސް އުވިގެންދާނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މި ޤާނޫނު ވުޖޫދުވުމާއެކު އެކުލަވާލާ ކޮމިޝަނަކީ 7 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންނެވެ. މި ކޮމިޝަނުގެ ރައީސް، މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަންޖެހޭގޮތަށް ބިލުގައި ބަޔާންކޮށްފައިވާއިރު ނައިބު ރައީސް އައްޔަން ކުރައްވާނީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މީޑިއާތަކުން އިންތިޚާބު ކުރާ މެންބަރުން ހޮވުމަށް އިންތިޚާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި މި މަގާމަށް ކުރިމަތިލެވޭނީ ރަޖިސްޓްރީކޮށްފައިވާތާ 5 އަހަރުވެފައިވާ ނޫސްތަކާއި ބްރޯޑްކާސްޓަރުންނާއި އެތަންތަނުގައި މަސައްކަތް ކުރާ ނޫސްވެރިންނަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މި ކޮމިޝަނަށް މެންބަރުން އައްޔަން ކުރައްވާނީ 5 އަހަރުގެ ދައުރަކަށެވެ. އެއްވެސް މެންބަރަކަށް ދެ ދައުރަށްވުރެ ގިނަ ދައުރު މެންބަރުކަމުގައި ނުހުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެޑިޓަރުންގެ ދަފްތަރެއް އެކުލަވާލައި ބަލަހައްޓަންޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މި ބިލުގައި މީޑިއާތަކުން އަމަލުކުރަންޖެހޭ އުސޫލުތައް ހިމަނާފައިވާއިރު އެ އުސޫލުތައް އަދި މި ޤާނޫނުގެ ދަށުން އެކުލަވާލާ ޤަވާއިދުތަކާ ޚިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅުތައްވެސް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، ބްރޯޑްކާސްޓަރަކު އުސޫލުތަކާ ޚިލާފުވެއްޖެނަމަ އެކަމެއް ރަނގަޅުކުރުމަށް އަންގައި ތަކުރާރުކޮށް އެ އުސޫލަކާ ޚިލާފުވާނަމަ އެ ފަރާތެއްގެ ވޭތުވެދިޔަ އަހަރު ލިބުނު އާމްދަނީގެ %10 އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބޭނެއެވެ. އަދި ތަކުރާރުކޮށް ޤާނޫނާއި ގަވާއިދާ ޚިލާފުވާނަމަ އެ ބްރޯޑްކާސްޓަރެއްގެ ލައިސަންސް ބާތިލުކުުރުމަށް ކޯޓަށް ހުށަހެޅުމުގެ ބާރުވެސް މި ޤާނޫނުގެ ދަށުން ކޮމިޝަނަށް ލިބިގެންދާނެއެވެ.
މީގެ އިތުރުން ނޫސް މަޖައްލާއެއް ތަކުރާރުކޮށް ސުލޫކީ މިންގަނޑާ ޚިލާފުވާނަމަ 5000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރުވެސް މި ޤާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އަދި ޤާނޫނާއި ޤަވާއިދާ ޚިލާފުވާނަމަ މައްސަލަ ނިމެންދެން ވަގުތީގޮތުން ރަޖިސްޓްރީ ބާތިލުކުމާއި ތަކުރާރުކޮށް ޤާނޫނާއި ޤަވާއިދާ ޚިލާފުވާނަމަ ރަޖިސްޓްރީ ބާތިލުކުރުމަށް ކޯޓަށް ދިއުމުގެ ބާރުވެސް ކޮމިޝަނަށް ލިބޭނެއެވެ. ކޮމިޝަނުން ކަމެއް އިސްލާހުކުރުމަށް އަންގާ މުއްދަތުގެ ތެރޭގައި އެކަމެއް އިސްލާހުނުކޮށްފިނަމަ 5000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ނޫސްވެރިކަމަކީ މިހާރު އަމަލުކުރަމުންދާ ފެހި ޤާނޫނުއަސާސީގެ 29 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ވަރަށް ފުޅާ ހައްގެކެވެ. ދައުލަތާއި ސަރުކާރު ޒިންމާދާރުކޮށް، ޖަވާބުދާރީކުރުވައި، ފާރަވެރިވާން އޮތް ޑިމޮކްރަސީގެ ހަތަރު ވަނަ ބާރެވެ. އެ ބާރު ހަނިކުރަން ކުރެވޭ ކޮންމެ ކަމެއް ވާނީ ފަހަތަށް އަޅާ ފިޔަވަޅަކަށެވެ. އެފަދަ ފިޔަވަޅެއް ފަހަތަށް އަޅަން މިވަނީ މިސްރާބު ހިފައިފައެވެ. ބިލު ފަރުމާކޮށްފައިވަނީ ޤާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ގޮތަށެވެ. އަދި ބިލު އޮތީ މީޑިއާތައް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް މިނިވަން ސެލްފް ރެގިއުލޭޓަރީ ނިޒާމް އެއްކޮށް ބަދަލުކޮށް އެއިރެއްގައި އޮންނަ ސަރުކާރަކަށް އަދި މަޖިލީހަށް މެޖޯރިޓީ އޮތް ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭ ގޮތަށެވެ.
ބިލު އެކުލަވާލާފައިވަނީ ނޫސްވެރިންގެ ހައްގު ނިގުޅައިގަންނަ ގޮތަށެވެ. މީޑިއާތަކަށް ފިޔަވަޅު އަޅާ ގޮތަށް ހިމަނާފައިވާ ބައެއް މާއްދާތަކުގައި ހިމަނާފައިވާ އިބާރާތްތަކަކީ ސާފު އިބާރާތްތަކަކަށް ނުވާތީ އެ އިބާރާތްތައް ބޭނުންގޮތަކަށް މާނަކޮށްގެން ނާޖާއިޒު މަންފާ ނެގޭ ގޮތަށެވެ. އަދި މީޑިއާތަކަށް ފިޔަވަޅު އެޅުމުގައި އެއްވެސް ކަހަލަ އަދުލުވެރިކަމެއް ނެތި ފިޔަވަޅު އެޅުމުގެ ދޮރު ހުޅުވި ޝަރުއީ ނިޒާމުގެ ތެރެއިން މައްސަލައެއް ސާބިތު ނުވަނީސް އެ މީޑިއާއެއް ހުއްޓާލުމުގެ ބާރު އުފައްދާ ކޮމިޝަނުނަށް ލިބޭ ގޮތަށެވެ.
ޤާނުނުއަސާސީއާ ހިލާފަށް އޮތް ބިލަކީ، މިނިވަން ނޫސްވެރިކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން