logo

އިއްޒަތްތެރި މެމްބަރާއި ސިހުރުވެރިން ކަމަށް ބުނާ ދެ މީހުންނާ ހުރީ ކޮން ގުޅުމެއް؟

profile

ޒިދާން މުޙައްމަދު - 14 ސެޕްޓެމްބަރު 2024 - 19:35

Zidahn.png

Zidahn.png

މޯލްޑިވްސް މީޑިއާ ކައުންސިލަށް އަމިއްލަ ފަރުދަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން ސުވާލު ކުރުމަށް، 12 ސެޕްޓެމްބަރު 2024 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އަށް "އަސްލު" ނޫހުގެ ވެރިން ވަނީ އެ އިދާރާއަށް ހާޒިރުކޮށްފައެވެ. މީޑިއާތައް ރެގިއުލޭޓްކުރުމުގެ ޒިންމާ މަތިކޮށްފައިވާ، ނޫސްމަޖައްލާތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މައްސަލަ ހުށަހެޅުމަކީ ޤާނޫނީގޮތުން ކޮންމެ މީހަކަށްމެ ލިބިދީފައިވާ ހައްގަކަށްވާއިރު އެ މައްސަލައެއް ބެލުމަކީ މީޑިއާ ކައުންސިލުން ކުރަންޖެހޭ ކަމެކެވެ.

އަސްލު ނޫހުގެ ވެރިޔާ ޢަބްދުالله އަޙުމަދު (އަބްޅޯ)އާއި ނިއުސް ހެޑް ހުޞައިން އަޙުމަދު (ހުސީ) މީޑިއާ ކައުންސިލަށް ހާޒިރުކުރީ "ގދ. ތިނަދުއަށް ގެނައި ދެ ސިހުރުވެރިން ހޯދަނީ!" މިސުރުޚީގައި ޝާއިއުކުރި ޚަބަރަކާއި "ސިހުރުވެރިންކަމަށް ބުނާ ދެ މީހުންގެ ޓިކެޓް ނަގައިދިނީ ކާކުތަ؟" މިސުރުޚީގައި އަސްލު ނޫހުން ރިޕޯޓުކުރި ޚަބަރަކާ ގުޅިގެންނެވެ. މިމައްސަލަ ހުށަހެޅީ މީޑިއާތައް ގޮވައިގެން އެމްއެމްސީއަށް ވަޑައިގަންނަވަން ފަރިތަ އިއްޒަތްތެރި މެމްބަރެވެ.

މީގެ އިތުރުން، "ތިނަދޫ ސަހަރާގެ މަހާނައެއް ކައިރީގައި ސިހުރު ހަދަން ބަޔަކު ތިބި ފޮޓޯތަކާއި ވީޑީއޯތަކެއް ދައުރުވެއްޖެ" މިސުރުޚީއާއި "ތިނަދޫ ސަހަރާގައި ސިހުރު ހެދިކަމަށް ދެކެވޭ ވާހަކަތަކުގެ ހަޤީގަތް" މިސުރުޚީގައި ގާފު އޮންލައިންގައި ލިޔެފައިވާ ޚަބަރުތަކެއްގެ ޝަކުވާވެސް އިއްޒަތްތެރި މެމްބަރު ވަނީ އުފުލާފައެވެ. ސުވާލަކީ ސިހުރުގެ މިޚަބަރުތަކާ އިއްޒަތްތެރި މެމްބަރާ ހުރީ ކޮން ގުޅުމެއްތޯއެވެ؟ ނުވަތަ ސިހުރުގެ އެ ހާދިސާއާ އިއްޒަތްތެރި މެމްބަރާ ގުޅުމެއް ވޭހެއްޔެވެ؟

