logo

ތިނަދޫ ޖޭޕީގެ ކެމްޕެއިން ޓީމު ރައީސް ސޯލިހަށް ތާއީދުކޮށްފި

profile

އަހުމަދު ޒަލީފު - 23 ސެޕްޓެމްބަރު 2023 - 17:36

ޤާސިމް ތިނަދުއަށް ވަޑައިގަތުން

ޤާސިމް ތިނަދުއަށް ވަޑައިގަތުން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމައި، ގދ. ތިނަދޫގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެމްޕެއިން ޓީމު އެމްޑީޕީއާ ގުޅިއްޖެއެވެ.

އެނގިފައިވާ ގޮތުގައި ތިނަދޫގައި ޖޭޕީގެ ކެމްޕެއިން ޓީމުގައި ހިމެނޭ ވަރަށް ގިނަ ބަޔަކު ވަނީ ރައީސް ސޯލިހް ފަހަތަށް އަރައި، އެމްޑީޕީ އަށް ކެމްޕެއިން ކުރުމުގެ މަސައްކަތް ފަށައިފައެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ރައީސް ސޯލިހަށް ކެމްޕެއިން ކޮށްދިނުމުގެ ގޮތުން ދޮރުން ދޮރަށް ހިނގުމާއި ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ރައީސްގެ ސިޔާސަތުތައް އޮޅުންފިލުވައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޖޭޕީގެ ކެމްޕެއިން ޓީމުގައި ހިމެނޭ މީހުންގެ ބައްދަލުވުމެއް ރޭ ވަނީ ތިނަދޫގައި ހުންނަ ޖޭޕީ ޖަގަހައިގައި ބާއްވައިފައެވެ.

މާފަންނުގައި ޑޯޓުޑޯގެ ހަރަކާތްތަކުގެ ތެރޭގައި އުޅުއްވަމުން ރައީސް އެންމެ ފަހުން ނޫސްވެރިންނަށް ވިދާޅުވީ ދެވަނަ ބުރުގެ އިންތިހާބާ ކުރިމަތިލާ އިރު، ސިޔާސީ ބައެއް ޕާޓީތަކުގެ ތާއީދު ލިބެމުންދާތީ މިއީ އިންތިހާބު ކާމިޔާބު ކުރުމަށް ލިބޭ އިތުރު ފަސޭހަ ކަމެއް ކަމަށެވެ.

އެގޮތުން، ދަ ޑިމޮކްރެޓްސް އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ގިނަ މެމްބަރުންގެ ތާއީދު އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިހާރު ވެސް ޑިމޮކްރެޓްސްގެ ބޮޑު ބައެއްގެ ތާއީދު އޮތީ އެމަނިކުފާނަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޑިމޮކްރެޓްސްގެ ގާތްގަނޑަކަށް ހުރިހާ އެންމެންގެ ތާއީދު ލިބޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ޑިމޮކްރެޓްސްގައި ތިއްބެވީ އެމްޑީޕީގެ ފިކުރާއި ވިސްނުމުގައި ތިއްބެވި ބައެއް." ރައީސް ވިދާޅުވިއެވެ.

އެންމެ ގިނަ ވޯޓާ އެކު، މި މަހުގެ 30 ގައި ބާއްވާ ދެ ވަނަ ބުރުގެ ވޯޓުގައި ވާދަކުރައްވަނީ މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް 86،161 ވޯޓެވެ.




https://int.etukuri.mv/
tel:+9607331319