logo

މުޒާހަރާ ކުރި މީހުން ޑީޕޯޓްކޮށްލާ މައްސަލަ އެޗްއާރްސީއެމުން ބަލަނީ

profile

ޝުރުފާ މުހަންމަދު - 27 ޖުލައި 2024 - 23:52

ތިނަދޫގައި ބިދޭސީ މަސައްކަތްތެރިން ކުރި މުޒާހަރާގެ ތެރެއިން

ތިނަދޫގައި ބިދޭސީ މަސައްކަތްތެރިން ކުރި މުޒާހަރާގެ ތެރެއިން

ބަންގްލަދޭޝްގައި ހިންގަމުން ދިޔަ ހަމަނުޖެހުންތަކާ ގުޅުވައި، ގދ. ތިނަދޫގައި ތިބި ބަންގްލަދޭޝް މަސައްކަތްތެރިން އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި އިސްކޮށް އުޅުނު މީހުން ޑިޕޯޓްކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާތީ އެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

ގދ. ތިނަދޫގައި މިދިޔަ ހަފުތާގައި ބަންގްލަދޭޝް ރައްޔިތުންތަކެއް ސުލްހަވެރި މުޒާހަރާއެއް ކުރިއަށް ގެންދިޔައީ ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ކުރަމުންދާ މުޒާހަރާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނެވެ.

އެއީ ސިޔާސީ ހަރަކަތެއްގެ ގޮތުގައި ބަލާ ސަރުކާރުން ވަނީ އެކަމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ޑީޕޯޓްކުރަން ނިންމާފަ އެވެ. އަދި ހޯމް މިނިސްޓަރ އަލީ އިހުސާން ވަނީ އެކަން އިއުލާންކުރައްވާފަ އެވެ. އެކަމާ ގުޅިގެން އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ނިންމުން އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ.

އެޗްއާރްސީއެމް އިން ބުނީ ދިވެހިރާއްޖެއިން ސޮއި ކޮށްފައިވާ އދ. ގެ އިންސާނީ ހައްގުތަކުގެ އާންމު ގަރާރު (އައިސީސީޕީއާރު) ގެ 21 ވަނަ މާއްދާގައި ބިދޭސީން ހިމެނޭހެން ހުރިހާ އެންމެންނަށް ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރުމުގެ ހައްގު ކަށަވަރު ކޮށްދޭންޖެހޭ ކަމަށެވެ. އަދި އެ ހައްގަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ވެސް ލިބިދީފައިވާ ހައްގެއް ކަމަށް އެޗްއާރުސީއެމުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ތިނަދޫގައި މުޒާހަރާ ކުރި ބިދޭސީން ޑީޕޯޓްކޮށްލަން މަސައްކަތްކުރާ މައްސަލާގައި ޓްރާންސްޕޭރެންސީން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެގޮތުން ޓްރާންސްޕޭރެންސީން ބުނީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ނިގުޅައިގަނެވޭ ގޮތަށް ވިސާގެ ޝަރުތުތައް ކަނޑައެޅުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި ބިދޭސީން ރާއްޖޭގެ އެއްވެސް ގާނޫނަކާއި ގަވާއިދަކާ ހިލާފުނުވާހާ ހިނދަކު ހައްޔަރުކޮށް ވަޒީފާއިން ވަކިކޮށް އަނބުރާ ފޮނުވާލުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

https://wamco.com.mv/
tel:+9607331319