
ބިދޭސީންގެ ފީތަކާއި ޖޫރިމަނާއިން ދައުލަތަށް ނުލިބި އޮތް 1.2 ބިލިއަން ރުފިޔާ ހޯދައިފި

މުޙައްމަދު ފަޟްލޫން - 21 ސެޕްޓެމްބަރު 2026 - 13:08
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1.2 ބިލިއަން ރުފިޔާ މިހާތަނަށް ހޯދާފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހްމަދު އަސަދު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ކޯޓާ ފީއާއި އެކި ބާވަތުގެ ޖޫރިމަނާތަކުގެ ގޮތުގައި ދައުލަތަށް ނުލިބި 1.7 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އޮތް ކަމަށެވެ. އެހެންނަމަވެސް، ފާއިތުވި މުއްދަތުގައި ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއެކު އޭގެ ބޮޑުބައެއް މިހާރު ދައުލަތަށް ހޯދިފައިވާ ކަމަށާއި، މި ފައިސާ ހޯދުމަށްޓަކައި ހިދުމަތް ދިނުމުގެ ނިޒާމަށް މުހިންމު އިސްލާޙީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން، ގަވާއިދުން ފީ ނުދައްކާ ފަރާތްތަކަށާއި ޖޫރިމަނާ ފައިސާ ނުދައްކާ ހުންނަ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދެމުން އައި ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލުމާއެކު، ގިނަ ފަރާތްތަކަކުން ފައިސާ ދައްކައި ގަވާއިދަށް ފެތުމަށް މަސައްކަތް ކުރަމުންދާކަން އަސަދު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެކި ސަބަބުތަކާ ހުރެ ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ އަރާފައިވާ ކުންފުނިތަކަށާއި ވަޒީފާދޭ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، ބަހާލައިގެން (އިންސްޓޯލްމަންޓް އުސޫލުން) ފައިސާ ދެއްކޭނެ އިންތިޒާމުވެސް ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިއީ ވިޔަފާރިތަކަށް މާލީ ދަތިކަމެއް ކުރިމަތިނުވާނޭހެން، ދައުލަތަށް ދައްކަންޖެހޭ ފައިސާ ހަލާސްކުރަން މަގުފަހިކޮށްދިނުމުގެ ގޮތުން ފަހިކޮށްދިން ފުރުސަތެއް ކަމުގައިވެސް އަސަދު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެ މަޝްރޫޢަށްވުރެ މިވަގުތަށް މުހިންމީ ވަގުތުން ފައިސާ ލިބޭނެ ހަރުމުދަލެއް ވިއްކުން: ރައީސް ނަޝީދު
26 މިނިޓު ކުރިން

ގާޒީ ބިލްޑިންގ ހުރި ބިމުގައި ތަރައްގީ ކުރި ޕާކިންގ ޒޯނު ހުކުރު ދުވަހު ހުޅުވަނީ
26 މިނިޓު ކުރިން

ރޯދަމަހުގެ ދަނޑުވެރިންގެ ބާޒާރުގައި ތަކެތި ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި
27 މިނިޓު ކުރިން

ޝައިހް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި މިސްކިތެއް އަޅަނީ
ގަޑިއިރެއް ކުރިން


