logo

ޕީޖީގެ މަގާމަށް އައްބާސް ޝަރީފް އައްޔަނުކުރަން ފާސްކޮށްފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 17 ސެޕްޓެމްބަރު 2024 - 11:13

ޕީޖީއަކަށް  އައްބާސް ޝަރީފް އައްޔަނުކުރުމަށް މަޖިލީހުން ވަނީ ރުހުން ދީފަ  (ފޮޓޯ/ޖުޑީޝަރީ ކޮމިޓީ)

ޕީޖީއަކަށް އައްބާސް ޝަރީފް އައްޔަނުކުރުމަށް މަޖިލީހުން ވަނީ ރުހުން ދީފަ (ފޮޓޯ/ޖުޑީޝަރީ ކޮމިޓީ)

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ހ. ޔެލޯރޯސް އައްބާސް ޝަރީފް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ގޮތަށް އެ މަގާމަށް އައްބާސް އައްޔަނުކުރަން ތަޅުމުން މިއަދު ފާސްކުރީ 85 މެމްބަރުންގެ ވޯޓާ އެކުއެވެ.

ޕީޖީގެ މަގާމަށް އައްބާސްގެ ނަން ރައީސް ހުށަހެޅުއްވީ، އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މިދިޔަ މަހުގެ 22 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އައްބާސްއާއި އެކު އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަން، ރައީސް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި އޮތީ އައްބާސްގެ ނަމެވެ.

ޖުޑީޝަރީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އައްބާސްއާ އިންޓަވިއުކޮށްފައި ވާއިރު، ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން ވަނީ އައްބާސްއަށް ޖުމްލަ 93.91 ޕޮއިންޓު ދީފައެވެ. ގަވާއިދު އޮންނަ ގޮތުން 75 ޕޮއިންޓަށް ވުރެ ގިނައިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ނަން ފާސްކުރަން ތަޅުމަށް ފޮނުވަން ޖެހެއެވެ.

އައްބާސް ޝަރީފަކީ ރާއްޖޭގެ ޝަރުއީ ދާއިރާއަށާއި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މަތީ ތައުލީމު ހާސިލުކުރެއްވީ ގާނޫނީ ދާއިރާއިންނެވެ.

އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން 2000 ވަނަ އަހަރު ބެޗްލަރ އޮފް ލޯ ޙާސިލުކުރައްވައިގެން ހުންނެވި އައްބާސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓެންޓް ލީގަލް އޮފިސަރުކަމާއި، ލީގަލް އޮފިސަރުކަމާއި އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމު ފުރުއްވާފައެވެ.

ޖުޑީޝަލް ސާވިސް ސާވިސް ކޮމިޝަނަށް ރައިސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރުކަމުގެ މަގާމުވެސް ފުރުއްވިއިރު އޭނާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެޕީލްސް ކޮމިޓީގެ ނާއިބު ރައީސްކަން ވެސް ކުރެއްވިއެވެ. ހައި ކޯޓުގެ ފަނޑިޔާރަކަށް އައްބާސް އައްޔަނުކުރީ 2011 ވަނަ އަހަރުއެވެ. ފަނޑިޔާރަކަށް އައްޔަނުކުރުމުގެ ކުރިން އެބޭފުޅާ މަޝްހޫރުވެފައިވަނީ ކުޅަދާނަ ވަކީލެއްގެ ގޮތުގައެވެ.

ރާއްޖޭގެ ހުރިހާ މަރުހަލާއެއްގެ ޝަރުއީ ކޯޓުތަކުގައި ވަކަލާތު ކުރެއްވި އައްބާސް ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމުގެ ވަކީލުކަން ވެސް ކުރައްވާފައެވެ. އެގޮތުން، 2015 ވަނަ އަހަރު ފަނޑިޔާރުކަމުން ރިޓަޔަރ ކުރެއްވުމަށްފަހު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަބުރުފުޅާ އެމްޑީޕީން ބެހުނު މައްސަލައެއްގައި އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި އުޅުއްވި އައްބާސް ވަނީ، 2018 ގެ ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރައްވާފައެވެ.

https://int.etukuri.mv/
tel:+9607331319