logo

ބަރަހަނާ ޗެނަލްތަކަށް ސަބްސްކްރައިބްކުރާ މީހުންގެ ވަނަވަރު ހާމަކުރަން ތާއީދުތަ؟

profile

އާމިނަތު ޝަފާ - 15 ސެޕްޓެމްބަރު 2024 - 18:53

ޓެލެގްރާމް ޗެނެލްތައް ބޭނުންކޮށްގެން ކުށްކުރުންވަނީ އިތުރުވެފައި

ޓެލެގްރާމް ޗެނެލްތައް ބޭނުންކޮށްގެން ކުށްކުރުންވަނީ އިތުރުވެފައި

ރިޕޯޓު ފަށާނީ 2020 ވަނަ އަހަރުގެ ތަފާސްހިސާބެއް ބެލުންތެރިންނަށް ކިޔާދެމުންނެވެ. އެގޮތުން އެކި ގައުމުތަކުގައި ވެބްސައިޓްތައް ބޭނުންކުރާ މިންވަރު ބަލާ ވެބްސައިޓެއް ކަމަށްވާ "ސިމިލާ ވެބް" އިން 2020 ގައި އާންމުކުރި ހިސާބުތައް ދައްކާ ގޮތުގައި އެ އަހަރުގެ އޮކްޓޯބަރުމަހު ރާއްޖޭގައި ގޫގުލްއާއި ޔޫޓިއުބު އަދި ފޭސްބުކްއަށް ފަހު އެންމެ ގިނަ މީހުން ބޭނުންކޮށްފައިވާ ދެ ވެބްސައިޓަކީ ބަރަހަނާ ސައިޓްތަކެވެ. އަދި އެންމެ ގިނައިން ބޭނުން ކުރާ 15 ވެބްސައިޓްތަކުގެ ތެރޭގައި ވެސް ބަރަހަނާ ސައިޓްތައް ހިމެނިފައިވެއެވެ. ހިސާބުތަކަށް ބަލާއިރު ބަރަހަނާ ސައިޓްތަކަށް ދިވެހިރާއްޖެއިން ދުވާލަކު މިލިއަނަކަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.


މިފަހުން ފުލުހުން އަތުލައިގަތް ޗެނަލްގައި 3 ލައްކައަށްވުރެ ގިނަ ވީޑީއޯ

މިފަހުން އަތުލައިގަތް ޓެލެގްރާމް ޗެނަލްސް ތަކުގެ މައުލޫމާތުތައް ހާމަކުރުމުން ރައްޔިތުންނަށް ލިބުނީ ސިހުމެކެވެ. ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް އާންމުކުރީ އެ ކުދިންގެ ވަނަވަރު އެނގޭގޮތަށްކަމަށް ފުލުހުން ރިޕޯޓުކުރިއެވެ. ބަރަހަނާ މަންޒަރު ވިއްކާ ޓެލެގްރާމްގެ ޗެނަލްތަކުގައި އަންހެނުންނާއި ކުޑަކުދިންގެ 300،000 އަށް ވުރެ ގިނަ ފޮޓޯ އާއި ވީޑިއޯ ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުޅާ ދާއިރާއެއްގައި މި އަމަލުތައް ފަތުރަމުން ދިޔަ 571 ޓެލެގްރާމް ޗެނެލް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ވަނީ ތަހްގީގު ކުރަން ފަށާފައެވެ.އެ މައްސަލައާއި ގުޅުން ހުރި އިލެކްޓްރޯނިކް 14 އާލާތް ބަލައި ފާސްކުރިއެވެ. މި ޗެނަލްތަކަށް ވަދެ ފައިސާ ދައްކައިގެން 34،680 މީހުން ޗެނަލްތަކަށް ސަބްސްކްރައިބްކޮށްފައިވާ ކަމަށް މިހާތަނަށް ތަހުގީގަށް ހޯދިފައިވާކަމަށް ފުލުހުން މައުލޫމާތުދިނެވެ.

