logo

މާލެ ނޫން ރަށެއްގައި އައިޑީކާޑު ޕްރިންޓުކުރާ ފުރަތަމަ ރަށަކަށް ވިލިނގިލި

profile

ޝުރުފާ މުހަންމަދު - 19 ސެޕްޓެމްބަރު 2024 - 18:02

ގއ. ވިލިނގިލީގައި އައިޑީކާޑު ޕްރިންޓުކުުމުގެ ޚިދުމަތް ފެށުން--- ފޮޓޯ: ހޯމް މިނިސްޓްރީ

ގއ. ވިލިނގިލީގައި އައިޑީކާޑު ޕްރިންޓުކުުމުގެ ޚިދުމަތް ފެށުން--- ފޮޓޯ: ހޯމް މިނިސްޓްރީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު، ޕްރިންޓް ކުރުމުގެ ޚިދުމަތް ގއ. ވިލިނގިލީގައި މިއަދު ފަށައިފި އެވެ.

މިއީ މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ދޭންފެށި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި ޚިދުމަތް ދެނީ ހަމައެކަނި ވެލާނާގެ ބިލްޑިންގގައި ހުންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ އޮފީހުގައެވެ.

ވިލިނގިލީގައި ހިދުމަތް ފެށުމުގެ ގޮތުން މިއަދު އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ޑީއެންއާރު ހިންގެވުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބް އަޙްމަދު އާލީ އާއި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ، ރައްޔިތުންނާ ގާތުން ހުރިހާ ޚިދުމަތެއް ވެސް ލިބޭނެ މަގެއް ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްގެ ގޮތުގައި އެންގެވި ކަމެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރައީސަކު ކަމަކަށް ވައުދުވެވަޑައިގަތުމުން އެކަމެއް ފުރިހަމަ ކުރެވޭނީ އެމަނިކުފާނުގެ ދަށުން މަސައްކަތްކުރައްވާ ޓީމުގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށެވެ. ވިލިނގިލީގައި މި މަސައްކަތް ފެށުމަށް ހޯމް މިނިސްޓްރީ އާއި ޑީއެންއާރްގެ ޓީމާއި އެކު ކައުންސިލުން ކުރި މަސައްކަތް ފާހަގަކޮށް މިނިސްޓަރ އެކަމަށް ޝުކުރު އަދާކުރެއްވި އެވެ.

ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށް ފަހު އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ބަދަލުކުރީ 11 ނޮވެމްބަރު 1993ގައެވެ.

ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ގާއިމު ކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ކޮވިޑާ ގުޅިގެން 2021ގައެވެ. އަދި ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ގާއިމުކުރެވި، އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް ހަމަޖެހުނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އަދި ކާޑު ޕްރިންޓުކުރުމަށް ފަހު، ޑީއެންއާރުން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވައެވެ.

އުމުރުން 10 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންގެ އައިޑީ ކާޑުގެ މުއްދަަތަކީ ފަސް އަހަރެވެ. އަދި 40 އަހަރުން މަތީގެ މީހުންގެ ކާޑުގެ މުއްދަތަކީ 10 އަހަރެވެ. އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑުގެ މުއްދަތު ހަމަނުވާނެ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ޑީއެންއާރުން އަންނަނީ ކުރަމުންނެވެ.

tel:+9607331319