މިސުވާލުގެ ޖަވާބު އަހަރެން ދޭކަށް ނެތީމެވެ. އެކަމަކު ނުކުތާތަކެއް ފާހަގަކޮށްލާނަމެވެ. ތިނަދޫ ސަހަރާގައި ބަޔަކު ސިހުރު ހެދި ކަމަށް ތުހުމަތުކުރެވިފައިވާ ދަނޑިވަޅެއްގައި ސިހުރުވެރިން ކަމަށް ބުނާ ބަޔަކު ރަށަށް ގެންދިއުމުން ރައްޔިތުން ކަންބޮޑުވުން ފާޅުކުރިއެެވެ. އިންޑިއާއަށް ނިސަބަތްވާ އެ ދެ މީހުން ރާއްޖެ ގެނައީ މާފުށީ ގެސްޓް ހައުސްއަކަށް ބުކިން ހައްދައިގެންނެވެ. ނަމަވެސް ތިނަދޫގައި ސިހުރުގެ ކުޅިގަނޑެއް ހިނގާފައި ވަނިކޮށް އެ ދެމީހުން އެ ރަށަށް ގެންދިޔައެވެ.

އިއްތިފާގެއް ކަމެއް ނޭނގެއެވެ. މި ދެ މީހުން އެ ރަށަށް ގެންދިއުމަށް ޓިކެޓް ނަގާފައިވަނީ ކަށަވަރުވެފައިވާ ގޮތުގައި މައްސަލަ ޖެއްސި އިއްޒަތްރެރި މެމްބަރުގެ ފޯނު ނަމްބަރު ބޭނުންކޮށްގެންނެވެ. މިމައްސަލާގައި "ސިހުރާއި އިއްޒަތްތެރި ވެމްބަރާ ގުޅުވަން މަސައްކަތް" ކުރި ކަމަށް ގާފު އޮންލައިންއާއި އަސްލު ނޫހަށް އިއްޒަތްތެރި މެމްބަރު ތުހުމަތުކުރިއެވެ. އެ ދެ މީހުން ގެނައީ އިއްޒަތްތެރި މެމްބަރުގެ ނަމްބަރު ޖަހައި، އިއްޒަތްތެރި މެމްބަރު ބުކް ކުރި ޓިކެޓްތަކެއް ބޭނުންކޮށްގެން ކަމަށް ރިޕޯޓުކުރުމަކީ ސިހުރާއި އިއްޒަތްތެރި މެމްބަރާ ގުޅުވުން ކަމަށް ވަންޏާ އެ އޮތީ ގުޅުވިފައެވެ. އެކަމަކު ކޮންމެ މީހަކު ކޮންމެ އެއްޗެއްކޭ ކިޔަސް އެއީ ބަދަލުކުރެވެން ނެތް ހަގީގަތެވެ. އިއްޒަތްތެރި މެމްބަރުވެސް މިކަމަށް އިއުތިރާފުވެވަޑައިގަތީމު ނޫން ހެއްޔެވެ؟

ކޮންމެވެސް، މައްސަލައަކާ ގުޅިގެން، ސިހުރުގެ ތުހުމަތުކުރެވޭ ބިދޭސީ ދެ މީހުން ހޯދަން އިމިގްރޭޝަނުން ރެޑް ނޯޓިސްވެސް ނެރުނެވެ. އެކަމަކު އެއީ ކޮން ސަބަބެއް އޮވެގެން ކަމެއް އިމިގްރޭޝަނުން އަދިއަދަށް ދާންދެންވެސް ހާމައެއް ނުކުރެއެވެ. އެ މައުލޫމާތު ހޯދަން އަސްލު ނޫހުން މިދަނީ މަަަސައްކަތްކުރަމުންނެވެ.

ދެން އޮތީ އަނެއްކާ އަނެއް ވާހަކައެވެ. ސިހުރުވެރިން ކަމަށް ބުނާ ދެ މީހުންނަކީ އިއްޒަތްތެރި މެމްބަރުގެ އާއިލާއާ ގާތް ބައެއް ކަމަށް ބުނީ ނޫސްވެރިންނެއް ނޫނެވެ. އަމިއްލަފުޅަށް ދެއްކެވި ވާހަކައެއްގެ ތެރެއިިން އިއްޒަތްރެރި މެމްބަރު އެކަމާ އިއުތިރާފުވެވަޑައިގަތީއެވެ. އަދި ހުށަހެޅުއްވި ޝަކުވާގައިވެސް އެކަމާ ހަވާލުވެވަޑައިގަތީވެސް ޚުދު އަމިއްލަފުޅަށެވެ.

https://int.etukuri.mv/
tel:+9607331319