ޓެލެގްރާމް ޗެނަލްތައް ހިންގައި އެއިން މާލީ މަންފާ ހޯދަމުން ދިޔަ 3 މީހުން ފުލުހުން ހައްޔަރުކޮށް ވަނަވަރުވެސް ވަނީ އާއްމުކޮށްފައެވެ. އެއީ އދ. މަހިބަދޫ، ބަހާރުގޭ ޒުބައިރު އަލީ އާއި މާލެ، ދަފްތަރު ނަންބަރު ރސ 14751 ނާސިފް އަލީ އާއި ކ. ކާށިދޫ، ސިލިންކޯ އިސްމާއިލް ރަބީހުއެވެ. އެ ތިން މީހުންގެ ފޯނު ބެލުމުން އިތުރުކަމެއްވެސް ފާހަގަވިއެވެ. މިފަހުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގަމުންދިޔަ "ލޯބީގެ ސްކޭމް"ތައް ހިންގައިގެންވެސް އެމީހުން ވަނީ ގިނަ ބަޔަކު މަޅީގައިޖައްސާފައެވެ.


ބަރަހަނާ ސައިޓްތައް ބްލޮކް ކުރިގޮތައް ޓެލެގްރާމް ޗެނެލްތައްވެސް ބްލޮކްކޮށްދީ


ވެރިކަމުގެ އެންމެ ކުރީކޮޅު ސަރުކާރުގެ ހާއްސަ އިސްނެގުމަކަށް ބަރަހަނާ ސައިޓްތަކަށް ނުވަދެވޭގޮތައް ބްލޮކްކުރިއެވެ. ނަމަވެސް ޓެލެގްރާމުގައި އެންމެންނަށް ވަދެވޭ ގޮތަށް އެފަދަ ގުރޫޕުތައް އެބަހުއްޓެވެ. މީހުން މަޅީގައިޖެހޭފަދަ އަންހެނުންގެ ފޮޓޯތައް ލައިގެން އިޝްތިހާރުތައް ހަދާފައި ހުންނައިރު އެއްކޮށް ބަލަން ބޭނުންނަމަ ޖެހެނީ ސަބްސްކްރައިބް ކުރާށެވެ. އަސްލު ޓީވީން ހޯދި ހޯދުންތަކުން އެގުނު ގޮތުގައި 300 ރުފިޔާއިން ފެށިގެން ގޮސް 1000 ރުފިޔާއާ ހަމައަށް ވެސް އޭގެ އަގުތައް އެބަހުއްޓެވެ. ފައިސާ ހޯދަން ޓްރާންސްފަރ ކުރާނެ އެކައުންޓަކާއެކު އާއްމުވެފައިވާ މި ކަމަކީ މައިގަނޑުގޮތެއްގައި ވަރަށް ފާޅުގައި ހިންގާ ޖަރީމާއެކެވެ.

ދުނިޔޭގެ އެތައްހާސް ސައިޓުތަކުން ދުވާލެއްގެ މައްޗަށް ތިން ހަތަރު ފަހަރަށް މިފަދަ ހުތުރު މަންޒަރު ބެލުމަކީ ދިވެހިންގެ ތެރެއިން ބަޔަކު ހުއްޓާނުލައި ކުރިކަމެކެވެ. މީގެ ކުރިން ބިދޭސީންގެ އެފަދަ މަންޒަރުތައް ބެލިނަމަވެސް މިއަދު ދިވެހިންގެ ތެރެއިން ބައެެއް މީހުން އާދައަކަށް ހަދާފައިވަނީ ހަމަ އެ ވީޑިއޯއާއި ފޮޓޯގައި ދިވެހިން ހިމެނުމަށެވެ. ދިވެހިންގެ ތެރޭގައި އޮރިޔާން ކާޑު ހެދުން ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. އެކަމުގެ ސަބަބުން ބްލެކްމެއިލްގެ ހާދިސާތައް ގިނަވެ އެންމެ ފަހުން ފުލުހުން އެދުނީ ސަލާމަތީ ގޮތުން ކިިތަންމެ ވަރުގަދަ ސައިޓަކަށްވިޔަސް އަދި ފޮނުވަން ބުނީ ކިތަންމެ ލޯބިވާ މީހެއްވިޔަސް އެފަދަ ތަކެތި އިތުބާރެއްގެ މައްޗަށް ބިނާކޮށް ނުފޮނުވުމަށެވެ.

