logo

އައްބާސް ޕީޖީގެ މަގާމަށް އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

profile

ޝުރުފާ މުހައްމަދު - 16 ސެޕްޓެމްބަރު 2024 - 10:46

ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އައްބާސް ޝަރީފް--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އައްބާސް ޝަރީފް--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކެޓްރީ އައްބާސް ޝަރީފް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

https://wamco.com.mv/

ޕީޖީގެ މަގާމަށް އައްބާސްގެ ނަން ރައީސް ހުށަހެޅުއްވީ، އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މިދިޔަ މަހުގެ 22 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އައްބާސްއާއި އެކު އިތުރު 5 މީހަކު ވެސް އެ މަގާމަށް ކުރިމަތިލެއްވިއެވެ.

މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަން، ރައީސް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިމަހުގެ 11 ވަނަ ދުވަހުގަ އެވެ. އެ ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު އިސްކަން ދެއްވާފައި އޮތީ އައްބާސްގެ ނަމަށެވެ.

ރައްޔިތުންގެ މަޖިލީހުގަައި މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީ ބައްދަލުވުމުގައި އައްބާސްއާ އިންޓަވިއުކޮށްފައި ވާއިރު، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން ވަނީ އައްބާސްއަށް ޖުމްލަ 93.91 ޕޮއިންޓު ދީފައެވެ.

ގަވާއިދު އޮންނަ ގޮތުން 75 ޕޮއިންޓަށް ވުރެ ގިނައިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ނަން ފާސްކުރަން ތަޅުމަށް ފޮނުވަން ޖެހެއެވެ. އެހެންވެ ޕީޖީގެ މަގާމަށް އައްބާސްގެ ނަން ފާސްކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވީ މިއަދު ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 7 މެމްބަރުންގެ އިއްތިފާގުންނެވެ.

ތަޅުމުގައި މިކަމަށް ވޯޓަށް އަހާނީ މާދަމާ ބާއްވާ ދައުރުން ބޭރު ތިން ވަނަ ޖަލްސާގައެވެ.

އައްބާސް އަކީ ކާކު؟

އައްބާސް ޝަރީފަކީ ރާއްޖޭގެ ޝަރުއީ ދާއިރާއަށާއި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މަތީ ތައުލީމު ހާސިލުކުރެއްވީ ގާނޫނީ ދާއިރާއިންނެވެ.

އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން 2000 ވަނަ އަހަރު ބެޗްލަރ އޮފް ލޯ ޙާސިލުކުރައްވައިގެން ހުންނެވި އައްބާސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ލީގަލް އޮފިސަރުކަމާއި، ލީގަލް އޮފިސަރުކަމާއި އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމު ފުރުއްވާފައެވެ.

ޖުޑީޝަލް ސާވިސް ސާވިސް ކޮމިޝަނަށް ރައިސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރުކަމުގެ މަގާމުވެސް ފުރުއްވިއިރު އޭނާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެޕީލްސް ކޮމިޓީގެ ނާއިބު ރައީސްކަން ވެސް ކުރެއްވިއެވެ. ހައި ކޯޓުގެ ފަނޑިޔާރަކަށް އައްބާސް އައްޔަނުކުރީ 2011 ވަނަ އަހަރުއެވެ. ފަނޑިޔާރަކަށް އައްޔަނުކުރުމުގެ ކުރިން އެބޭފުޅާ މަޝްހޫރުވެފައިވަނީ ކުޅަދާނަ ވަކީލެއްގެ ގޮތުގައެވެ.

ރާއްޖޭގެ ހުރިހާ މަރުހަލާއެއްގެ ޝަރުއީ ކޯޓުތަކުގައި ވަކަލާތު ކުރެއްވި އައްބާސް ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމުގެ ވަކީލުކަން ވެސް ކުރައްވާފައެވެ.

އެގޮތުން، 2015 ވަނަ އަހަރު ފަނޑިޔާރުކަމުން ރިޓަޔަރ ކުރެއްވުމަށްފަހު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަބުރުފުޅާ އެމްޑީޕީން ބެހުނު މައްސަލައެއްގައި އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި އުޅުއްވި އައްބާސް ވަނީ، 2018 ގެ ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319