logo

ފަރުޟު ފަސް ނަމާދަށް ރައްކާތެރިވާށެވެ.

profile

ޒިދާން މުޙައްމަދު - 08 ސެޕްޓެމްބަރު 2025 - 05:02

އިސްލާމްދީނުގައި ނަމާދަށް ވަރަށް މަތިވެރި މަޤާމެއް ދެއްވާފައިވެއެވެ. އެއީ ދީނުގެ އެހެން އެއްވެސް އަޅުކަމަކަށް ވާޞިލު ނުވެވޭނެ ފަދަ މަތިވެރި މަޤާމެކެވެ. މިކަމަށް ދަލީލުކޮށްދޭ ބައެއް ކަންކަމަށް ބަލާލާނަމެވެ.

https://wamco.com.mv/

ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. އެއީ އެ ތަނބަކާއި ނުލައި (އަޅާގެ) ދީން ބިނާ ނުވާނެ ތަނބެވެ.

މުޢާޛު ބުނު ޖަބަލް رضي الله عنه ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«أَلَا أُخْبِرُكَ بِرَأْسِ الْأَمْرِ وَعَمُودِهِ وَذرْوَةِ سَنَامِهِ؟» فَقُلْتُ: بَلَى يَا رَسُولَ اللَّهِ. قَالَ: «رَأْسُ الْأَمْرِ الْإِسْلَامُ، وَعَمُودُهُ الصَّلَاةُ، وَذِرْوَةُ سَنَامِهِ الْجِهَادُ»

މާނައީ: “ދީނުގެ އެންމެ އިސްކަމަކީ (އެންމެ މުހިންމުކަމަކީ) ކޮބައިކަމާ އަދި އޭގެ ތަނބާއި އޭގެ ކުރިބޯއްޓާ ބެހޭގޮތުން ކަލޭގެފާނަށް ޚަބަރުދެއްވަން ހެއްޔެވެ؟”

ދެން ތިމަން ދެންނެވީމެވެ. “އޭ ﷲ ގެ ރަސޫލާއެވެ! އާދޭހެވެ. (ބުނެދެއްވާށެވެ.)”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ދީނުގެ އެންމެ އިސްކަމަކީ އިސްލާމުކަމެވެ. އަދި އޭގެ ތަނބަކީ ނަމާދެވެ. އަދި އޭގެ ކުރިބޯއްޓަކީ ޖިހާދެވެ.”

އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ޝަހާދަތުގެ ދެ ކަލިމައަށްފަހު ދެން އަންނަނީ ނަމާދެވެ. އަޅާ ޤަބޫލުކުރާ ޤަބޫލުކުރުމުގެ ޞައްޙަކަމާއި ތެދުކަން ފާޅުކޮށްދޭކަމަކީ ނަމާދެވެ.

ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«بُنِيَ الْإِسْلَامُ عَلَى خَمْسٍ، شَهَادَةِ أَنْ لَا إِلَهَ إِلَّا اللهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ الْبَيْتِ، وَصَوْمِ رَمَضَانَ».

މާނައީ: “އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ (އެބަހީ: ފަސް ރުކުނެއްގެ) މައްޗަށެވެ. އެއީ ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާކަމަށް ހެކިވުމާއި، މުޙައްމަދުގެފާނީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި، (މުދަލު) ޒަކާތްދިނުމާއި، ގެފުޅަށް ޙައްޖުވުމާ އަދި ރަމަޟާން މަހުގެ ރޯދަ ހިފުމެވެ.”

ނަމާދު ޤާއިމު ކުރުމުގެ މާނައަކީ: ނަމާދުގެ ޛިކުރުތަކާއި ޙަރަކާތްތައް ފުރިހަމަކޮށް އަދާކުރުމެވެ. އަދި ޤުރުއާނުގައި ވާރިދުވެފައިވާ ފަދައިން ކޮންމެ ނަމާދަކަށްވެސް ކަނޑައެޅިފައިވާ ވަޤުތުގައި އެ ނަމާދެއް ކުރުމެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا﴾

މާނައީ: “ހަމަކަށަވަރުން ނަމާދަކީ މުއުމިނުތަކުންނަށް ވަޤުތު ކަނޑައެޅިގެންވާ ފަރުޟެކެވެ.”

ދީނުގެ އަޅުކަންތަކުގެ ތެރެއިން ނަމާދަށް ވަކިން ޚާއްޞަކަމެއް ލިބިގެންވެއެވެ. އެއީ ނަމާދު ފަރުޟު ކުރައްވާފައިވާ ގޮތުގެ ސަބަބުންނެވެ.