ބައެއް ދިވެހިން "ކަސްބީ މޮޑެލުން"ނަށް ވެގެން އެފަދަ މަންޒަރުތައް ކުޅެ ވިއްކަނީ މަދު ފައިސާކޮޅަކަށްޓަކައެވެ. ބައެއް ފަރާތްތަކަށް ނޭނގި މި މަޅީގައިޖެހި ނުނިކުމެވޭވަރަށް ވަނީ ބަނދެވި ތާށިވެފައެވެ.

އަމަލަކީ ގާނޫނު ބުނާ ގޮތުން ނަމަ ވަރަށް ސާފުކޮށް އަދަބު ވެސް ދެވިދާނެ ކަމެކެވެ. ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ލިސްޓުގައި ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމުގެ އިތުރުން ގެންގުޅުން މަނާތަކެތީގެ ގޮތުގައި "އޮރިޔާން ކާޑު" ހިމެނެ އެވެ. އޮރިޔާން ކާޑުގެ ގޮތުގައި ހިމެނޭ ތަކެތީގެ ތެރޭގައި ފޮޓޯ އާއި ފިލްމާއި އަޑާއި ވާހަކަ ހިމެނެ އެވެ. ބަދުއަހުލާގީ އަމަލުތައް ދައްކުވައިދޭ އެފަދަ ތަކެތި އުފެއްދުމާއި ގެންގުޅުމާއި ފެތުރުމަކީ 3 މަހާއި 3 އަހަރާއި ދެމެދުގެ މުއްދަތަކަށް އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުން ނުވަތަ 1000 ރުފިޔާއާއި 50،000 ރުފިޔާއާ ދޭތެރޭގެ އަދަދަކުން ޖޫރިމަނާ ކުރެވޭކަމެކެވެ. މި ކުށުގެ އަދަބުގައި ބަޔަކު ޖަލުގައިވެސް އެބަތިއްބެވެ.


ސައިޓްތަކަށް ވަންނަ މީހުން ފަޅާއަރުވާލަންވީ؟


ރާއްޖޭގައި ފާހިޝް ކަންކަން ހުއްޓުވާނަމަ މި ޓެލެގްރާމް ގުރޫޕުތައް ހުއްޓުވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަހުން އާއްމުވި ކޭސްއާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޕޯލްތައްވެސް ނަގަމުންނެވެ. އެމީހުން ބޭނުންވަނީ ޗެނަލްތަކަށް ވަންނަ މީހުންގެ ވަނަވަރާއެކު ރައްޔިތުންނަށް އާއްމުކޮށްލައިދިނުމެވެ. ކަމާބެހޭ އިދާރާތަކަށްވެސް ރައްޔިތުން ގޮވާލީ އެކަމަށެވެ. މި ސުވާލު ފުލުހުންނާ ކުރުމުން ފުލުހުން ވިދާޅުވީ އެފަދަ މީހުން ފަޅާ އަރުވާލުމަށް ފަސް ނުޖެހޭނެކަމަށެވެ.


ކޮންމެއަކަށް ރައްޔިތުން އަޑު އުފުލަންވީއެވެ. ދެކޭ ގޮތް ހާމަކޮށް މުޖުތަމައު އިސްލާހުކުރަން މަަސައްކަތްކުރަންވީއެވެ. ބޭނުންވާގޮތް ތަންފީޒީ އިދާރާތަކާ ހަމައަށް ގެންދަންވީއެވެ. މައްސަލައަށް ހައްލު ލިބުންއޮތީ އޭރުންނެވެ.

tel:+9607331319