logo

ތިނަދޫ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް މިއަހަރު ފަހުކޮޅު ފެށޭނެ: ވަޒީރު

profile

މަރްޔަމް އުމްނާ އިސްމާޢީލް - 06 އޯގަސްޓު 2024 - 11:49

ސިއްހަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ (ފޮޓޯ/ މަޖިލީސް)

ސިއްހަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ (ފޮޓޯ/ މަޖިލީސް)

ގދ. ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅުގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސިއްހަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ތިނަދޫގައި އަޅާ އާ ހޮސްޕިޓަލްގެ މަސައްކަތް ފެށޭނެ ތާރީހަކާ ގުޅޭގޮތުން ވަޒީރު ވާހަކަދެއްކެވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލް އެޅުމަށްޓަކައި މިދިޔަ ސަރުކާރުން މަސައްކަތްކޮށްފައިވަނީ ރައްޔިތުންނަށް އޮޅޭ ގޮތަށް ކަމަށެވެ.

"ކުރީ ސަރުކާރުން އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ އޮޅޭ ގޮތަށް ކުރެވިފަ ހުރި ކަމެއް، ރައްޔިތުންނަށް އޮޅޭ ގޮތަށް ކޮށްފަ ހުރި ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އޮތީ އެމްއޯޔޫ އެއްގަ ސޮއިކޮށްފަ. އެމްއޯޔޫއަކީ އެނގިވަޑައިގަންނަވާނެ އޭގަ ސޮއިކުރުމަށްފަހު އޭގަ ތަފްސީލީ ބައެއް މައުލޫމާތުތައް ހޯދައި އޭގެ މައްޗަށް ކުރެހުންތަކެއް ތައްޔާރުކޮށްފަ އާއްމުގޮތެއްގައި ބަހައްޓާނީ ކޮން ހިދުމަތްތަކެއްތޯ، އަގު ކިހާވަރަކަށް ދާނެތޯ، ކުރެހުން އޮންނާނީ ކޮން ގޮތަކަށްތޯ މި މަސައްކަތްތައް ކުރުމަށްޓަކައި." ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެކަން ކުރީ މިދިޔަ ރިޔާސީ އިންތިހާބަށް ދިމާކޮށް، ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގަ އެވެ.

އެ ރަށުގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް މިދިޔަ ސަރުކާރުން ނިންމި ނަމަވެސް، އެ ހޮސްޕިޓަލް އިތުރަށް ބޮޑު ކުރެވޭނެ ގޮތެއް ނެތުމުން ނިންމާފައިވަނީ ވަކި ބިމެއްގައި އާ އިމާރާތެއް އެޅުމަށެވެ.

އެކަމަށް އަލިއަޅުވާލައްވަމުން ހަލީލް ވިދާޅުވީ، އާ އިމާރާތަށް ވެސް ބޮޑު ހަރަދެއް ދާނެ ކަމަށް ބެލެވޭއިރު މިހާރު ހުރި ހޮސްޕިޓަކަށް ވެސް ދައުލަތުން ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އާ އިމާރާތެއް އެޅުމުގެ ބަދަލުގައި މިހާރު ހުރި ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުމާ ގުޅިގެން ވެސް ތިނަދޫގައި އިސްކޮށް އުޅޭ ރަށްވެހިންނާ އެކު މަޝްވަރާ ކުރެވުނު ކަމަށެވެ.

"އަޅުގަނޑުމެންނަށް އަނެއްކާވެސް މި ދިމާވާ މައްސަލައަކީ އެބަހުރި ވަރަށް ފަހުން އިމާރާތްކޮށް ނިންމާފަ ހުރި ބައެއް އިމާރާތްތައް. ވަރަށް ފަހުން ގާއިމުކޮށްފަ ހުރި ބައެއް ހިދުމަތްތައް އެބަހުރި. އެހެންމަ މީގަ އަޅުގަނޑުމެން އުފައްދަންޖެހޭ ސުވާލަކީ ބިލިއަނެއްހާ ރުފިޔާ އަޅުގަނޑުމެން ބޭކާރުކޮށްލާއިރު މިއީ ރައްޔިތުންގެ ފައިސާ. އެކަން އަޅުގަނޑުމެން ކުރާނީތޯ، ކޮށްފަ އެތަން ބޭކާރު ތަނަކަށް ހަދާނީތޯ ނޫނިއްޔާ އަނެއްކާ އަނެއް ބިލިއަން ރުފިޔާ ހަރަދުކޮށްފަ އާ ހޮސްޕިޓަލަކާ ދިމާލަށް ދާނީތޯ." ހަލީލް ވިދާޅުވި އެވެ.

އެ މަޝްވަރާތަކުގެ ނަތީޖާ ވިދާޅުނުވި ނަމަވެސް އޭނާ ވަނީ އާ އިމާރާތުގެ މަސައްކަތްތައް ވެސް ކުރިއަށްދާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ޑިޒައިންގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު ފަންޑިން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާކަން ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ މިއަހަރުގެ ފަހުކޮޅު ވެސް އެ އިމާރާތުގ މަސައްކަތް ފެށުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

https://wamco.com.mv/
tel:+9607331319