17 ނޮވެމްބަރުގައި ހުވާކުރެއްވުމަށްފަހު ޤައުމުގައި މޫލާފަހުރި ދާހިލީ ސަލާމަތާއިގުޅޭ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ގެންގުޅުއްވާ ޖޮއިންޓް އޮޕަރޭޝަނަލް ކޮންސެޕްޓްގެ ނަތީޖާ ފެންނަމުން ދާ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ 5 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންދިއުމާގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޕޯސްޓުގައި މިނިސްޓަރުވަނީ ރައީސް މުއިއްޒު ގެ ހާއްސަ އިރުޝާދުގެ ދަށުން ހިންގާ ޖޮއިންޓް ޓާސްކްފޯރސް އިން ހިންގަންފެށި މިއޮޕަރޭޝަންގައި ބައިވެރިވާ އެއްމެހާ މުއައްސަސާތަކުގެ ހީވާގި ވެރިން އަދި ހިތްވަރުގަދަ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި 17 ނޮވެމްބަރުގައި ހުވާކުރެއްވުމަށްފަހު ޤައުމުގައި މޫލާފަހުރި ދާހިލީ ސަލާމަތާއިގުޅޭ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ޖޮއިންޓް އޮޕަރޭޝަނަލް ކޮންސެޕްޓްގެ ނަތީޖާ ފެންނަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިއަހަރުގެ ޖުލައި މަހުގައެވެ. މިއާއެކު ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ.
އެ އޮޕަރޭޝަންގައި ބިދޭސީން ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ ތަންތަނާއި ރަށްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ގޮތަށް ކާބޯތަކެތި އުފައްދާ ތަންތަން ރެއިޑްކޮށް ޤަވާޢިދާ ޚިލާފަށް އުޅޭ ގިނަ ބިދޭސީންތައް ދެނެގަނެ އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންގޮސް އެމީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.