
ގާޒީ ބިލްޑިންގ ހުރި ބިމުގައި ތަރައްގީ ކުރި ޕާކިންގ ޒޯނު ހުކުރު ދުވަހު ހުޅުވަނީ

މުޙައްމަދު ފަޟްލޫން - 21 ސެޕްޓެމްބަރު 2026 - 13:11
މާލޭގެ ކުރީގެގާޒީ ބިލްޑިންގ ހުރި ބިމުގައި ތަރައްޤީކުރާ ޕާކިންގ ޒޯނުގެ މަސައްކަތްތައް އެއްކޮށް ނިންމައި، ކުރިއަށްއޮތް ހުކުރު ދުވަހު އާންމުންނަށް ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ސަރުކާރުގެ މުހިންމު ގިނަ އޮފީސްތަކެއް އެތައް އަހަރެއް ވަންދެން ހިންގި ޣާޒީ ބިލްޑިންގ 2023 ވަނަ އަހަރު ތަޅާލުމަށްފަހު، އެ ބިން ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އެ ވުޒާރާގެ ޕަބްލިކް ވަރކްސް ޑިޕާޓްމަންޓުން ފަށާފައިވަނީ މިއަހަރުގެ މާރިޗު މަހުގައެވެ.
އަލަށް ތަރައްޤީކުރި މި ސަރަޙައްދުގައި 370 އަށްވުރެ ގިނަ ސައިކަލު ޕާކުކުރެވޭނެ ޖާގައިގެ އިތުރުން، އާންމުންނަށް މަޑުކޮށްލައިގެން ތިބެވޭނެ ފަދަ ހިތްފަސޭހަ ކުޑަ ޕާކެއްވެސް ވަނީ ހިމަނާފައެވެ. އަދި ދިވެހި ފުލުހުންނާއި ސިފައިންގެ ހިދުމަތުގެ އުޅަނދުތައް ޕާކުކުރުމަށް ހާއްސަ ޖާގައެއް ކަނޑައަޅާފައިވާއިރު، މިވަގުތު ކުރިއަށްދަނީ ޕާކިންގ ލައިންތައް ކުރެހުމާއި އިފްތިތާޙުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ. މިއީ ސަރުކާރުގެ މައި އޮފީސްތައް ގިނަ އަދަދަކަށް ހުރުމުގެ ސަބަބުން، ޕާކިންގގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ސަރަޙައްދެކެވެ.
ވެރިރަށް މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، މަގުތަކަކީ ދުއްވާ ފަރާތްތަކަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ރައްކާތެރި، ލުއިފަސޭހަ ތަނަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޒަމާނީ ފެންވަރަށް އަލުން ހެދި އަމީނީ މަގުގައިވެސް ވަނީ 500 ސައިކަލުގެ ޕާކިންގ ޒޯނެއް ތަރައްޤީކޮށްފައެވެ.
ދުވަހެއް ދުވަހަކަށް އެއްގަމު އުޅަނދުފަހަރު އިތުރުވަމުން އަންނައިރު، މާލެ ސަރަޙައްދުގެ ޕާކިންގ މައްސަލައަށް ދެމެހެއްޓެނިވި އަދި ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެ މަޝްރޫޢަށްވުރެ މިވަގުތަށް މުހިންމީ ވަގުތުން ފައިސާ ލިބޭނެ ހަރުމުދަލެއް ވިއްކުން: ރައީސް ނަޝީދު
25 މިނިޓު ކުރިން

ރޯދަމަހުގެ ދަނޑުވެރިންގެ ބާޒާރުގައި ތަކެތި ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި
27 މިނިޓު ކުރިން

ބިދޭސީންގެ ފީތަކާއި ޖޫރިމަނާއިން ދައުލަތަށް ނުލިބި އޮތް 1.2 ބިލިއަން ރުފިޔާ ހޯދައިފި
29 މިނިޓު ކުރިން

ޝައިހް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި މިސްކިތެއް އަޅަނީ
ގަޑިއިރެއް ކުރިން