ނަމާދު ފަރުޟު ކުރެއްވުމަށް މަލާއިކަތަކު ފައިބައިވަޑައި ނުގަންނަވައެވެ. ނަމަވެސް އެކަމަށްޓަކައި ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ صلى الله عليه وسلم އުޑަށް މިޢުރާޖު ކުރެއްވުމަށް އިރާދަކުރެއްވިއެވެ. އަދި އެކަލެގެފާނަށް އެއްވެސް މެދުވެރިޔެއް ނެތި ބަސް ވަޙީކުރައްވައި ނަމާދު ފަރުޟު ކުރެއްވިއެވެ. މިއީ އިސްލާމްދީނުގެ ޝިޢާރުތަކުގެ ތެރެއިން ހަމައެކަނި ނަމާދަށް ލިބިގެންވާ ޚާއްޞަކަމެކެވެ.

ނަމާދު ފަރުޟު ކުރެއްވުނީ އިސްރާއާއި މިޢުރާޖުގެ ރެއެވެ.

ފުރަތަމަ ފަރުޟު ކުރެއްވުނީ ފަންސާސް ނަމާދެވެ. އެއަށްފަހު ފަސް ނަމާދަށް ލުއިކުރެވުނެވެ. (ނަމާދުގެ ޢަދަދު މަދު ކުރެވުނު ނަމަވެސް) ފަންސާސް ނަމާދުގެ ޘަވާބު ފަސް ނަމާދުގައިވެއެވެ. މިކަމުންވެސް ނަމާދަށް ﷲ ތަޢާލާ ދެއްވާފައިވާ މަތިވެރިކަމާއި މަޤާމުވެސް ބަޔާންކޮށްދެއެވެ.

ޝައްކެއް ނެތް ގޮތުގައި، ޝަހާދަތުގެ ދެ ކަލިމަ ކިޔައިގެން އިސްލާމްވެގެން ހުންނަ މުސްލިމް އަޅާއަށް އޭނާގެ ޙަޔާތުގައި އެންމެ މުހިންމު އެއް ވާޖިބަކީ ނަމާދެވެ. އެއީ ޢަމަލީ ކަންކަމުގެ ތެރެއިން އެންމެ އިސްކަން ދޭން ޖެހޭ ކަމެވެ.

އެހެންކަމުން، ނަމާދު ކުރެވޭތޯ މުސްލިމް އަޅާ ބަލަން ވާނީ އެންމެ ފުރިހަމަ ގޮތުގައެވެ. ފިރިހެނެއް ނަމަ، ޖަމާޢަތުގައެވެ. ނަމާދު ކުރާއިރު މާތް ﷲ އަށް ހިތް ނިޔަތް ޚާލިޞްކުރާ ޙާލު އެ ނަމާދެއް ކުރުން މުހިއްމެވެ. އަދި ނަމާދުގެ ރުކުންތަކާއި ވާޖިބާތާއި ސުންނަތްތަކަށް ފުރިހަމައަށް ސަމާލުކަން ދީގެން ވީހާ ވެސް ފުރިހަމަ ގޮތުގައި ނަމާދު ކުރެވޭތޯ އާދަކުރަންވާނެއެވެ.

އެހެނީ، ކޮންމެ ދުވަހަކު ފަރުޟު ފަސް ނަމާދު އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރާ މީހެއްގެ ޙަޔާތަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. މާތް ﷲ ފަރުޟު ފަސް ނަމާދު ލައްވާފައިވަނީވެސް އެކަމަށްޓަކައެވެ.

ދުނިޔެވީ ޙަޔާތުގެ ޒީނަތްތެރިކަމާއި މަޖަލާއި އުފާ ފެނުމުން އާޚިރަތް މަތިން އިންސާނާ ހަނދާން ނެތޭ ގޮތް ވެއެވެ. އަދި ހަމައެހެންމެ، ދުނިޔެވީ ރިވެތި މަންޒަރުތައް އިތުރަށް ރީތިކޮށްފައި ޝައިޠާނާ އޭނާ އަށް ދައްކާނެއެވެ. އިންސާނާގެ ހިތަކީ ރީތި މަންޒަރުތަކާއި އުފަލާއި މަޖަލަށް ލެނބޭ އެއްޗެކެވެ. އެހެންކަމުން، އެ ޣާފިލުކަމުން އިންސާނާ ސަލާމަތްކޮށް ދޭނެ ވަޞީލަތަކަށް މާތް ﷲ ލައްވާފައި ވަނީ ނަމާދެވެ.

އެއަށް ރައްކާތެރިވާށެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay