logo

ދުންފަތުގެ ވަބާއިން ދުރުވާން ގަދަ އަޒުމެއް ކަނޑައަޅަމާ!

profile

އައިޝަތު އިނާޝާ - 10 އޮކްޓޯބަރު 2025 - 10:59

ދުންފަތުގެ އިސްތިއުމާލު ކުރުމުން ހަށިގަނޑަށް އެކިކަހަލަ ގެއްލުންވެ، އުމުރު ކުރުވާ ކަމީ މިއީ މިއަދު އެންމެންނަށް ވެސް އެނގޭ ހަގީގަތެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކުގައި އަހަރަކު 8 މިލިއަނާ ގާތް ކުރާ އަދަދަކަށް މީހުން މަރުވާއިރު، ގައިން ގަޔައް ނާރާ ބަލިތަކުގެތެރޭގައި ހިމެނޭ ކެންސަރާއި ހިތުގެ ބަލިތަކަށް ވެސް ހުށަހެޅޭ މައިގަނޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމެވެ.

https://wamco.com.mv/

ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޓިއުމަރު ސެލްތައް އިތުރުވެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން އެކި އެކި ދިރާސާތަކުން ދައްކާގޮތުގަ ދުންފަތް ނުވަތަ ސިގިރޭޓްގެ ދުމުގައި ހިމެނޭ ކެމިކަލްތަކުގެ ސަބަބުން ތަފާތު 43 ވައްތަރެއްގެ ކެންސަރު ޖެހުމަށް މަގުފަހިވެއެވެ.

ރާއްޖެއަށް ބަލާއިރުވެސް އެންމެ އާއްމު އެއް ކެންސަރުގެ ބާވަތަކީ އަންގައިގެ ކެންސަރާއި، ފުއްޕާމޭގެ ކެންސަރެވެ. މި ދެ ބާވަތުގެ ކެންސަރު ޖެހުމަށްވެސް އެންމެ ބޮޑަށް މަގުފަހިވަނީ ދުންފަތުންނެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ލޭހޮޅިތައް ބެދެއެވެ. ލޭހޮޅި ތަކަކީ ހިތާއި ލޭހޮޅިތައް ހިއްސާވާ ނިޒާމް ނުވަތަ ލޭދައުރުވާ ނިޒާމްގެ މުހިއްމު ބައިތަކެކެވެ. ލޭނާރު ނުވަތަ ލޭހޮޅިތަކުގެ ވަޒީފާ އަކީ ހިތުން ހަށިގަނޑު އެކި ހިސާބުތަކަށް ލޭ ފޯރުކޮށް ދިނުމާއި، އަދި ހަށިގަނޑުގެ އެކި ހިސާބުތަކުން ލޭ އަނބުރައި ހިތަށް ފޮނުވުމެވެ. ރާއްޖޭގައި ފަހަކަށް އައިސް ހާރޓް އެޓޭކް ޖެހޭ މީހުން ބޮޑުތަނުން އިތުރުވެފައިވާއިރު، އެމީހުންގެ ތެރެއިން ބޮޑު ޕަސެންޓަކީ ކޮންމެވެސް އެއް ސިފައެއްގައި ދުންފަތުގެ އިސްތިއުމާލު ކުރާމީހުންނެވެ. ހާރޓް އެޓޭކް ޖެހެން ދިމާވަނީ ހިތަށް ލޭފޯރުކޮށްދޭ ލޭހޮޅިއެއް މުޅިން ބެދި، އޭގެ ސަބަބުން ހިތުގެ ބައެއް ހަލާކުވެގެންނެވެ.

މިއަދު އަޅުގަނޑުމެން ހިތާމަކުރަންޖެހެނީ މި ރާއްޖޭގެ ހަގު އާބާދީ ނިކޮޓިން އަށް ދެވިހިފުމެވެ. ރާއްޖޭގައި ކިޔަވާ ކުދިންގެ ތެރެއިން 45 ޕަސެންޓު ކުދިން ދުންފަތުގެ ކޮންމެވެސް ބާވަތެއް އިސްތިއުމާލު ކުރާ ކަމަށް 2019 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ނެރުނު ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭގައި ބުނެފައިވެއެވެ. އަދި ދަރިވަރުންގެ ތެރެއިން 17 ޕަސެންޓު ކުދިންނަކީ ވޭޕް ކުރާ ކުދިން ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ރާއްޖޭގެ މުސްތަގްބަލަށާއި އަޅުގަނޑުމެންގެ ތުއްތު ތުއްތު ކުދިންގެ ހައްގުގައި މި ސަރުކާރުން ވަނީ ރާއްޖޭގައި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، އެ ބާވަތްތައް އަގުބޮޑުކޮށްފައެވެ. އަދި އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމާއި، ދުންފަތް އިޝްތިހާރުކުރުން މަނާކުރުމާއި، ދުންފަތުގެ ގެއްލުން ބަޔާންކޮށް ލޭބަލް ޖެހުމާއި، ސިނގިރޭޓުފަދަ ބާވަތްތައް ވަކިން ވިއްކުން މަނާކުރުން ހިމެނެއެވެ.

ބޭނުމަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެކަމުން މުޅިން ދުރުކުރުވުމެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމުގެ ބަދަލުގައި ވޭޕް ފަދަ އެހެން ބާވަތްތައް ބޭނުންކުރަން ވަނީ ފަށާފައެވެ.

ވޭޕަކީ ސިނގިރޭޓު ބޯ މީހުން އެކަމުން ދުރުހެލިކުރުވުމަށް ބާރު އެޅުމުގެ ގޮތުން 2003 ވަނަ އަހަރު ޗައިނާގެ ފާމަސިސްޓެއް ކަމަށްވާ ހޮން ލިންކު އުފައްދާފައިވާ އެއްޗެކެވެ.

ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2008 ވަނަ އަހަރު ނެރެފަވާ ބަޔާނެއްގައި ބުނެފަވާ ގޮތުގައި ވޭޕަކީ ސިނިގިރޭޓް ބުއިމުން މީހާ ދުރުކޮށްދޭ ކަމެއްކަން ހާމަވާ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ.

ދުންފަތުގެ ނުރައްކާ އެނގިތިބެ، ދުންފަތަށް ދެވިހިފައި އެއާނުލާ ނޫޅެވޭވަރު ވެފައިވާ މީހުން ރާއްޖޭގައި ވެސް ގިނައެވެ. ދުވާލަކު ދެ ފޮށި ތިން ފޮށިން ސިނގިރޭޓު ގަންނަ މީހާ އެ ހޭދަކުރާ ފައިސާއަކީ، ރަނގަޅު ކާނާ އާއި ދިރިއުޅުމުގެ ޒަރޫރީ އެތައް ކަމަކަށް ހޭދަކުރެވިދާނެ ފައިސާތަކެކެވެ.

ދުންފަތުގެ ވަބާއިން ދުރުވާން ބޭނުންވާ މީހުންނަށް އަމިއްލައަށް ކުރެވިދާނެ ކަންކަމުގެ ތެރޭގަ މަޑުމަޑުން ޑޯޒް ކުޑަކުރުމާ، އާއިލާއާ އެކިއެކި މަސައްކަތްތަކުގަ ޝާމިލްވުން އިތުރުކުރުމާ ކެއިންބުއިމާ ދިރިއުޅުމުގެ އާދަތައް ބަދަލުކޮށްގެން އެކަމުން ދުރުހެލިވާން ހިތްވަރުކޮށް މަސައްކަތް ކޮށްފިއްޔާ އެއީ ނުވާނެ ކަމެއް ނޫނެނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay