logo

އިއްޒަތްތެރި މެމްބަރު، ކުރި ކަމެއް ނުކުރާ ކަމަކަށް ނުވާނެ ނޫންތޯ؟

profile

އަހުމަދު ޖަމީލު - 21 ސެޕްޓެމްބަރު 2024 - 19:13

އިއްޒަތްތެރި މެމްބަރު ކުރި ކަމެއް ނުކުރާ ކަމަށް ނުވާނެކަން ދޭހަވާ ގްރެފިކަސްއެއް --- ގްރެފިކްސް: އަސްލު / އިސާމް ޟާމިރް

އިއްޒަތްތެރި މެމްބަރު ކުރި ކަމެއް ނުކުރާ ކަމަށް ނުވާނެކަން ދޭހަވާ ގްރެފިކަސްއެއް --- ގްރެފިކްސް: އަސްލު / އިސާމް ޟާމިރް

ކަމެއް ކޮށްފައި ނޫން ކަމަށް ހެދިގެން އުޅުމަކީ އިންސާނާގެ ޠަބީއަތުގައި ހުންނަ ކަމެކެވެ. އެކަމަކު، ކުރި ކަމަކަށް އެއްބަސްވެ "މަށެއް ނޫނޭ" ބުނެ ރެކެން އުޅުމަކީ ޠަބީއަތުގައި ލެއްވި ގޮތޭ ބުނަން ހެޔޮ ނުވާނެއެވެ. އެއީ އިންސާނާ ހިސާބަށްވުރެ ޖާހިލުވީމާ ވެއްޓޭ ދަރަޖައެކެވެ.

މީޑިއާތައް ގޮވައިގެން މީޑިއާ ކައުންސިލަށް ވަޑައިގަންނަވާ އިއްޒަތްތެރި މެމްބަރެވެ. މަނިކުފާނުވެސް ހާވަން ތިޔަ އުޅުއްވަނީ މިދެންނެވި ބީދައިގެ ހަޑިއެކެވެ. ގދ. ތިނަދޫގައި ހިނގި ކަމަށް ބުނާ ބޮޑު ސިހުރުގެ ކުޅިގަނޑުގެ ވާހަކަ މީޑިއާގެ ފަލަ ސުރުޚީތަކަށް އެރީމާ އެންމެ ފުރަތަމަ "މަށޭ އެބަ ކިޔާހޭ؟" ވިދާޅުވެ، މިސްކިތުގައި ހުޅުޖެހި މީހާއަށް ވެވަޑައިގަތީމު ނޫންތޯއެވެ؟ ސިހުރުވެރީން ކަމަށް ބުނާ ދެ މީހުންނަކީ، ތިމަންނަގެ އާއިލާއާ ގާތް ގުޅުމެއްވާ ބައެއް ކަމަށް ވިދާޅުވެ އެކަމާ ތިޔަ އިއްޒަތްތެރި މެމްބަރު ހަވާލުވެވަޑައިގަތީމު ނޫންތޯއެވެ؟

ވައްކަން ކުރާ މީހަކު ތިމަންނައަކީ ވަގެކޭ ނުބުނާނެ ބީދައިން "ތިނަދޫ ސިހުރުގެ ކުޅިގަނޑަކީ" ސީދާ ތިމަންނަ ކުރި ކަމަކޭ އިއްޒަތްތެރި މެމްބަރު ވިދާޅުނުވާނޭކަން މަަށަށްވެސް އެބަ އެނގެއެވެ. އެކަމަކު، މީހަކު ކަމަކާ ހަވާލުވާން ހުރިއްޔާ ހަވާލުވާނެތާއެވެ. މަތިންބައިން ޖެހިގެން މިކަމުގެ ތެރެއަށް ފުންމާލެއްވީ ޚުދު ތިޔަ ޢިއްޒަތްތެރި މެމްބަރެވެ. އަސްލު ނޫހުން ނޫނީ މިނޫހުގެ ނޫސްވެރިޔަކު ނޫނީ އަދި ކިއެއް މިތަނުގެ ވެރިޔަކު ތިޔަ މަނިކުފާނު ކޮއްޕާ، ވައްޓާލީކީ ނޫނެވެ.

ގދ ތިނަދޫގައިނުވަތަ ތިނަދޫ ސިޓީގައި ސަހަރާއަށް ސިހުރު ހަދަން ވަންނަ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ތުންތުން މަތިން ދޭތެރެއަކުން ސިހުރުގެ ވާހަކަ، ސަހަރާއަށް މަހާނަތަކަށް ސިހުރު ހަދާވާހަކަ އަދި ސިހުރު ނައްތާލަން ވަންނަ ވާހަކަ ފެންމަތިވެއެވެ. ސަހަރާގެ މަގުފާރު ތިރިކުރަން ޖެހުނީވެސް މިފަދަ ކަންކަން ހިނގާތީކަމަށް ވެއެވެ.

2023 ވަނަ އަހަރުވެސް މިފަދަ ކަމަކާ ހުރެ ތިނަދޫގެ މަޝްރަހު ހަލަބޮލިވިއެވެ. ސިހުރުގެ ބޮޑު ކުޅިގަނޑެއް ހިނގާފައިވާ ކަމަށް ބުނަނިކޮށް މީސްމީޑިއާގައި ދެން ދައުރުވާން ފެށީ އެހެން ވާހަކައެކެވެ. ސިހުރު ހަދަން ގެނެސްފައިވާ ކާހިނުން ކަމަށް ބުނާބަޔަކު ތިނަދޫގައި އުޅޭ ވާހަކައެވެ. މީސްމީޑިއާއިން ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުގައިރާއްޖެއިން ބޭރު ބަޔަކު ގެސްޓްހައުސްއަކުން ނެރެ ސައިކަލެއްގެ ފަހަތަށް އަރުވައިގެން ގެންދާތަން ފެނެއެވެ. ސައިކަލު ދުއްވަން އިނީ އިއްޒަތްތެރި މެމްބަރާ ލޭގެ ގޮތުން ގުޅިފައިވާ މީހަކާ ވައްތަރު މީހެކެވެ. އާއިލާއާ އެ މީހުންނާ ގާތް ކަމަށް އިއްޒަތްތެރި މެމްބަރު ވިދާޅުވެފައިވާތީ ހަމަ ބުރަވެވެނީ ދުއްވަން އިނީ ތިޔަ ޢިއްޒަތްތެރި މެމްބަރުގެ އާއިލީ މީހެއް ކަމަށެވެ.

ކާހިނުން ކަމަށް ބުނާ ދެ މީހުން ހޯދަން އިމިގްރޭޝަނުން ނޯޓިސްވެސް ނެރުނެވެ. ތެދެކެވެ. ތިނަދޫއަށް ގެންދިޔަ ދެ މީހުންނަކީ ސިހުރުވެރިން ކަމަށް ރަސްމީ އެއްވެސް އިދާރާއަކުން ނިންމާފައި ނުވެއެވެ. އަދި ހަމަ އެހެންމެ، އެއީ ސިހުރުވެރިން ނޫން ކަމަށްވެސް ރަސްމީ އެއްވެސް އިދާރާއަކުން ނިންމާފައި ނުވެއެވެ. އެކަން ނިންމީ ރައްޔިތުންނެވެ. އިމިގްރޭޝަނުން ހޯދަން އިޢުލާންކޮށްފައިވާ އިންޑިޔާގެ މި ދެ މީހުން ރާއްޖެ ގެނައީ ކޮން ބޭނުމެއްގައި ކާކުކަން އެތައް ބައެއްގެ މެދުގައި ސުވާލު އުފެދި، ކަންބޮޑުވުން އުފެދިފައިވަނިކޮށް، އެ ދެމީހުން މާލެއިން ކާޑެއްދޫއަށް އަދި ކާޑެއްދޫން މޭލެއަށް ނަގާފައިވާ އެއާރ ޓީކެޓްތައްވެސް ސޯޝަލްމީޑިއާގައި ވަނީ އާއްމުވެފައެވެ. މި ދެ މީހުންގެ ދަތުރާއި އެހެނިހެން އިންތިޒާމުތައްވެސް ހަމަޖައްސައިދީފައިވަނީ، ތިޔަ އިއްޒަތްތެރި މެމްބަރޭ ވިދާޅުވެ އެކަމާ އެއްްބަސްވެވަޑައިގަތީ އަމިއްލަފުޅަށެވެ. އަޅެ ދޮގު ކޮށްބަލާށެވެ. ޓިކެޓްތަކުގެ ބުކިންގ ވެސް ހަދާފައިވަނީ މީޑިއާތައް ގޮވައިގެން މީޑިއާ ކައުންސިލަށް ވަޑައިގަންނަވާ ތިޔަ ޢިއްޒަތްތެރި މެމްބަރުގެ ނަމްބަރު ބޭނުކޮށްގެންނެވެ.

އިއްޒަތްތެރި މެމްބަރެވެ. އަސްލު ނޫހާއި އަސްލު ޓީވީ ސްޓޭޝަނުން މަސައްކަތް ކުރަނީ ވަރަށް ބޮޑަށް ޒާތީގޮތުން ޖައްސާލައިގެން ކަމަށް ތިޔަ ޢިއްޒަރްތެރި މެމްބަރު އަޑަށް ބާރުލާފައި ވިދާޅުވިޔަސް ކުރި ކަމެއް ނުކުރާ ކަމަކަށް ނުވާނެ ނޫންތޯއެވެ؟

މެކުނު ފުމުނުކަސް ގާހަކައަކަށް ނުފުމެވޭނެކަން ދަންނައްޗެެވެ. ދުނިޔޭގައި ލެއްވިހާ މީޑިއާއަކަށް ވަރުވަރުން އިންޓަރވިއުތައް ދިނަސް، ތިން ސުމެއްގެ ދިހަ ނޫޓު ދީގެން ނޫސް ރިޕޯޓުތައް ލިޔުއްވިޔަސް މި ހަގީގަތް ބަދަލެއް ނުވާނެެއެވެ. ކުރި ކަމެއް ނުކުރާ ކަމަކަށް ނުވާނެ ނޫންތޯއެވެ؟ މިސްކިތުގައި ހުޅުޖެހި މީހާ ހެދިގެން އުޅެފައި ތިޔަ ވަނީ އައިމިނާބީއަށެވެ. ކިތަންމެ ވަރަކަށް މަށެއް ނޫނޭ ވިދާޅުވިޔަސް ހަމަ ކުރި ކަމެއް ނުކުރާ ކަމަކަށް ނުވާނެ ނޫންތޯއެވެ؟


https://wamco.com.mv/
tel:+9607331319